ރޯދަމަޖާ: ވެލާ ލޯޝަން

ނީނާ އަކީ މާލޭގައި ބިއުޓީ ޕާލަރެއް ނުވަތަ އަންހެން ކުދިންނާއި، ފިރިހެން ކުދިން ރީތިކޮށްދޭ ތަނެއް ހިންގަވާ ބޭފުޅެކެވެ.

މިފަދަ ތަންތަނަކީ އިހަކަށް މާލޭގައި ހުންނަ ކަހަލަ ތަންތަނެއް ނޫނެވެ. އެހެން ނަމަވެސް ރީތި ވުމުގެ ކަންތައްތައް ރާއްޖޭގައި ފެށިގެން މި އުޅެނީ އަލަކަށޭ ދެންނެވޭކަށް ނޯންނާނެއެވެ. ޚާއްޞަކޮށް އަންހެނުންނަކީ އިހު ޒަމާނުގައިވެސް ރީތިވާން މަސައްކަތް ކުރި ބައެކެވެ. އެ ދުވަސްވަރަކީ މިހާރު މި ހުންނަހެން އެކި ޒާތް ޒާތުގެ ކިރިމާއި، ލޯޝަން ފަދަ އެއްޗެހި ހުންނަ ދުވަސްވަރެއް ނޫނެވެ. އެހެން ނަމަވެސް އެކި ކަހަލަ ތެލާއި، އަޅިއާއި، ފަތްޕިލާވެލީގެ ބޭނުން ކޮށްގެން ގައިގެ ހަން އޮމާން ކުރާށާއި، ރީތިކަން ދެމެހެއްޓުމަށް އިހަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.

މިހާރު އޮންނަނީ ކޮންމެ ކަމެއްގެވެސް ފަސޭހަ ގޮތެވެ. ވުމާއެކު ގުދުރަތީ އެއްޗެހި ދޫކޮށްލާފައި އިންސާނުން އަމިއްލައަށް އުފައްދާފައި ހުންނަ އެއްޗެހީގެ ބޭނުން ކުރުން މި އޮތީ އާއްމު ވެފައެވެ. ފަސޭހަ ގޮތަކީވެސް އެއީ ކަމަށް ވާތީއެވެ.

ނީނާގެ ބިއުޓީ ޕާލަރުން ދާދި ފަހުން އައު މަރުކާއެއް ރާއްޖެއަށް ތައާރަފު ކޮށްފިއެވެ. އެއަށް ކިޔާ ނަމަކީ "ވެލާ" އެވެ. ވެލާ އަކީ މަރުކާއެކެވެ. އެ މަރުކާގެ ލޯޝަނާއި، ކިރިމާއި، މި ފަދަ އެއްޗެހި ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން މާލޭގެ ބޮޑު ހޮޓަލެއްގައި ހަފުލާއެއްވެސް ބޭއްވިއެވެ.

މި ހަފުލާ ނިމުނު ފަހުން މާލޭގައި ނުކުންނަ ނޫހެއްގެ ރިޕޯޓަރަކު ނީނާއަށް ފޯނު ކޮށްފައި ދެންނެވިއެވެ.

"ވެލާ ތައާރަފު ކުރެއްވުމުގެ ގޮތުން ހަފްލާއެއް ބޭއްވެވީ ނީނާ ތޯއެވެ؟"

ނީނާ އާނއެކޭ ވިދާޅުވީމާ އެ ރިޕޯޓަރު ސުވާލު ކޮށްލިއެވެ.

"ބިއުޓީ ޕާލަރަކުން ވެލޭ ތައާރަފު ކުރައްވަން ނިންމެވީ ކީއްވެގެންތޯއެވެ؟ ތިޔަ ތަނާއި، އެޔާ ހުރި ގުޅުމަކީ ކޮބައިތޯއެވެ؟"

ނީނާ ވިދާޅުވިއެވެ.

"ވެލާގެ އެއްޗިއްސަކީ ހަމަށް ގެއްލުމެއް ނުވާ ގޮތަށް އުފައްދާފައި ހުރި ވަރަށް މޮޅު އެއްޗިއްސެވެ. ރާއްޖޭގައިވެސް އެ ކަހަލަ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭތީ އެ ފަދަ އެއްޗެއް ތައާރަފު ކުރަން ވެގެން ވެލާ ތައާރަފު ކުރީއެވެ.

ރިޕޯޓަރު އެހެން ދޮގެއްތޯއޭ ދަންނަވާފައި ފޯނު ބޭއްވިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއްކާވެސް އެ ރިޕޯޓަރު ފޯނު ކޮށްފިއެވެ.

"ތައާރަފު ކުރައްވައިގެން އުޅުއްވާ އެއްޗެހީގެ ތެރޭގައި ކަހަނބުފަތުގެ ފުނަލާއި، ދަތި ފަދަ އެއްޗެހި ހުންނާނެތޯއެވެ؟"

ނީނާ ވިދާޅުވިއެވެ.

"ނޫނެކެވެ. ތިޔަ ކަހަލަ އެއްޗިއްސެއް ނުހުންނާނެއެވެ. ހުންނާނީ ކިރިމާއި، ލޯޝަނާއި..."

ވެގެން އުޅޭ ގޮތް ނީނާއަށް ވިސްނިވަޑައިގަތީ ދެނެވެ. ރިޕޯޓަރަށް މި އުޅެނީ އޮޅިގެންނެވެ. ތައާރަފު ކޮށްގެން މި އުޅެނީ ވެލާ އޭ ނަމަކަށް ކިޔާ މަރުކާއެއްގެ އެއްޗެހި ކަމެއް ރިޕޯޓަރު ފަކީރަކަށް ނޭނގެއެވެ. އޭނާއަށް ހީވެގެން މި އުޅެނީ ވެލަޔާއި، ކަހަނބުގެ ވާހަކަ ދައްކަނީ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.