ހުޅަނގު އަފްޣާނިސްތާނުގައި އީރާނާ ސަރަހައްދީ ރޮނގު ގުޅޭ ހިސާބުގައި ހުރި ކަސްޓަމްސް ކެޗް ޕޯސްޓެއްގައި ކިޔު ޖެހިފައި ހުރި ލޮރީތަކުގެ ތެރެއިން ލޮރީއެއެް ގޮޮވުމުގެ ސަބަބުން ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަފްޣާނިސްތާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ހިރާތު ޕްރޮވިިންސުގެ އިސްލަމާ ޤަލްއާ ކްރޮސިންގް ޕޮއިންޓުގައި އޮތް ލޮރީ ގޮވުމުގެ ސަބަބުން ރޯވި ބިޔަ އަލިފާންގަނޑުގައި 60 މީހުން ޒަޚަމްވެފައި ވާއިރު، ނެޗުރަލް ގޭހާއި ތެޔޮ ބަރުކޮށްފައި އޮތް 500 އަށްވުރެ ގިނަ ލޮރީގައި ވަނީ ރޯވެފައެވެ.
ތެޔޮ ލޮރީ ގޮވީ ކިހިނެއް ވެގެންކަން އަދި ސާފުވެފައި ނުވެއެވެ. ހިރާތު ޕްރޮވިންސުގެ ގަވަރުނަރު ވަޙީދު ޤަޠާލީ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ތަނަށް ފުރަަތަމަ ދިޔަ އަލިފާން ނިއްވާ މީހުންގެ އަތުގައި އެވަރުގެ އަލިފާންގަނޑެއް ނިއްވާނޭ ވަސީލަތެއް ނެތްކަމުގައެވެ. އަދި އަލިފާން ނިވާ ވަސީލަތްތަކުގެ އެހީއަށް އީރާނުން އެދެން ޖެހުނު ކަމުގައެވެ.
އީރާނުގެ ޚުރާސާން ރަޒާވީ ޕްރޮވިންސުގެ ޑިރެކްޓަރ ޖެނެރަލް އޮފް ކްރައިސިސް މެނޭޖްމަންޓް މުޙްސިން ނަޖާތު ވިދާޅުވި ގޮތުގައި އީރާނުން ވަނީ އަލިފާން ނިއްވާ 20 ލޮރީއާއި 21 އެމްބިއުލާންސް ފޮނުވާފައެވެ.
"(މި ހާދިސާގެ) ޝިކާރައަކަށްވި މީހުން ވާހަކަ މިވަގުތު އަހަރުމެންނަށް ދެއްކޭކަށް ނެތް." ޤަތާލީ ވިދާޅުވިއެވެ.
އަލިފާންގަނޑު ފެތެރެން ފެށުމާއެކީ، އަފްޣާން ސަލާމަތީ ބާރުތަކާ، އަވަސް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ އެތައް ސަތޭކަ ތެޔޮ ލޮރީއެއް އެ ސަރަހައްުދުން ދުރަށް ގެންގޮސްފައެވެ.
ހިރާތު ޕްރޮވިންސުގެ ރީޖަނަލް ހޮސްޕިޓަލުގެ ތަރުޖަމާނު މުޙައްމަދު ރަފީޤު ޝިރްޒީ މައުލޫމާތުދެއްވި ގޮތުގައި، ހުޅުގަނޑު ބޮޑު ކަމުން އެމްބިއުލާންސްތަކަށް ޒަޚަމްވި މީހުންނާ ހަަމައަށް އަދި އަލިފާން ރޯވި ހިސާބާ ގާތަށް ދެވޭނެ ގޮތް ވަނީ ނުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަޚަމްވި 7 މީހަކުވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވިފައެވެ.
ލޮރީ ޑްރައިވަރުންނާ ހަވާލާދީ އީރާނުގެ އިސްނާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި އަލިފާން ރޯވި 500 އަށްވުރެ ގިނަ ލޮރީ ވަނީ އަނދައިގެން ގޮސްފައެވެ.
އެ ސަރަހައްދުގައި ގޮވި 2 ގޮވުމެއްގެ ބާރުގަަދަ ކަމުން އެ ދެ ގޮވުން ނާސާގެ ސެޓެލައިޓްތަކަށް ފެނިފައި ވެއެެވެ. ފުރަތަމަ ގޮވުން ގޮވާފައި ވަނީ މިއަދު މެންދުރު ފަހު 1:10 (ރާއްޖޭގަޑިން މެންދުރުފަހު 1:40) ހާއިރުއެވެ. އަދި ދެވަނަ ގޮވުން ގޮވާފައި ވަނީ 1:42 (ރާއްޖޭ ގަޑިން 2:12) ހާއިރުއެވެ. އިރު އޮއްސުނު އިިރުވެސް އަލިފާންގަނޑު ނުނިވި އަނދަމުން ދިޔައެވެ.
މި އަލިފާންގަނޑުގެ ސަަބަބުން ހިރާތު ޕްރޮވިންސުގެ ކަރަންޓަށްވެސް ވަނީ ބުރޫ އަރާފައެވެ. ހިރާތު ޕްރޮވިންސަށް އީރާނުން 100 މެގަވޮޓްގެ ކަރަންޓު ގެންނައިރު، ކަރަންޓު ބޮޑު ދެ ޓަވަރެއް އަނދައިގެން ދިއުމުގެ ސަބަބުން އީރާނުން ގެންނަ ކަރަންޓު ވަނީ ކަނޑާލަން ޖެހިފައެވެ. އެހެންކަމުން ހިރާތު ޕްރޮވިންސުގެ %60 މިހާރު އޮތީ ކަނު އަނދިރިކަމުގެ ތެރޭގައެވެ.
ހިރާތު ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ރައީސު ޔޫނުސު ޤާޒީޒާދާ ވިދާޅުވި ގޮތުގައި މިއަދު ރޯވި އަލިފާނުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ ވެފައެވެ.
"އިބްތިދާއީ އަންދާޒާތަކުން ދައްކާ ގޮތުގައި މި އަލިފާނުގެ ސަބަބުން މިހާތަނަށް ލިބުން ގެއްލުން 50 މިިލިއަން އެމެރިކާ ޑޮަލަރަށްވުރެ ބޮޑުވާނެ."
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އީރާނުން ތެޔޮ ބޭރުކުރުން މަނާކޮށްފައި ވީނަމަވެސް، އަފްޣާނިސްތާނަށް ދީފައިވާ ޚާއްސަ ހުއްދަައެއްގެ ދަށުން އީރާނުން ތެޔޮ އެެތެރެކުރުމު ހުއްދަ އެގައުމަށް ވަނީ ދީފައެވެ.