ރާއްޖެއިން މިރޭ އިތުރު 209 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 209 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 101 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 15 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 14 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 73 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ 17,716 އެވެ.
މިއަދު މިބަލިން ރަނގަޅުވީ 149 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15,291 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 2,360 މީހުންނަށެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 190 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 4,006 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 457,673 ސާމްޕަލްވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 58 މީހުންނެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ.