ސާއިދު، ކިޑްނީއަކަށް އެދި އާދޭސްކުރާތާ 2 އަހަރާއި 7 މަސް

ރާއްޖޭގެ ކުޅިވަރު ނޫސްވެރިންގެތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ނޫސްވެރިއެއްކަަމަށްވާ ސާއިދު ޢަޙްމަދު ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އާދޭސްކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާއަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ނޫސްވެރިއެކެވެ. ކުޅިވަރު ޕްރެޒެންޓަރެކެވެ. ފޯރިގަދަ ފުޓްބޯޅަ ކޮމަންޓޭޓަރެކެވެ. ސާއިދުގެ ދެ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަމުން އަންނަތާ ގާތްގަނޑަކަށް 2 އަހަރާއި 7 މަސްދުވަސްވީއެވެ. މި މުއްދަތުގައި އޭނާއަށް ކިޑްނީއެއް ދޭނެ މީހަކުވޭތޯ ދިޔައީ އާދޭސްކުރަމުންނެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރުވެެސް އެކަން އަދި ކާމިޔާބުވާގޮތެއް ނުވެއެވެ.

ޢުމުރުން އެންމެ 29 އަހަރުގެ ސާޢިދަށް އޭނާގެ 2 ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ ކުއްލިއަކަށެވެ. 2018ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި މާބޮޑަށް ވަރުދެރަވެ ބަލިވާން ފެށުމުން އޭނާ ޑޮކްޓަރަށް ދެއްކިއެވެ. ޓެސްޓުތަކުގެ ނަތީޖާއިން އެނގުނީ އޭނާގެ 2 ކިޑްނީ ފެއިލްވެފައިވާކަމެވެ. އެއާއެކު ރާއްޖެއާއި އިންޑިއާއިންވެސް އޭނާވަނީ ފަރުވާ ހޯދާފައެވެ. އެހެންނަމަވެސް މިބަލީގެ ފަރުވާއަކީ ކިޑްނީ ބަދަލުކުރުމެވެ. ކިޑްނީއެއް ލިބޭގޮތް ނުވާތީ ސާއިދު ދަނީ އަދިވެސް އާދޭސްކުރަމުންނެވެ. ސާއިދު އަންނަނީ އެދުވަހުންފެށިގެން މިއަދާހަމައަށް ދެ ދުވަހުން އެއް ދުވަހު އައިޖީއެމްއެޗުގައި ޑައިލަސިސް ހަދަމުންނެވެ. އޭނާގެ ލޭގެ ގްރޫޕަކީ އޯ ޕޮޒިޓިވްއެވެ.

ސާއިދުގެ ގާތް އެކުވެރިޔަކު ކިޔައިދިންގޮތުގައި އޭނާއަކީ މަދުންނޫނީ ނުފެންނާނެފަދަ ހިތްވަރުގަދަ މީހެކެވެ.

2009ވަނަ އަހަރު ސަންއެފްއެމްއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ މިހާރުވެސް މެދުކެނޑުމެއްނެތި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާ ހީވާގި ނޫސްވެރިއެވެ. ކޮންމެ ދެދުވަހުން އެއްދުވަހު ޑައިލަސިސް ހެދުމަކީ ކިހާ ވޭންހުރިކަމެއްކަން އެނގޭނީ ހަމަ އެކަން ތަޙައްމަލުކުރާ މީހަކަށެވެ. އެވޭނާއެކުވެސް ވަރުބަލިކަމެއްނެތި ސާއިދު އަންނަނީ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. ޚަބަރު ލިއުމުގެ އިތުރުން ދަނޑަށްގޮސް ކޮމެންޓްރީ ދިނުންފަދަ ކަންކަމުގައި އޭނާ ޙަރަކާތްތެރިވެއެވެ. ބަލާމީހަކަށް އޭނާއަކީ ބޮޑު ބައްޔެއް ތަޙަންމަލުކުރާ މީހެއްކަމެއް ނުވެސް އެނގޭނެއެވެ.

މިއަދު އަނެއްކާވެސް ސޯޝަލް މީޑިއާއާއި ބައެއް މީޑިއާތަކުން ސާޢިދުގެ ވާހަކަ ވަރަށްބޮޑަށް އެބަ ފެނެއެވެ. ސާޢިދުވަނީ އޭނާއަށް އެހީތެރިވުމަށްއެދި ސޯޝަލް މިޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ. އެއާއެކު އެކުވެރި ނޫސްވެރިންނައި އެކި ދާއިރާތަކުން މަޝްހޫރު އެތައްބަޔަކު އެޕޯސްޓު ޝެއަރކޮށް ރީޕޯސްޓްކޮށް ސާޢިދަށް އެހީވެދިނުމަށް އެދެމުން އެބަދެއެވެ.

އާފަތިހުން ސާޢީދަށް ގުޅާލުމުން އޭނާ ބުނީ އެހީ ހޯދުމަށް މިދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުންކަމަށާ، އޭނާ ވަކީލުކުރަނީ މާތްﷲއަށްކަމަށެވެ. އެންމެ ހިނދުކޮޅަކަށްވެސް އުންމީދު ކަނޑާނުލާކަމަށާ، ވަގުތުޖެހުމުން މާތްﷲ ޝިފާދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް އޮންނަކަމަށެވެ.

"ކޮންމެ އިންސާނަކަށްވެސް މިފަދަ ޙާލެއް މެދުވެރިވެދާނެ. އަޅުގަނޑުގެ ދުޢާއަކީ މާތްﷲ އަޅުގަނޑުގެ ޢާއިލާ މީހަކަށްވެސް އަދި ދުރި މީހަކަށްވެސް މިފަދަ ޙާލެއް މެދުވެރި ނުކުރެއްވުން. ދެން މިކަން މެދުވެރިވީއްސުރެ މިދަނީ އެހީ ހޯދުމަށް އިންތިހާއަށް މަސައްކަތްކުރަމުން. ފައިސާގެ އެހީތެރިކަން ލިބޭ. އެހެންނަމަވެސް އަޅުގަނޑު ބޭނުންވެގެން މިއުޅެނީ ކިޑްނީއެއް. އަޅުގަނޑުގެ ފުރާނަ ސަލާމަތްވާން އޮތީ ކިޑްނީއެއް ލިބިގެން. އެހެންވީމާ މާތްﷲއަށްޓަކައި އަޅުގަނޑުގެ ފުރާނަ ސަލާމަތްކޮށްދެއްވުމަށް ކޮންމެވެސް ދީލަތި ފަރާތެއްގެ އެހީތެރިކަން އެދެނީ." ސާޢިދު ބުންޏެވެ.

ސާއިދުގެ މޮބައިލް ނަމްބަރަކީ 7998981 އެވެ. އޭނާއަށް އެހީތެރިވުމަކީ ރާއްޖޭގެ އެންމެހައި ނޫސްވެރިންގެ ވަރަށްބޮޑު އެދުމެކެވެ. މިއަދު އެތައް ނޫސްވެރިންނެއްދަނީ މިއެދުން ސޯޝަލްމީޑިއާގައި ހާމަކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.