އިންސާނުންނަކީ ، އުފެދުމުގައިވެސް ، އަދި ހެދިބޮޑުވުމުގައިވެސް ، އެކިކަހަލަ އާދަތަކަށް އެބައިމީހުންގެ ޢަމަލުތައް ބަށްޓަންވަމުންދާ ބަޔެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އެކަން އެގޮތަށް ހިނގަމުން ދެއެވެ. އެކި މުޖްތަމަޢުތަކުގައި އެކިގޮތަށެވެ. އެކި ދީންތަކުގައިވެސް އެކި ގޮތަށެވެ. އަދި އެކި މީހުންގެ އާދަތައްވެސް އެކިގޮތަށް މެއެވެ. ދިރިއުޅުމުގެ އެކި ކަންކަމާއި ޙާލަތުގައި ، ކޮންމެ ރަށެއްގައިވެސް ، އަދި ކޮންމެ މުޖުތަމަޢެއްގައިވެސް ތަފާތު އާދަތަކެއް ގެންގުޅެއެވެ. ޒަމާނުއްސުރެ ، ދެމިހުންނަ އާދައާއި ވަކިޙާލަތަކާ ގުޅިގެން ، އިންސާނާ ތަޖުރިބާކުރާ އޭނާގެ ދިރިއުޅުމުގެ ޙާލަތުން އުފަންވާ އާދަވެސް ހުރެއެވެ. ގޯސް އާދައާއި ރަނަގަޅު އާދަ އޭގެ ތެރޭގައި ހުރެއެވެ. އަދި ޚުދު ، އެއިންސާނާގެ ނަފުސަށާއި ހަށިގަނޑަށް ގެއްލުންލިބޭ އާދަތައްވެސް ހިމެނެއެވެ. އަދި ހަމައެފަދައިން ، އެއާދަޔަކުން އޭނާގެ ވަށައިގެން އޮންނަ ވެށްޓަށް ގެއްލުންލިބޭ އާދަތައްވެސް ހިމެނެއެވެ. މުޖުތަމަޢުންނާއި ދީނުން ބޭރުވެގެންދާ އާދަތައްވެސް ބައިވަރެވެ.
ނަމާދުކޮށް ހެޔޮ ޢަމަލުގިނަކުރުމަކީ ، ﷲ ތަޢާލާ ، އިންސާނާ ޚަލްޤުކުރެއްވި ސަބަބުގައި ހިފަހައްޓައިގެން ، އިންސާނާއަށް ކުރެވޭނެ އެންމެ ފުރިހަމަ އާދައެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް ތިމާގެ ދިރިއުޅުން އެނބުރިގެންދާން އާދަކުރެވޭނެ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ. ނަމާދު ޤާއިމުކުރުމުގެ އާދަ ހިފަހައްޓައިފިނަމަ ، އެހެން ، ހެޔޮ ޢަމަލުތައް އިތުރުވެގެންގޮސް ތިމާގެ ދިރިއުޅުން ހެޔޮކަމުގެ މަގަށް އެނބުރިގެންދާނެއެވެ. އެހެންނަމަވެސް ، އާދަކޮށް ނަމާދުނުކުރާނަމަ ، ހެޔޮޢަމަލުތަކަށް ދިރިއުޅުން މިސްރާބު ޖެހުމަށްވުރެ ގާތީ ، ނުބައި މަގުން ކައްސާލައިގެންގޮސް ، އަބާއްޖަވެރިކަމުގެ ތެރެއިންލާފައި ދެދުނިޔެ ގެއްލިގެން ދިއުމެވެ.
