ރޯދަމަޖާ: ތުއްތު ސިކުނޑި

ކުޑަކުދިންނަށް އެންމެ ފުރަތަމަ އެއްޗެއް ފެނިގެން އެ އެއްޗެއްގެ ސިފަ ހިތަށް ނަގައިގަނެވޭ ގޮތް ވަރަށް ގިނަ ދުވަސް ވާންދެން ސިކުނޑީގައި ހަރުލާފައި ހުރެއެވެ. ފަހުން އެ އެއްޗެއް އެހެން ސިފައެއްގައި ފެނުނީމާވެސް ވަކި ކުރާން ނޭނގުން އެއީ ޠަބީޢީ ކަމެއް ކަމަށް މާހިރުން ވިދާޅުވެއެވެ.

އަޅުގަނޑު އެއްދުވަހަކު އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން ހިނގާލަން ނުކުމެއްޖައީމެވެ. އޭރު ދަރިފުޅުގެ އުމުރުން އަދި ކިރިޔާ ދެ އަހަރު ފުރުނީއެވެ. ހިނގާލަން ދަނިކޮށް ފާޚާނާ ސާމާނު ވިއްކާ ފިހާރައެއް ފެނިއްޖެއެވެ. އެއީ ވަރަށް ރީތިކޮށް ހަދާފައި ހުރި ފިހާރައެކެވެ. ކުރިމަތީގައި ހުރީ ސާފު ބިއްލޫރި ޖަހައިފައެވެ. އެހެންވީމާ އެތެރޭގައި ހުރި އެއްޗެހި ވަރަށް ސާފުކޮށް ފެންނާން ހުއްޓެވެ. ފާޚާނާ ތަށްޓާއި، ތަށިމުށްޓާއި، އިސްކުރާއި، ފެންވަރާ މާގަނޑު ފަދަ އެއްޗެހި ދައްކާން ބަހައްޓާފައި ހުއްޓެވެ.

އަޅުގަނޑުގެ ދަރިފުޅު އެ ފިހާރަޔާ އަރައި ހަމަ ވެފައި އޭނާގެ އާދައިގެ މަތީން އަހައިލިއެވެ.

"އެއީ ކޯޗެއް؟'

"އެއީ ފިހާރައެއް." އަޅުގަނޑު ބުނެލީމެވެ.

ދަރިފުޅު ބުނެލިއެވެ. "އެއީ ފާޚާނާއެއް."

އޭނާއަށް އޭގެ ކުރިން ފާޚާނާ ތަށްޓެއް ފެނިފައި ވަނީ ގޭގައި ހުންނަ ފާޚާނާއިންނެވެ. އެހެންވީމާ އޭނާއަށް ހީކުރެވިފައި ވަނީ ފާޚާނާ ތަށްޓެއް ހުންނަ ކޮންމެ ތަނެއް އެއީ ފާޚާނާއެއް ކަމަށެވެ.

ދާދި ފަހުން އަޅުގަނޑަށް ލިބުނު މަޖައްލާއަކުން މި ކަހަލަ ޖޯކެއް ފެނުނެވެ. ޖޯކެކޭ ދެންނެވި ނަމަވެސް އެއީވެސް ހަގީގީ ހާދިސާ އެކެވެ.

އެ ވާހަކަ މަޖައްލާ އަށް ފޮނުވައިފައި ވަނީ އަންހެނެކެވެ. އޭނާ ލިޔެފައިވާ ގޮތުގައި އެއީ އޭނާގެ ދަރިފުޅު ކުރި ކަމެއްގެ ވާހަކައެވެ. ދަންނަވަން މި އުޅޭ ހާދިސާއިންވެސް އެނގެނީ ކުޑަކުދިންގެ ސިކުނޑިއަށް ފުރަތަމަ ވަންނަ ޚިޔާލެއް، ސިކުނޑީގައި ވަރަށް ރަނގަޅަށް ހަރުލާ ކަމެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ފަރުވާތެރިވާންވީ ސަބަބަކީ މިއީ ކަމަށް ލިޔުންތަކުން ފެންނާން ހުރެއެވެ.

އެ އަންހެންމީހާ ލިޔެފައި ވެއެވެ.

އެއް ދުވަހަކު އަހަރެން ކޮޓަރިއަށް ވަންއިރު އަހަރެންގެ ދަރިފުޅު އިނީ ބާލީހެއް އުނގުމަތީގައި ބާއްވައިގެންނެވެ. އޭނާގެ ކައިރީގައި ކުކުޅުފަތް ފުންޏެއް ހުއްޓެވެ. އަހަރެން ގެންގުޅޭ ބާލީހަށް ހުންނަނީ ކަފަ ލައްވައިފައެއް ނޫނެވެ. ކަފައިގެ ބަދަލުގައި ހުންނަނީ ކުކުޅު ފަތެވެ.

އަހަރެން ކައިރިއަށް ގޮސް ބަލައިލިއިރު ދަރިފުޅު މިކުރާ ކަމަކީ ބާލީހުގައި ލޯވަޅެއް އަޅައިގެން އެ ލޯވަޅުން، ބާލީހުގައި ހުރި ކުކުޅުފަތްތައް ދަމައި ނެރެނީއެވެ.

އަހަރެން ކުޑަކޮށް ނުރުހުން ވެފައި ބުނެލީމެވެ.

"ދަރިފުޅާ. ތިޔަހެން ހެދީމާ ތިޔަ ބާލީސް ހަލާކު ވާނީއެއްނު؟'

އޭނާ މާ ބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ފަތްތައް ދަމައި ނެރެން ފަށައިފިއެވެ.

އަހަރެން އަހައިލީމެވެ. "ދަރިފުޅާ. ތިޔައީ ކީއްވެގެން ކުރާ ކަމެއް؟'

ދަރިފުޅު އަހަންނާ ދިމާއަށް ބަލައިލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަނީއެވެ. ކުޑަކޮށް ރޮވިފައި އިނދެގެން އޭނާ ބުނެލިއެވެ.

"މަންމާ. މި ބާލީހުގެ އެތެރޭގައި ކުކުޅެއް އެބަ އޮތް. މި އުޅެނީ އެ ކުކުޅު ނުނެރެވިގެން."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.