
މިހާރު ދިވެހިރާއްޖޭގައި ވެރިކަން ކުރައްވަނީ ހިތްތިރި އޯގާވެރި ރައީސެއް ކަމަށާއި، ރައްޔިތަކަށް ކިރިޔާ ކަމެއް ވާއިރަށް އެމަނިކުފާނު ކީރިތިކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރިސޯޓު މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ގޮވާލައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ހުށަހެޅުއްވި ގަރާރަށް ބަހުސު ކުރައްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ ގޮތުގައި މި ސަރުކާރުން ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދޭނެއެވެ. އެންމެންނަށް ގޯތި ދޭނެއެވެ. ވަކި ޕާޓީއަކަށް ނުބަލާނެއެވެ. އިދިކޮޅުން ގަރާރުތައް ހުށަހަޅައިގެން އުޅެނީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ބަރާބަރަށް ކުރަމުން ގެންދާތީ އެކަން ހަޖަމު ނުކުރެވިގެންނެވެ.