
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމެޓީން މިއަދު ބެލުވުމަށް އެޖެންޑާ ކޮށްފައިވާ އިރު އެބައްދަލުވުން ފެށުމަށްފަހު ސިއްރުކުރައްވައިފިއެވެ.
ބައްދަލުވުން ފެށުމަށްފަހު ސިއްރުކުރެއްވީ އެކަމަށް މެމްބަރަކު ހުށަހަޅުއްވާ ތާއީދު ކުރެއްވުމުންނެވެ. 241 ކޮމެޓީގެ މިއަދުގެ ބައްދަލުވުން ބާއްވާގޮތަށް އެޖެންޑާ ކޮށްފައި އޮތީ މިއަދު 11 ޖަހާއިރުއެވެ. އެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ވެސް ޑރ. ފައިރޫޝްގެ މައްސަލަ އެވެ. 241 ކޮމެޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނު މި މައްސަލަ 241 ކޮމެޓީއަށް ހުށަހަޅުއްވައިފައިވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައިވަނިކޮށް، އެ ގާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔަރ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގަންނަވާތީކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިމައްސަލައިގެން އިތުރުން 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ދިރާސާކުރުމުގެ މައްސަަލަވެސް މިއަދުގެ ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި ޑިފެންސް މިނިސްޓްރީގެ 2020 ގެ ރިޕޯޓު ދިރާސާކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.