ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު މަގާމުން ދުރަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބު ނިމުމުން، އިންތިޚާބު ތަކުގެ "ސައިކަލް" އެއް ނުވަތަ "ވަށްބުރެއް" އޭނާ އަށް ފުރިހަމަ ކުރެވުނީ ކަމަށެވެ. އޭނާގެ ދައުރު ހަމަވާނީ 2023 ގެ އޭޕްރީލްގައެވެ.
"ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވީމާ އަޅުގަނޑުގެ ފުލް ދައުރެއް ފުރިހަމަވީ، ފުލް ދައުރެކޭ މިދަންނަވަނީ "ސައިކަލްއެއް" ހަމަވާނެ. އިންތިޚާބުގެ ސައިކަލްއެއް ހަމަވާނީ ތިން އިންތިޚާބެއް ބޭއްވުނީމާ، އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު. ތިން އިންތިޚާބު ބޭއްވުނީމާ އަޅުގަނޑަށް ރަނގަޅު ތަޖްރިބާއެއް، ކާމިޔާބުތަކެއް އެ ލިބުނީ. އެހެންވީމާ އޭގެ ފަހުން އެހެން ދިމާއަކަށް އަމިއްލަ މަސައްކަތަކަށް ވިއަސް ދައުލަތުގެ އެހެން ދިމާއަކަށް ވިއަސް ސަރުކާރުގެ އެެހެން ދިމާއަކަށް ވިއަސް ދިއުމުގެ ވިސްނުން އަދިވެސް އެބަހުރި." ޝަރީފު ވިދާޅުވިއެވެ.
ސަރުކާރުން ވަކި އޮފަރއެއް ލިބިވަޑައިގެންނެވީތޯ ޕްރެޒެންޓަރު ސުވާލު ކުރެއްވުން އެއްވެސް އޮފަރ އެއް ސަރުކާރުން ލިބިވަޑައިގެންފައި ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެވެސް ދިމާއަކަށް ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ. އިލެކްޝަން ކޮމިޝަނުގެ މަސައްކަތްޕުޅުން ދުރަށް ވަޑައިގެން އަމިއްލަފުޅު މަސައްކަތެއް ފެށްޓެވުމަށް ބައެއް ހެޔޮއެދޭ ފަރާތްތަކާ މަޝަވަރާ ކުރެއްވިކަމަށް ޝަރީފު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ދުރަށް ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އެއްފަހަރުވެސް ސިިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމުން އެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަތުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވިއެވެ. ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާނީ ސިޔާސީ ޕާޓީއަކާ ގުޅިވަޑައި ނުގެން ކަމަށް ވެސް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން ޝަރީފު އުޅުއްވީ ޕީޕީއެމްގައެވެ. ޕީޕީއެމް އިން އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ވެސް ޝަރީފެވެ. އެއީ ތިމަރަފުށީ ދާއިރާގެ "ރަން" ގޮނޑިއަށެވެ.
ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމުގެ ކުރިން ޝަރީފު މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައެވެ. މިހާރު ތައުލީމީ ދާއިރާއަށް ޝައުޤުވެރިވެ ވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތުގައި އެ ދާއިރާއިން ލިބިވަޑައިގެންނެވި ތަޖްރިބާއާއި ހުނަރު ބޭނުން ކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަދު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޝަރީފު ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ބެހޭ މައުލޫމާތުތައް ވެސް ހިއްސާ ކުރައްވައިފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ބައެއް ކަންކަންވެސް ހިއްސާކުރެއްވިއެވެ. ޝަރީފު ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް އޭނާއަކީ ތަފާތު ކުރުމެއް ނެތި ކަންކަން ކުރާ މީހެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.