އެމެރިކާގެ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕަަށް ތާއީދުކުރާ ބަޔަކު ފާއިތުވި ޖަަނަވަރީ މަހުގެ 6 ވަނަ ދުވަހު ގާނޫނުހަދާ މަޖިލީހުގެ އިމާރާތް، ދަ ކެޕިޓޯލްއަށް ވަދެގަނެ ހިންގި ހަމަނުޖެހުމާއި ގުޅިގެން ސެނެޓުގައި ކުރިއަށް ގެންދިޔަ އިމްޕީޗްމަންޓް ޝަރީއަތަށް ފަހު އޭނާ ކުށްވެރިނުވާކަމަށް ސެނެޓުން ފާސްކޮށްފިއެވެ.
ޓްރަމްޕް ކުށްވެރިކުރަން ސެނެޓުގެ ތިންބައިކުޅަ ދެބައި (67) ވޯޓު ބޭނުންވާއިރު، އޭނާ ކުށްވެރިވާކަމަށް ވޯޓުދެއްވާފައި ވަނީ 57 ސެެނެޓަރުންނެވެ. 43 ސެނެޓަރުން ވޯޓުދެއްވީ ޓްރަމްޕް ކުށްވެރިނުވާ ކަަމަށެވެ. ވޯޓު ނިމިގެން ގޮސްފައި ވަނީ ގާތްގަނޑަށް ޕާޓީ ފިކުރާ އެއްގޮތަށެވެ. ޑިމޮކްރެޓިކް ހުރިހާ ސެނެޓަރުން ރައީސު ޓްރަމްޕް ކުށްވެރިވާކަަަމަށް ވޯޓުދެއްވިއިރު، އޭނާ ކުށްވެރިކުރުމުގައި ޑިމޮކްރެޓިކް ޕާޓީ ކޮޅަށް ޖެހިވަޑައިގަތީ ރިޕަބްލިކަން ޕާޓީގެ އެެންމެ 7 ސެނެޓަރުންނެވެ. މިވޯޓުގައި ޓްރަމްޕް ކުށްވެރިވާކަމަށް ފާސްނުވި ނަމަވެސް، މިއީ އެމެރިކާގެ ތާރީޚުގައި އިމްޕީޗްމަންޓް ވޯޓެއްގައި ރައީސުގެ އަމިއްލަ ޕާޓީގެ އެންމެ ގިނަ މެންބަރުން އޭނާއަށް ދެކޮޅަށް ވޯޓުދެއްވި ފަހަރެވެ.
ފަސް ދުވަހަށް ދެމިގެން ދިޔަ އިމްޕީޗްމަންޓް ޝަރީއަތުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މައްސަލަ ހުށަހެޅުއްވި ބޭފުޅުން ވަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި އެ ނަތީޖާ ތަސްދީގުކުރަން ކޮންގްރެސްއިން ބޭއްވި ޖަލްސާ ހުއްޓުވަން ރައީސު ޓްރަމްޕް މަސައްކަތްޕުޅު ކުރައްވާފައިވާކަން ސާބިތުކުރަން ގިނަ ހެކިތަކެއް ދައްކަވާފައެވެ. އަދި ކުރިން ހާމަވެފައިނުވާ ވީޑިއޯތަކެއް ވެސް ދައްކަވާފައެވެ. ޓްރަމްޕަށް ތާއީދުކުރާ މީހުން ކެޕިޓޯލް އިމާރާތަށް ވަދެގަތީ ސީދާ ޓްރަމްޕްގެ އެންގެވުމަށް ކަން ހާމަވާ އޯޑިއޯތަކާއި ޓުވީޓުތައްވެސް ހުށަހެޅުއްވިއެެވެ. އެހެންނަަމަވެސް، ރައީސު ޓްރަމްޕްގެ ޕާޓީ، ރިޕަބްލިކް ޕާޓީގެ 17 މެންބަރުން އަނބުރައިލެވޭ ވަރުގެ ހެކިތަކަކަށް އެހެކިތައް ނުވިއެވެ.
އޭނާ ކުށްވެރިނުވާ ކަމަށް ސެެނެޓުން ނިންމުމަށް ފަހު، ރައީސު ޓްރަމްޕް ވަނީ ބަޔާނެއް ނެރުއްވާފައެވެ.
"އަހަރުމެންގެ ހުރިހާ ރައްޔިތުންނަށް އެމެރިކާގެ މަތިވެރިކަން ހާސިލުކޮށްދިނުމަށް އަހަރުމެން ކުރާ ދަތުރާއިގެން ކުރިއަށް ދާނަަން." ފްލޮރިޑާގައި ހުންނަވައިގެން އުމުރުފުޅުން 74 އަހަރުގެ ކުރީގެ ރައީސު ނެރުއްވި ބަޔާނުގައި ވެއެވެ.
"އަހަރުމެން ކުރިމަތީގައި ކުރަން ހުރި މަސައްކަތް ވަރަށް ގިނަ. އަދި ވަަރަށް އަވަހަށް އުޖާލާ، މަހުދޫވެފައިނުވާ އެމެރިކާއެެއް މުސްތަގުބަލަށް އާ ތަސައްވުރަކާއިގެން އަަަހަރުމެން ނުކުންނާނަން." އޭނާގެ ބަޔާނުގައި ވެއެވެ.
ސެެނެޓުގެ މައިނޯރިޓީ ލީޑަރު، އަދި ރިޕަބްލިކަން ސެނެޓަރުންގެ އެންމެ އިސް ސެނެޓަރު މިޗް މެކްކޮނެލް ވަނީ ރައީސު ޓްރަމްޕް ކުށްވެރި ނުވާކަަމަށް ވޯޓު ދެއްވާނެކަމަށް ވިދާޅުވުމާއެކު، ޑިމޮކްރެޓުންނަށް ކާމިޔާބުނުލިބޭނެކަން ޔަގީންވިއެވެ. އެެހެންކަމުން، ހެކިންގެ ބަޔާންނަގަން ފާސްކުރި ނަމަވެސް، ފަހުން ބަޔާން ނުނަގާ ގޮތަށް ނިންމައި ވޯޓު އަވަސްކުރީއެވެ.
ރައީސު ޓްރަމްޕަކީ އެމެެރިކާގެ ތާރީޚުގައި އިމްޕީޗްކުރެވުނު ތިންވަނަ ރައީސަށްވާއިރު، އޭނާއަކީ ދެފަހަރަށް އިމްޕީޗްކުރެވުނު ފުރަތަމަ ރައީސެވެ. 1868 ވަނަ އަހަރު ރައީސު އެންޑްރޫ ޖޯންސަން އިމްޕީޗް ކުރެވިފައިވާއިރު، 1998 ވަނަ އަހަރު ރައީސު ބިލް ކްލިންޓަން އިމްޕީޗް ކުރެވުނެވެ. ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ 2019 ވަނަ އަހަރާއި 2021 ވަނަ އަަަހަރު އިމްޕީޗްކުރެވިފައެވެ.