ދުނިޔޭގައި ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް މިހާރު ލިބެންހުރި ވެކްސިން އެއްވެސް ހަމަހަަމަކަމެއް ނެތް ގޮތުގައި ބޭނުންކުރަމުން ދާތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މުއްސަނދި 10 ގައުމަކުން ކޮވިޑް-19 ވެކްސިންގެ %75 ބޭނުންކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ވީހާ އަވަހަަކަށް ހުރިހާ ގައުމެެއްްގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވޭނެ އުސޫލެއް ހަމަޖައްސަން ޖެހޭ ކަމުގައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އޭނާ މިކަން ސިފަކޮށްފައިވަނީ "ހަމަހަމަކަމާއި އިންސާފު މާބޮަޑަށްވެސް ނެތް" ކަމެއްގެ ގޮތުގައެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި 130 އަކަށް އަދި ވެކްސިންގެ އެންމެ ޑޯޒެއްވެސް ލިބިފައި ނުވެއެެވެ.
"މި ނާޒުުކު ދަނޑިވަޅުގައި ބައިނަލް އަގުވާމީ މުޖްތަމައަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އަޚްލާގީ އިމްތިހާނަކީ ވެކްސިންގައި ހަމަހަމަކަން ގާއިމުކުރުން." ގުޓަރޭޝް ވިދާޅުވިއެވެ.
އޭނާ ވަނީ ވެކްސިން ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމުގެ ބާރު ލިބިގެންވާ ފަރާތްތަކާއި، ސައިންސުވެރިންނާއި، ވެކްސިން އުފައްދާ ފަރާތްތަކާއި، މިކަމަށް މާލީގޮތުން އެހީތެެރިވެދޭނެ ފަރާތްތައް ހިމެނޭހެންް "ބައިނަލް އަގްވާމީ ވެކްސިން ޕްލޭން" ގެ ނަމުގައިި ޕްްލޭނެއް އެކުލަވާލުމަށް ގޮަވައިލައްވާފައެވެ.
މީގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކާއި، އުފެއްދުންތެރިކަމާއި، މުދާ އެެއްތަނުން އަނެއްތަނަށް ގެންދިއުމުުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތައް ހިމެނޭ އެމަޖެންސީ ޓާކްސް ފޯހެއް ޖީ-20 ގައި ހިމެނޭ ދުނިޔޭގެ އިގްތިސާދީ ބާރުތަކުން އުފެއްދުމަށްވެސް އދ. ގެ ސެކްރެޓަރީ ޖެެނެރަލް އިއްޔެ ދެއްކެވި ވާހަކަފުޅުގައި ގޮވާލައްވާފައި ވެއެވެ.
ސިނާއީ ބޮޑެތި ބާރުތައް ހިމެނޭ ޖީ-7 ޖަމާއަތުން ހުުުކުރު ދުވަހު ފަށާ ބައްދަލުވުމުގައި، ވެކްސިން ހަމަަހަމަގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުުގެ މަސައްކަތް ފެށުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.
ދުނިޔޭގައި 109 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 2.4 މިލިއަން މީހުން އެ ބަލީގައި މަރުވެފައި ވާއިރު، ގިނަ ގައުމުތަކެއްގައި އަދިވެސް ވެކްސިން ޖަހަން ނުފެށެއެވެ.
ފަގީރު ގައުމުތަކަށް ވެކްސިން ހޯދައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އުފައްދާފައިވާ ކޮވިކްސް ފެސިލިޓީއަށް ވެސް ވަނީ އެ ޕްރޮގްރާމުން އަމާޒު ކުރި ދުވަހު ވެކްސިން ފޯރުކޮށްދޭން ނުފެށިފައެވެ. އެހެންކަމުން، ފަގީރު އެތައް ގައުމަކުން މިހާރު ވަނީ ކޮވެކްސް ފެސިލިޓީން ވެކްސިން ލިބެންދެން ނުތިބެ އަމިއްލަ ގޮތުން ވެކްސިން ގަތުމުގެ މަސައްކަތް ފަަށާަފައެވެ.