މިއަހަރު ފަހުކޮޅު ބަދަލުގައި ވެކްސިން ދޭގޮތަށް ކޮވިޑް-19 ގެ ވެކްސިންގެ 1 މިލިއަން ޑޯޒް އިސްރާއީލުން ހޯދަން ފަލަސްޠީނުން ވި އެއްބަސްވުން އުވާލަން ފަލަސްޠީނުން ނިންމައިފިއެވެ.
ޕެލެސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން ރޭ ބުނި ގޮތުގައި އެއްބަސްވުން އުވާލީ އިސްރާއީލުން ހުޅަނގު އައްސޭރިއަށް ފޮނުވަން ފެށި ވެކްސިން ތަކަކީ މުއްދަތު ހަވަމާ ތާރީޚު މާ ކައިރިވެފައިވާ ވެކްސިންތަކަކަށް ވާތީއެވެ.
ބަދަލުގައި ފަހުން ވެކްސިން ދޭ ގޮތަށް އިސްރާއީލާއެކު އެއްބަސްވެފައިވާކަން އިއްޔެ ހެނދުނު ޕީއޭއިން ހާމުކުރުމާއެކު، ފަލަސްތީނުގެ އިސްވެރިންނަށް މީސްމީޑިޔާގައި ގިނަ ބަޔަކު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރިއެވެ. ގިނަ ބަޔަކު ބުނި ގޮތުގައި އިސްރާއީލުން ދޭނީ ފެންވަރު ދަށް އޭގެ އަސަރު ކުޑަ ވެކްސިނެވެ.
އިސްރާއީލުން ވެސް ފަހުން ބުނެފައި ވަނީ ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚު ކައިރިވެފައިވާ ކަމުގައެވެ. އެހެންނަމަވެސް، އިސްރާއީލުންވެސް މުއްދަތު ހަމަވާ ތާރީޚެއް ބުނެފައި ނުވެއެވެ.
ކާމިޔާބު ވެކްސިން ކެމްޕޭނެއްގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ފަހު، އިސްރާއީލު މިހާރު ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް، އިސްރާއީލުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ 4.5 މިލިއަން މީހުންނަށް ވެކްސިން ދީފައި ނުވާތީ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ.
ފަލަސްޠީނުގެ 6 ލައްކަ 58 ހާސް މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2 ލައްކަ 49 ހާސް މީހުންނެވެ. އެއީ އާބާދީގެ %5.3 އެވެ،
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޭ) އިން މިމަހުގެ 17 ވަނަ ދުވަހު ހާމަކުރި ތަފްސީލުތަކުން އެނގޭ ގޮތުގައި އެދުވަހާއި ހަމައަށް ހުޅަނގު އައްސޭރިއާއި ޣައްޒާގައި 3 ލައްކަ 41 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި 3813 މީހުން ވަނީ މަރުވެފައެވެ.