މާލޭ ސަރަހައްދުގައި ގުރޭޑު 1 އިން 6 ގެ ކިޔެވުން އޮންލައިންކޮށް ގެންދިއުމަށް ނިންމައިފި

ކޯވިޑު-19 ގެ ހާލަތުގެ ގޯސްވެ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑު 1 އިން ފެށިގެން 6 ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގުރޭޑު 1 އިން ފެށިގެން 6 ގެ ކިޔެވުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެހަފުތާއަށް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާކަމަށެވެ. މި ގޮތަށް ނިންމައިފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުގެ ދަށުން ބަލި ކޮންޓުރޯލު ކުރުމަށް އަޅައިފައިވާ ފިޔަވަޅެއްގެ ގޮތުންނެވެ. އެހެންކަމުން މި ގުރޭޑުތަކަށް އޮންލައިންކޮށް ކިޔެވުން ގެންދެވުމަށް ނިންމައިފައި ވަނީ މިމަހު 14 އިން 25 އަށެވެ. 

ކޯވިޑްގެ ތިންވަނަ ރާޅާއެކު  އެޗްޕީއޭ އިން އެޅި ފުރަތަމަ ފިޔަވަޅުތަކާއެކު ޕްރީ ސްކޫލުތަކާއި  ޔުނިވަސިޓީ ކޮލެޖްފަދަ ތަންތަނަށް ހާޒިރުވެގެން ކިޔަވައި ދިނުން އޮތީ ދެހަފުތާއަށް ބަންދު ކޮށްފައެވެ. އެޗްޕީއޭ އިން މިއަދު ވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ މާލޭ ސަރަހައްދުގައި ރޭގަނޑު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމެވެ. އަދި މާލޭގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

ކޯވިޑް ކޭސްތައް އިތުރުވެ ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.