އަނދަމުންދާ އާގުބޯޓުން ކަނޑައަށް އެޅުނު އަނދާފައިވާ ޕްލާސްޓިކް ކޮލޮމްބޯގެ ގޮނޑުދޮށް ފުރާލައިފި

ސްރީލަންކާ ސިފައިން ނިގަންބޯ ގޮނޑުދޮށް ސާފުކުރަނީ

ސްރީލަންކާގެ ވެރިރަށް ކޮޮލޮމްބޯއާ ދިމާއަށް ބޭރުގައި އޮވެ އަނދަމުންދާ އާގުބޯޓު، އެމްވީ އެކްސް-ޕްރެސް ޕާލްއިން ގައި ހުރި ޕްލާސްޓިކް ޕެލެޓްތައް އަނދައިގެން ކަނޑަށް އެޅިފައިވާ އެތައް ޓަނެއްްގެ ޕްލާސްޓިކް ކޮޮލޮމްބޯގެ ގޮނޑުދޮށަށް ލައްގަމުން އެބަދެއެވެ. މިއީ ރޯވެ އަނދަމުންދާ އާގުބޯޓުން އެގައުމުގެ ތިމާވެއްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުގެ ކުޑަ މިންވަރެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެެވެ.

އަލިފާން ނިއްވަން މަސައްކަތްކުރާތާ އިއްޔެއަށް ނުވަ ދުވަސް ވީއިރުވެސް ސިންގަޕޫރުގައި ރަޖިސްޓަރީކޮށްފައިވާ އާގުބޯޓުން ދިޔައީ ބޯ ކަޅު ދުން އަރަމުންނެވެ. ބޯޓުގެ އަލިފާންގަނޑު ކޮންޓުރޯލުނުކުރެވޭތީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ބިިރަކީ ބޯޓު އަޑިއަށް ގޮސް އޭގައި ހުރި 278 ޓަނުގެ ތެޔޮ ކަނޑަށް އެޅުމެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްރީލަންކާގެ މެރިން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިިޓީ (އެމްއީޕީއޭ) ގެ ޗެއާޕާސަން ދަރްޝަނީ ލަހަންދަޕޫރާ ވިދާޅުވިި ގޮތުގައި އެއޮތޯރިޓީން ދަނީ އާގުބޯޓުން ސްރީލަންކާގެ ތިމާވެއްޓަށް ލިބުނު ގެއްލުުމުގެ ބަދަލު އެބޯޓާ ގުޅުންހުރި ކުންފުނިތަކުން ހޯދުމަށް ދައުވާކުރުމަށް ތައްޔާރުވަމުންނެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި މައްސަލަ ތަހުގީގުކޮށް މިކަމުގައި ޒިއްމާވާ ފަރާތްތައް ހޯދުމަށް ކޮލޮމްބޯ ހާބަރ ޕްލިސްއަަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ ހަޒީރާ ބަނދަރުން ކޮލޮމްބޯއަށް ދަތުރުކޮށް  ކޮލޮމްބޯ ބަނދަރަށް ވަނުމުގެ އިންތިޒާރުގައި ބަނދަރާއި ދިމާއަށް 18 ކިލޯމީޓަރު ބޭރުގައި އޮތް އެކްސް-ޕްރެސް ޕާލް ރޯވިއިރު އޭގައި 1500 ކޮންޓޭނަރުގެ މުދާ ހުއްޓެެވެ. އެ މުދަލުގެ ތެރޭގައި 25 ޓަން ނައިޓްރިކް އެސިޑްވެސް ހުއްޓެވެ. އެމްއީޕީއޭއިން ބުނި ގޮތުގައި ބޯޓުގައި އަލިފާން ރޯވީ އޭގަައި ހުރި ނައިޓްރިކް އެސިޑް ގޮވުމުގެ ސަބަބުންނެވެ.

އިއްޔެ ސްރީލަންކާގެ ސިފައިންވަނީ ކޮލޮމްބޯ ސިޓީގެ އުތުރުން 40 ކިލޯމީޓަރު ދުުރުގައި އޮންނަ ނިގަމްބޯގެ ގޮނޑުދޮށަށް ލައްގާފައިވާ އަނދާފައިވާ ތެލާއެކުވެފައިވާ އެތައް މިލިއަން ޕްލާސްޓިކް އެތިކޮޅުތައް ނަގާ ސާފުކުރުމުގެ މަސައްކަތްކޮށްފައެެވެ. އަދި ބުލްޑޯޒަރުތައް ބޭނުންކޮށްގެން އެތައް ސަތޭކަ ޕެލެޓެއް ނަގާފައެެވެ. އަނދާފައިވާ އެ ޕެލެޓްތަކަކީ، ބެލެވޭ ގޮތުގައި، ބޯޓުގައި ގޮވި ގޮވުމާއެކު ކަނޑަށް ވެއްޓުނު 8 ކޮންޓޭނާއިން ކަނޑަށް ބޭރުވި ޕެލެޓްތަކެކެވެ.

އާއްމުކޮށް ފަތުރުވެރިންގެ މެދުގައި މަގުބޫލު އަދި އެތައް ހާސް މަސްވެރިން މަސްހިފުމަށް ފައިބާ އެ ގޮނޑުދޮށް މިހާރު ވަނީ އާއްމުންނަށް ބަންދުކޮށްފައެވެ.

އޯލް ސިލޯން ފިޝަރީޒް ޔުނިއަން (އޭސީއެފްޔޫ) ގެ ރައީސު އަރޫނާ ރޯޝަންތާ ވިދާޅުވީ އާގުބޯޓުގައި ހުރި ކެމިމަލް ކަނޑަށް އެޅި އެ ސަރަހައްދުގެ ތިމާވެށި ތަޣައްޔަރުވެއްޖެނަމަ، އެ ސަރަހައްދުން މަސްވެރިކަންކުރާ 3500 މަސްވެރިން ހާލުގައި ޖެހޭނެކަމުގައެވެ. އޭނާ އުއްމީދުކުރައްވާ ގޮތުގައި ސަރުކާރުން މަސްވެރިންނަށް ބަދަލުހޯދައިދޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.