ތިމާކުރާ ޢަމަލަކީ އާދައެކެވެ. ގިނަކަންކަން ކުރެވެމުންދާނީ އާދަކޮށެވެ. ހެނދުނު ސައިބުއިމަކީ ، މެންދުރު ކެއުމަކީ ، އެއްބަޔަކަށް އާދައަކަށް ވާއިރު ، އަނެއްބަޔަކު ، ހެނދުނު ސައިނުބޮއެ މެންދުރު ކެއުމަށް އާދަވެފައި އޮވެދާނެއެވެ. ރޭގަނޑު ނިދާއިރު ، ވުޟޫކޮށްލައިގެން ނިދުމަކީ އެއްބަޔަކަށް އާދަކުރެވިފައި އޮންނަ ކަމަކަށް ވެދާނެއެވެ. ބަންގި ގޮވާތަނުން ، ވަގުތުން ނަމާދުކުރުމަކީ އެއްބަޔަކު އާދަކޮށްފައި އޮންނަ ކަމަކަށް ވެދާނެއެވެ. ކާން ފެށުމުގެ ކުރިން ފެންތައްޓެއް ބޯލުން އެއީ އާދަޔަކަށް ހަދައިފާނެއެވެ. އިންސާނާގެ މުޅިދިރިއުޅުންވަނީ އާދަތަކުން ފުރިގެންނެވެ. މިލިޔުމުގައި ފާހަގކުރެވޭތޯ މިބަލަނީ ، ދުނިޔޭގެ އެކި ބައްރުގައި އެކި މުޖުތަމަޢުތަކުގައި އެއްގޮތަކަށް ބޭނުންކުރެވޭކަމަށް ފާހަގަ ކުރެވޭ އާދަތަކެކެވެ. އެންމެ ފުރަތަމަ ، ހެއްދެވި ފަރާތެވެ. ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި ، އެކަލާނގެ ނޫނީ ، އަޅުކަންވެވޭ އެހެން ފަރާތެއް ނެތްކަން ސާބިތުކޮށްދޭ އިންސާނީ އާދައެކެވެ. ކޮންމެ އިންސާނަކީވެސް ، ﷲ ގެ ޙަޟުރަތުން މެނުވީ ، މަދަދާއި އެހީތެރިކަމާ އަދި ވާތްގާއި ސަލާމަތާ ރައްކާތެރިކަން ލިބެން ނެތް ނިކަމެއްޗެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ. އެއީ ، ޝައްކަކާ ނުލައި ހިތުގެ އަޑިން ، ﷲ ގެ އެއްކައުވަންތަކަން ، ޤަބޫލުނުކުރާ މީހުންވެސް ، ޣައިރު މުސްލިމުންވެސް އާދައެއްގެ ގޮތުގައި ﷲ ގެ އެއްކައުވަންތަކަން ޝައްކެއްނެތި ޤަބޫލުކުރަން މަޖުބޫރުވާ ޙަލަތެއް އުފަންކުރުވާ އާދައެކެވެ. ﷲ ގެ މަދަދާއި ވާތްގަށް އެދި ދަންނަވަން މަޖުބޫރުވާ އެތައް ޙާލަތެއް އިންސާނާ ތަޖުރިބާ ކުރެއެވެ.
