ބަނގުރޫޓުވެގެން 2019 ވަނަ އަހަރުގެ އެޕްރީލް މަހު ހުއްޓާލި އިންޑިޔާގެ އަމިއްލަ އެއާލައިން ޖެޓް އެއާވޭޒް އަނެއްކާވެސް އުދުހެން ތައްޔާރުވެއްޖެއެވެ.
ލަންޑަނުގައި މައި އޮފީސް ހުންނަ ކަލްރޮކް ކެޕިޓަލްއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވިޔަފާރިވެރިޔާ މުރަރީ ލާލްޖަލަން ގުޅިގެން އުފައްދާފައިވާ ކަލްރޮކް-ޖަލަން ކޮންސޯޓިއަމުން ޖެޓް އެއާވޭޒް އަލުން 'ދިރުވައި' އެެ އެއާލައިނުގެ ދަތުރުތައް އަލުން ފަށަން ހުށަހެޅި ހުށަހެޅުން އިންޑިޔާގެ ނޭޝަނަލް ކޮމްޕެނީޒް ލޯ ޓްރައިބިއުނަލް (އެންސީއެލްޓީ) އިން ގަބޫލުކުރުމާ ގުޅިގެން، އެކަމާ ގުޅުން ހުރި ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ޖެޓް އެއާވޭޒްގެ ދަތުރުތައް އަލުން ފަށާނެއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އެ އެއާލައިން ދަތުރުކުރާނެ މަންޒިލްތައް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ނިންމާނެއެވެ.
"އަހަރުމެން މިހާރު ކުރަމުން މިދާ މަޝްވަރާތަކާއި، މިއަދު އަހަރުމެންނާއި ހަމައަށް އައި ނިންމުންތަކުގެ މައްޗަށް ބިނާކޮށް، މިއަހަރު ނިމުމުގެ ކުރިން ޖެޓް އެއާވޭޒް އުދުހެން ފަށާނެ ކަމަށް އުއްމީދުކުރުމަކީ ރަނގަޅު އަންދާޒާއެެއް ކަަމަށް ބެލެވެނީ." ނިއުދިއްލީގެ އެންޑީޓީވީއާ ވާހަކަދައްކަވަމުން ގްރާންޓް ތޯންޓަން އެޑްވައިޒަރީގެ ހެޑް އޮފް ރިސްޓަކްޗަރިންގް ސާވިސަސް އަޝިޝް ޗައުޗާރިޔާ ވިދާޅުވިއެވެ.
އެންސީއެލްޓީން މިހާރު ވަނީ 90 ދުވަހުގެ ތެރޭގައި ޖެޓް އެއާވޭޒްގެ އާ ރޫޓުތައް ކަނޑައަޅައި ހުއްދަދިނުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށާއި، ޑިރެކްޓަރެޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނަށް އަންގާފައެވެެ.
މީގެ ދެ އަހަރާއި ދެ މަސް ދުވަސް ކުރިން 2019 ވަނަ އަހަރުގެ 17 ވަނަ ދުވަހު ޖެޓް އެއާވޭޒްގެ ދަތުރުތައް ހުއްޓާލީ އެ އެއާލައިނަށް ލޯނު ދޫކޮށްފައިވާ ބޭންކުތަކުން، އެއާލައިން ހުއްޓުވައި ފައިސާ ހޯދުމަށް އިންޑިޔާގެ އިންސޯލްވެންސީ އެންޑް ބޭންކްރަޕްސީ ކޯޑްގެ ދަށުން މައްސަލަ ހުށަހެޅުމުންނެެވެ. ޖެޓް އެއާވޭޒް ހުއްޓާލިއިރު އެ އެއާލައިނުން ބޭންކްތަކަށް ދައްކަން ހުރި ދަރަނި 80 ބިލިއަން އިންޑިއަން ރުޕީިސް (1.076 ބިލިއަން އެމެރިކާ ޑޮަލަރު) އަށް އަރައެެވެ.
ކުއްޔަށް ހިފާފައިވާ ބޮއިންގ 737-300 މަރުކާގެ 4 މަތިންދާބޯޓާއެކު 5 މޭ 1993 ގައި ދަތުރުތައް ފެށި ޖެޓްއެއާވޭޒްއަކީ އިންޑިޔާގެ ފުރަތަމަ ޕްރައިވެޓް އެއާލައިނެެވެ. އެ އެއާލައިނުގެ ފުރަތަމަ ބައިނަލްއަގުވާމީ ދަތުރު ކޮލޮމްބޯއަށް ކުރީ 2004 ވަނަ އަހަރުއެވެ. 2019 ވަނަ އަހަރު ދަތުރުތައް ހުއްޓާލިއިރު އެ އާލައިނުގައި 119 މަތިންދާބޯޓު އޮތެވެ.
ޖެޓް އެއާވޭޒް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކޮންސޯޓިއަމުން ނިންމާފައިވަނީ ކުރީގެ މަތިންދާބޯޓުތައް ދޫކޮށްލައި މުޅިން އާ 30 މަތިންދާބޯޓާއެކު ދަތުރުތައް ފަށާށެވެ. އަދި ދަތުރުތައް ފަށާއިން ކޮންމެ މަތިންދާބޯޓަކަށް ނިސްބަތުން 50 އާ 75 އާ ދެމެދުގެ މުވައްޒަފުންނަށް ވަޒީފާދޭނެއެވެ.