ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ޢަދަދު 20 ހާހުން މައްޗަށް

ރާއްޖޭގައު ކޯވިޑު- 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދު  ވިހި ހާހަށްވުރެ މަތިވެއްޖެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މުޅި ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދަކީ 20،161 އެވެ. އެއީ މާލެއިން 16،703 މީހުންނާއި އަތޮޅުތަކުން 3،458 މީހުންނެވެ. މިއަދު މުޅިރާއްޖޭގައި ކޯވިޑް ވެކްސިން ދިން މީހުންގެ ޢަދަދަކީ 3910 އެވެ. އެއީ މާލެ ސަރަޙައްދުން 3،285 މީހުންނާއި އަތޮޅުތަކުން 625 މީހަކަށެވެ.  

ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފެށީ މިމަހު ފުރަތަމަ ދުވަހުއެވެ. އެހެން ކަމުން 20 ހާހަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިމިވަނީ 10 ދުވަހުގެ ތެރޭގައެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކަށް އެއް ދުވަހު ވެކްސިން ދީފައި ވަނީ މިއަދެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޤައިމުކުރި ވެކްސިން ސެންޓަރާމާލޭގެ ހަތް ސެންޓަރަކުން ވެކްސިން ދެމުން ދެއެވެ.  އަތޮޅުތަކުގައި 38 ސެންޓަރެއްގައި މިހާރުވަނީ ވެކްސިން ދޭން ފަށާފައެވެ.  މިއަދު ވެކްސިން ދީން މީހުންގެ ތެރޭގައި ހިމެެނެނީ ޢުމުރުން 55 އަހަރުން މަތީގެ މީހުންގެ އިތުރުން ޢުމުރުން 45 އަހަރާއި 55 އަހަރުގެ ދެމެދުގެ ހައި ރިސްކް މީހުންނެވެ. 

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އޭގެ އެއްލައްކަ ޑޯޒ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރިއެވެ. އިތު ވެކްސިން ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ޗައިނާއިން ވެސް އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.