ޔާ ﷲ
ޔާ ﷲ ، މިއީ ހަމަ ކޮންމެ އިންސާނަކުވެސް ، ނިކަމެތިކަމެއް އަދި ބިރުވެރިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވާހިނދު ، އެކި ބަހުރުވައިންނާއި އެކި ލަހުޖާއިން ، އަދި އެކި ސިފަތަކުން ﷲ އާ މުޚާޠަބުކޮށް ، އެކަކލާނގެ ވާގިފުޅަށް އެދި ދަންނަވާ ބަހެކެވެ. ކަނޑުމަތީގެ ޙާދިސާއެއްގައި ، ބިޔަބޮޑެތި ރާޅުތަކުތެރޭ ލޯންޗެއްގެ އިންޖީނުހުއްޓި ، ދެވޭ ނުދެވޭ ތަނެއް ނޭނގި ، އެއްވެސް ހިކިފަސްތަނެއް ފެންނަންނޯންނާނެ ، ވަށައިގެން އޮންނަ ހަތަރު އުދަރެސް ބެދިފައި އޮންނަ ޙާލަތަކީ ، އިންސާނާ ގޮތްހުސްވާނެ ޙާލަތެކެވެ. އަދި މިނޫނަސް ، މުޞީބާތުގެ ވަގުތަކީ ، ކޮންމެ އިންސާނަކުވެސް ، އޭނާ ހެއްދެވިފަރާތް މަތިން ހަނދާން ވާނެ ވަގުތެކެވެ. ވަކިދީނަކަށް ނިސްބަތްވެގެންނެއް ނޫނެވެ. އެވަގުތު ، އިންސާނާއަށް ، އޭނާ ހެއްދެވި ފަރާތް ހަނދާންކުރަން މަޖުބޫރު ވެގެންނެވެ. ﷲ ގެ ރަސްކަންފުޅުން ، އެކަލާނގެ ރަޙުމަތުން މެނުވީ އެހެން ފަރާތަކަށް އޭނާ ސަލާމަތް ކޮށްދެވެން ނޯންނާނެކަން ، އެބިރުވެރި ޙާލަތުގައި އޭނާ އިޙްސާސް ކުރެއެވެ. ކުރިމަތިވެފައިވާ ބިރުވެރިކަމާއި މުޞީބާތުން ސަލާމަތް ކޮށްދެއްވުން އެދި އޭނާގެ އިސްއުފުލައިލެވެއެވެ. ދެއަތް މައްޗަށް ނެގެއެވެ. ﷲ ގެ ރަޙުމަތަށް އެދި ޔާ ﷲ އޭ ދެންނެވެއެވެ. މުސްލިމުންނަށް ދެންނެވޭނީ ޔާ ﷲ އެވެ. އެނޫންދީންތަކުގެ އަހުލުވެރިންވެސް ﷲ އަށް ނިސްބަތްކޮށް އެބަޔަކު މުޚާޠަބުކުރާ ބަހަކުން ދަންނަވާނީ ﷲ އަށެވެ. ޔާ ރައްބު އޭ އެއްބަޔަކު ދަންނަވާއިރު ، އަނެއްބަޔަކު ޔާ ޚުދާ އޭ ދަންނަވާނެއެވެ. އަދި އޯ ގޯޑް އޭ ނުވަތަ އޯ ލޯޑް އޭ އެއްބަޔަކު ދަންނަވާއިރު ، އަނެއްބަޔަކު ، ޔާ ޕަރުވަރުދިޤާރުއޭ ދަންނަވާނެއެވެ. އިންޑޮނީސިއާއި މެލޭޝިއާ މީހުން ، ޔާ ޓުހާން އޭ ދަންނަވައެވެ. ޕަންޖާބީން އޯހ ރައްބު އެވެ. އަދި މިނޫނަސް ، އެބަޔަކަށް ކުރިމަތިވާ މުޞީބާތުގެ ވަގުތުގައި ، އެބަޔަކު ޤަބޫލުކުރާ ގޮތަކަށް ، އެބަޔަކު ޤަބޫލުކުރާ ބަހަކުން ، ﷲ ، ނުވަތަ ހެއްދެވި ފަރާތް ނޫން އެހެން ފަރާތެއް އެބަޔަކު ހަނދުމައެއް ނުކުރެއެވެ. މިއީ ، ހަމަކޮންމެ އިންސާނެއްގެ އާދަ އެވެ. ވަކި އުއްމަތެއް ، މިއްލަތެއް އަދި ވަކިދީނެއް ނުވަތަ ވަކި ނަސްލެއް ނޯވެއެވެ. ކޮންމެ އާދަމުގެ ދަރިޔަކުވެސް މުޞީބާތުގެ ވަގުތުގައި ﷲ ހަނދުމަ ކުރެއެވެ. މުސީބަތުގެ ވަގުތުގައި އިސްއުފުލައި ، އުޑާދިމާއަށް ބަލައި ދެއަތްމައްޗަށް ނަގައި ، ﷲ އަށް ނުދަންނަވާ އެއްވެސް އިންސާނެއް ނުވެއެވެ.
