ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާނުލެވުމުން އިދިކޮޅު ލީޑަރާ އެ މަސައްކަތް ހަވާލުކޮށްފި

އިސްރާއީލުގެ ޔޭޝް އަތިދް ޕާޓީގެ ލީޑަރު ޔައިރް ލަޕިޑް

އިސްރާއީލުގައި ދެ އަހަރުދުވަހު ތެރޭގައި ބޭއްވުނު ހަތަރުވަނަ އިންތިޚާބަށް ފަހުވެސް އެއްވެސް ބަޔަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވާތީ، ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އެ ގަމުގެ ރައީސު ރެއުވެން ރިވްލިން ފުރަތަމަ ހަަވާލުކުރީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެވެ. އެހެންނަމަވެސް، އޭނާއަށް މަސައްކަތުގައި ކާމިޔާބު ނުލިބުމުން އިއްޔެ ރައީސު ރިވްލިން ވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ޔައިރް ލަޕިޑްއާ ހަވާލުކޮށްފައެވެ. އޭނާ އެ މަަސައްކަތުގައި ކާމިޔާބު ހޯދައި، ސަރުކާރެއް އެކުލަވާލައިފިނަމަ ނަތަންޔާހޫގެ ބޮޑުވަޒީރުގެ ކަމުގެ ދިގު ދައުރު ނިމުމަަކަށް އަންނާނެއެވެ.

އަންގާރަ ދުވަހުގެރޭގެ ސުންގަޑި ހަމަވިއިރު ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާނުލެވުމުން ރައީސު ރިވްލިން ވަނީ އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހަށް ހޮވުނު ޕާޓީތަކުގެ ވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށް އޭނާއަށް ފެނުނީ ސަރުކާރެއް އެކުލަވާލުމުގައި ކާމިޔާބުވުމުގެ ފުރުސަތު މިހާރު އެންމެ ބޮޑީ ލަޕިޑްއަށް ކަމުގައެވެ.

"އުނދަގޫތައް ގިނަ ނަމަވެސް، ކްނެސެޓް (އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް) ގެ އިތުބާރު ހޯދޭނޭ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ކްނެސެޓްގެ މެންބަރު ޔައިރް ލަޕިޑްއަށް އޮތްކަން ސާފު." ރައީސު ރިވްލިން ބުންޏެވެ.

އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނެއް ހަދައިގެން ސަރުކާރެއް އެކުލުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވިފައެވެ. އޭނާގެ ކުރިމަތީގައި މިކަމަށް ހަތަރު ހަފުތާ އެބައޮތެވެ. ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ފަހު ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ލަޕިޑްގެ ޕާޓީއެވެ. އޭނާގެ ޕާޓީ 'ޔޭޝް އަތިދް' (މުސްތަގުބަލެއް އެބައޮތް) އަށް ލިބިފައިވަނީ 17 ގޮނޑި ނަމަވެސް، އިއްޔެ ރައީސު ރިވްލިންއާ ބައްދަލުކުރިއިރު އޭނާ ވަނީ 56 މެންބަރުންގެ ތާއީދު އޭނާއަށް އޮތްކަން ހާމަކޮށްފައެވެ. އެހެންކަމުން، ސަރުކާރެއް އެކުލަވާލުމަށް ދެން އޭނާއަށް ބޭނުންވާނީ 5 މެންބަރުންގެ ތާއީދެވެ.

ނޫސްވެރިއެއް އަދި ޓީވީ ހުށަހެޅުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުމަށް ފަހު 2013 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހަށް އަލަށް ހޮވުނު އުމުރުން 57 އަހަރުގެ ޔައިރް ލަޕިޑްއަކީ ކުރިން ބޮޑުވަޒީރުގެ ނާއިބުކަމާއި ޖަސްޓިސް މިނިސްޓަރުކަން ކޮށްފައިވާ ޔޯސެފް 'ޓޮމީ' ލަޕިޑްގެ ދަރިއެކެވެ.

ލަޕިޑް ވަނީ ކުރީގެ އިދިކޮޅު ލީޑަރު އަދި ޑިފެންސް މިނިސްޓަރު ބެނީ ގަންޓްޒްގެ ތާއީދުވެސް ހޯދާފައެވެ. އެހެންކަމުން ނަތަންޔާހޫގެ 12 އަހަރުވީ ބޮޑުވަޒީރުކަން ނިމުމަކަށް ގެނައުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.