
އަލިފުދާލުގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފިއެވެ.
ދާދި ދެންމެއަކު އިއުލާނު ކުރި ނަތީޖާގައިވާ ގޮތުގައި ވޯޓު ލެއްވި 191 މެންބަރުންގެ ތެރެއިން 143 މެންބަރުން ވޯޓު ދެއްވީ ޝަހިދަށެވެ. ޝާހިދާ ވާދަ ކުރެއްވި އަގްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޒަލްމާއީ ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
ޝާހިދު 76 ވަނަ ސެޝަންގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު ޢަބްދުﷲ ޝާހިދު ވާހަކަފުޅު ފެއްޓެވީ ދިވެހި ބަހުންނެވެ. ވާހަކަފުޅުގެ ފަހުބައި ކުރިއަށް ގެންދެވީ އިނގިރޭސި ބަހުންނެވެ.
މެންބަރުންގެ ޚިޔާލުފުޅާއި މަޝްވަރާގެ ބޭނުންފުޅު ކުރައްވައި މުޅި އަލިފިދާލު ރައްޔިތުންނާ ކައިރިއަށް ގެންދަވާން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގެ ބޭފުޅަކަށް މި މަގާމު ހާސިލު ކުރެއްވުނު ފުރަތަމަ ފަހަރެވެ.