ސަލާމް ނުވަތަ ހަލޯ
ދެމީހަކު ބައްދަލުވާ ހިނދު ، ސަލާމްކޮށްލުމަކީ ، ނުވަތަ ސަލާމް ގޮވައިލުމަކީ ގިނަބަޔަކު އާދަކޮށްފައިވާ ކަމެކެވެ. ޣައިރު މުސްލިމުން ގޮވާލާނީ ހަލޯ އެވެ. އިނގިރޭސި ބަސްފޮތްތަކުން އެނގޭ ގޮތުގައި ، ހެލޯ ، މިބަހަކީ ، ތޯމަސް އެޑިޝަން އުފެއްދި ބަހެކެވެ. އޭނާގެ ފޯނަށް ޖަވާބުދޭމީހުން ، ފޯނު ނަގާފައި ހަލޯ އޭ ބުނުމަށް އޭނާ އެދެމުން ގެންދިޔައެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ، ހަލޯ އޭބުނުމަށް މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން ، އިސްލާމްދީނުގައި ބަހެއް އުފައްދާފައި ވާކަމެވެ. އެއީ އައްސަލާމް ޢަލައިކުމް އެވެ. ދޭދޭ ފަރުދުން ބައްދަލުވާ ހިނދު އަދި ފޯނުން ދިމާވާ ހިނދު ، ހަލޯއޭ ބުނުމުގެ ބަދަލުގައި އިސްލާމީ ސަލާމުން ސަލާމް ކުރުމަކީ ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމެކެވެ. އެއީ ވަރަށް މަތިވެރި އާދައެކެވެ. ކީރިތި ޤުރުއާނުގެ ނިސާއު ސޫރަތުގެ 86 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ވަޙީ ކުރައްވާފައި ވެއެވެ. " ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކޮށްފިނަމަ ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދު ކުރާށެވެ "
ކޮންމެއަކަސް ، ސަލާމަކީ ، ހުރިހައި އިންސާނުންގެ މެދުގައިވެސް ކުރަން އާދަކުރެވިފައި އޮންނަ ކަމެކެވެ. އެބަޔެއްގެ ބަހުން އެބަޔަކު ބޭނުން ކުރަމުންގެންދާ އާދައެކެވެ. އިސްލާމީ އުއްމަތުގައި ބޭނުންކުރަނީ ، އައްސަލާމް ޢަލައިކުމް އޭ ބުނެއެވެ. އިނގިރޭސިބަހަށް ދޯޅުމީހުން އޭގެ ބަދަލުގައި ހަލޯ އޭ ބުނެއެވެ. އެހެންނަމަވެސް ، އިސްލާމީ ސަލާމުން ސަލާމް ކުރުމަށް ބޭނުންކުރެވޭ އައްސަލާމް ޢަލައިކުމް ، އެއީ ހަލޯ އަށްވުރެ މާ މަތިވެރި ބަހެކެވެ. ހަލޯ އަކީ އިންސާނާ އުފެއްދި ބަހެކެވެ. އައްސަލާމް ޢަލައިކުމް އެއީ ، ﷲ ތަޢާލާގެ ޙަޟުރަތުން އަންގަވައި ބޭނުން ކުރުމަށް އަމުރުކުރައްވާފައިވާ ބަހެކެވެ. އިންސާނާގެ ޣާފިލްކަން ބޮޑުވެގެންގޮސް ، ﷲ ތަޢާލާގެ އަމުރުފުޅާ އެއްގޮތަށް ސަލާމް ގޮވައިލުމަށްވުރެ ، ހަލޯ އޭ ބުނަންވަނީ އާދަކޮށްފައެވެ. މުސްލިމުންނަށް އެންމެ ހެޔޮކަން ބޮޑީ ، އިސްލާމީ ސަލާމުން ސަލާމް ކުރުމެވެ. ﷲ ގެ ޙާޟުރަތުން ސަލާމަތްކަމަށް އެދުމެވެ.
