
ނ.ހެނބަދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ.
އެކުންފުނިން ވިދާޅުވީ މިމަސައްކަތް ފަށައިގެން ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރަންޖެހޭ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްކަމަށެވެ. އަދި ފެނުގެ މައި ނެޓްވޯކް ހޮޅި ވަޅުލުމުގެ މަސައްކަތްވެސް މިހާރު ފަށައިގެން ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
މިމަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކެއް ޤާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިންޑިންގ ޢިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުން ހިމެނެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ހަރުކޮށް ގޭގެއަށް ފެން ގުޅައިދިނުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން ފެން ތަހުލީލުކުރުމަށް ފޯރުކޮށްދިނުމަކީވެސް މިމަޝްރޫޢުގެތެރޭގައި ހިމެނޭ ބައެކެވެ.
ހެނބަދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ޖުމުލަ އަގަކީ 41،360،972.01 ދިވެހި ރުފިޔާއެވެ. މިމަޝްރޫޢު 15 މަސްދުވަހުގެތެރޭގައި ނިންމަންޖެހެއެވެ.