ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުން ވަޅުނުލައި އަންދާލަން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެެފަދަ މީހުން ވަޅުުލުމުގެ ހުއްދަދޭން ސްރީލަންކާ ސަރުކާރުން ނިންމައިފި ކަަމަށް އެގައުމުގެ މިނިސްްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
މިއަދު މި ހުއްދަ ދީފައި މިވަނީ އެކަަމަށްޓަކައި ސްރީލަންކާގެ މުސްލިމުން އަޑުއުފުލަމުން ގެންދާތާ އެތައް މަހެއް ފަހުން، ސްރީލަންކާ ސަރުކާރަށް ކުރިމަތިވާ ބައިނަލްއަގުވާމީ ފިއްތުންތައްވެސް ބޮޑުވެފައި ވަނިކޮށެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އަންދާލުން މަޖުބޫރުކޮށް ސްރީލަންކާ ސަރުކާރުން އަމުރު ނެރުނީ ފާއިތުވި އަހަރުގެ މާރިޗު މަހުގައެވެ. އެއީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެނަށް އެމީހުން ގައިގައި ހުރި ވައިރަހުގެ އަސަރުކޮށް، ބަަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ބުނެއެެވެ. އެހެންނަމަވެސް، މުސްލިމުން ގެންދިޔައީ، އެއީ ސައިންސުގެ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާވެފައި އޮތް ނިންމުމެއް ކަމަށާ، މުސްލިމުންގެ ހަށިގަނޑު އެންދުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަަމަށް ބުނެ އެ ނިންމުން ބަދަލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
ނިމިދިޔަ ހަފުތާގައި ސްރީލަންކާއަށް ޒިޔާރަތްކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންާ ޚާން ފާއިތުވި ބުދަދުވަހު ސްރީލަންކާގެ މުސްލިމް ލީޑަރުންނާ ބައްދަލުކުރެެއްވި އިރު އެބޭފުޅުން ވަނީ މި މައްސަލަ މުސްލިމުން އެދޭ ގޮތަށް ނިންމައިދިނުމަށް ސްރީލަންކާގެ ސަރުކާރަށް ބާރުއަޅުއްވައި ދެއްވުމަށް އިމްރާން ޚާންގެ އަރިހުގައި ދަންނަވާފައެވެ.
އަދި ޖެނީވާގައި އޮތް އދ.ގެ ހިއުމަން ރައިޓްްސް ކައުންސިލްގެ ބައްދަލުވުމުގައި ބުދަ ދުވަހު ވާހަކަފުޅުދައްކަވަމުން އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރް) ގެ ޗެއާޕާސަން މިޝޭލް ބެޗެލޭ ވެސް ވަނީ މި މައްސަަލައަށް އިޝާރާތްކުރައްވާފައެވެ.
"ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލަން މަޖުބޫރުކުރުމުގެ ސިޔާސަތުގެ ސަބަބުން ބައިމަދު މުސްލިމުންނަށާއި، ނަސާރާއިންނަށް ވަނީ ވޭނާއި ހިތްދަތިކަން ކުރިމަތިވެފައި." އޭނާ ވިދާާޅުވިއެވެ.
ސްރީލަންކާގެ މުސްލިމުން ވަނީ އަންގާރަ ދުވަހު ރިޔާސީ ގަނޑުވަރު ކުރިމަތީގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ބޮޑު އިހުތިޖާޖެއްްވެސް ބާއްވާފައެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މުސްލިމުންގެ ނިސްބަތަކީ %10 އެވެ.