ކުޅުޖެހުން
ކުޅުޖެހުމަކީ ، އަނގަޔަށް ކުޅުގިނަވާ ހިނދު ، ގިނަވެފައި ހުންނަ އޮލަތައް ބޭރުކޮށްލުމެވެ. ކުޅުޖަހަނީ ހަމައެކަނި ދުފާމީހުން އަނގަޔަށް ކުޅުގިނަވީމައި އެކަންޏެއްނޫނެވެ. ރުޅިއައިސްގެން ، އެރުޅި ރައްދުވާ މީހާގެ އަގު ވައްޓާލައި އިޙްތިރާމެއް ނެތްކަން އަންގަންވެގެންވެސް ކުޅުޖަހައިފާނެއެވެ. ކުޅުޖެހުމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް އާދަވެފައި އޮންނަ ކަމެކެވެ. ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ވަކި ހަމަތަކަކުން ، ކުރެވިފައި އޮންނަ އާދައެއްގެ މަތިން ކުޅުޖަހައެވެ.
މުސްލިމުން ނަމާދު ކުރަން ތިބޭއިރު ، ޚިންޒިބް އޭ ކިޔުނު ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް ކުޅުޖެހުމަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައި އިރުޝާދު ދެއްވާފައި ވެއެވެ. އެއީ ނަމާދުކުރަން ހުންނައިރު ، ހިތަށް ވަސްވާސް ވައްދައި ، ނަމާދާ ދުރުކުރުމަށް އެޝައިތާނާ ވަސްވާސްދީ އުނދަގޫ ކުރާނަމަ ކުރާކަމެކެވެ. މިކަހަލަ ކަމެއްދިމާވުމުން ، އެ ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް ، އަޢޫޛު ކިޔުމަށްފަހު އޭނާގެ ވައަތްފަރާތަށް ތިންފަހަރު ކުޅު ޖެހުމަށް ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ. ކުޅު ޖަހާނީ ނަމާދު ކުރާތަނާއި ، ކައިރީގައިތިބޭ މީހުންނަށް އުނދަގުލެއް ނުވާގޮތަށެވެ. ކުޅު ނުބުރާ ގޮތަށެވެ.
އިންޑިއާގެ ހިންދޫންގެ ކަލާނގެއެއްކަމުގައިވާ ކާލާޖީއަށް އަޅުކަންކުރާ މީހުންނަކީވެސް ، ޚާއްޞަކޮށް އަޙްމަދުއާބާދުގައި ދިރިއުޅޭ މީހުން ، އެސްފިންނައިން ސަލާމަތްވުމަށް ، ކުޅުނުބުރާގޮތަށް ، ވައަތްފަރާތަށް ތިންފަހަރުކުޅުޖަހާ ބަޔެކެވެ. މައިން އެމީހުންގެ ދަރިން ، އެހެން މީހުންގެ އެސްފިންނައިން ސަލާމަތްކުރުމަށް ، ބުނާއެއްޗެއް ބުނުމަށްފަހު ، ވައަތްފަރާތަށް ތިންފަހަރު ކުޅުޖަހައެވެ.
އެހެންކަމުން އާދަކާދައަކީ އެކިގޮތްގޮތަށް ، އަދި އެއްގޮތް ގޮތްގޮތަށް ، ދުނިޔޭގެ އެކިކަންކޮޅުގައި އިންސާނާގެ ފަރާތުން ފެންނަ ކަމެކެވެ. އާދަ ބިނާވެގެންވަނީ ، ސަޤާފަތާއި ދީނާ އަދި ޢާންމު ދިރިއުޅުމުގައި އިންސާނާގެ ޢަމަލުތައް ބަށްޓަންކުރާ ގޮތަކަށެވެ.