ސްރީލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކޮށް، އެއް ހާހަށްވުރެ ގިނަ އިސްލާމީ މަދަރުސާ ބަންދުކުރާނެ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެެވެ. މިއީ، ބައިމަދު މުސްލިމުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ފިޔަަވަޅެކެވެ.
މިނިސްޓަރ ފޯ ޕަބްލިކް ސެކިއުުރިޓީ ސަރަތު ވީރަސޭކަރަ ވިދާޅުވި ގޮތުގައި "ގައުމީ ސަލާމަތަށްޓަކައި" މޫނު ބުރުގާ މަނާކުރުމާ ބެހޭ ލިއުމުގައި އޭނާ ސޮއިކުރައްވައި މިހާރު ވަނީ ކެބިނެޓުން ފާސްކުރުމަށް ފޮނުވާފައެވެ.
"އަަހަރުމެންނަށް ކުރިން ފެނުނު ތަނުގައި މުސްލިމުން އަންހެން ކުދިންނާއި، އަންހެނުން އެއްގޮތަކަށްވެސް މޫނު ބުރުގާ ނާޅާ. އެއީ ފަހުން އައިސްގެން އުޅޭ ދީނީގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ އަލާމާތެއް. އަހަރުމެން އެކަން މަނާކުރާނެކަން ކަށަވަރު." މިނިސްޓަރު ވީރަސޭކަރަ ވިދާޅުވިއެވެ.
"މޫނު ބުރުގާ އެޅުމަކީ އަހަރުމެންގެ ގައުމީ ސަލާމަތަށް ސީދާ އަސަރުކުރާ ކަމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.
މިނިސްޓަރުގެ ނިންމެވުމަށް އަމަލީ ސިފަ އަންނާނީ ކެބިނެޓުން ފާސްކުރުމަށްފަހު، ގާނޫނުހަދާ މަޖިލީހުން ފާސްކުރުމުންނެވެ. އެ މަޖިލީހުގައި ސަރުކާރުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު އޮތްއިރު، އެ ނިންމުން ފަސޭހައިން ފާސްވާނެކަމަށް ބެލެވެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސޭފްޓީ މިނިސްޓަރު ވިދާޅުވީ ގައުމީ ތައުލީމީ ސިޔާސަތަށް ތަބާނުވާ 1000 އަށްވުރެ ގިނަ އިސްލާމީ ދީނީ މަދަރުސާ ބަންދުކުރާނެ ކަމުގައެވެ.
"އެއްވެސް މީހަަކަށް މަދަރުސާއެއް ހުޅުވައިގެން އޭނާ ބޭނުންހާ އެއްޗެއް ދަރިވަރުންނަށް ކިޔަވައި ނުދެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
2019 ވަނަ އަހަރު އީސްޓާއާ ދިމާކޮށް ސްރީލަންކާގައި ބޮންގޮއްވުމާ ގުޅިގެން މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރިއެވެ. އެނިންމުން ފަހުން ވަނީ އުވާލާފައެވެ. އަދި ކޮވިޑް-19 ގައި މަރުވާ މުސްލިމުން ވަޅުލުން މަނާކޮށް، އެމީހުންގެ ހަށިގަނދު އަންދަން ސްރީލަންކާ ސަރުކާރުން މަޖުބޫރުކުރިއެެވެ. އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ ޖަމާއަތްތަކުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް، އެ ނިންމުން އުވާލާފައި ވަނީ ދާދި ފަހުންނެވެ.
މުސްލިމުންނަކީ ސްރީލަންކާގެ 22 މިލިއަން މީހުންގެ އާބާދިގެ %9 އެވެ. އެގައުމުގެ އާބާދީގެ %75 އަކީ ބުޑިސްޓު ސިންގަޅައިންނެވެ.