ހަމައެކަނި ގާނޫނެއް އޮތުމަކުން ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭނެ: ނައިބު ރައީސް ފައިޞަލް

ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، އަޅުގަނޑުމެން އެ ބޭނުންވާ މަޤްޞަދު ހާސިލެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެްޖެއެވެ. ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުން ހުވައި ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނައިބު ރަީއސް ވިދާޅުވި ގޮތުގައި ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާގޮތަށް ކަންތައްތައްކޮށް، ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުލުހުންގެ އެންމެ އިސް ވާޖިބަކަށް މިވަނީ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެންމެމަތީ މަޞްލަޙަތު ރައްކާތެރި ކުރުން ކަމަށާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، އެންމެހައި ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމުކޮށްދިނުމަކީ އެއީ ފުލުހުންގެ އެންމެ އިސް ވާޖިބު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވިއެވެ. "ފުލުހުންނަކީ ރެޔާދުވާލު ރައްޔިތުންގެ ޙިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ބައެއް.  ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ، މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާ، އަދި އެނޫންވެސް އެކިއެކި މައްސަލަތައް. މިއީ އަޅުގަނޑުމެން މިއަދު މިކަމަށް ފުންކޮށް ވިސްނައި، އާ ޤާނޫނެއް ލިބިގެންދާއިރު، އާ ހިތްވަރަކާއި، އާ ޢަޒުމަކާއެކު އެންމެން އެކުގައި، ވަކިން ޚާއްޞަކޮށް، ފުލުހުންގެ ބޭފުޅުން މަސައްކަތަށް ނުކުންނަވާއިރު، މުޅި ޤައުމުގެ ހުރިހާ އެންމެން ވިސްނަންޖެހޭނެ ކަމެއް."

ފައިޞަލް ނަސީމް ވިދާޅުވި ގޮތުގައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަބަދުވެސް ވިސްނަންޖެހޭނީ އިންސާނީ ކަރާމާތާއި، މީހުންނަށް އިޙްސާންތެރިވުމާއި، ވަކި މީހަކަށްވީތީވެ އިންޞާފު ލިބޭނޭ ކަމަށް ގަބޫލުނުކުރުމަށެވެ.  ޢަދުލުވެރިކަން އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމަށާއި އެހެންވީމާ، ކުރާ ކޮންމެ ކަމެއްގައި، އިންޞާފުވެރިކަމާއެކު ކަންތައްތައް ކުރުންމަތީ، ޢަދުލުވެރިކަންމަތީ ދެމިތިބުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.