ޔަޒުނީ ނަޝީދާ (ޔަޒޫ) އަކީ އެތްލީޓުންނަށް އާ ނަމެއް ނޫނެވެ. އެއީ ރާއްޖޭގެ ކުރީގެ އެންމެ ބާރު އަންހެން ދުވުންތެރިޔާއެވެ. ނުވަތަ އެތުލީޓެވެ. އަދި މިހާރު ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ކޯޗޭ ވެސް ދެންނެވިދާނެއެވެ.
ޔަޒޫ އެތްލީޓަކަށް ވެވުނީ އަމީނިއްޔާ ސްކޫލުގެ ސްޕޯޓްސްމީޓްގެ ތެރެއިންނެވެ. ޔަޒޫ އަކީ ސްކޫލު ދުވަސްވަރު އެތްލެޓިކްސްގެ އިތުރުން ތަފާތު އެކި ކުޅިވަރުތައް ކުޅުނު، ކުޅުންތެރިއެކެވެ. އެތްލެޓިކްސްއަށް އޭނާ ޚާއްސަވީ ސްކޫލު ނިމުމަށް ފަހުއެވެ.
ޔަޒޫ ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ 800 މީޓަރު ރެކޯޑު ގާއިމުކުރީ އޭނާ ބައިވެރިވި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގައެވެ. އެއީ 1995 ގައެވެ. އެންމެ ބާރު ދުވުންތެރިޔާގެ ރެކޯޑު އޭނާ 13 ވަރަކަށް އަހަރު ދެމެހެއްޓިއެވެ. ރާއްޖެއިން އޮލިމްޕިކް ގޭމްސްގައި ބައިވެރިވެރި ދެވަނަ ފަހަރު ޔަޒޫ ވަނީ އަންހެން އެތްލީޓެއްގެ ގޮތުގައި ރާއްޖެ ތަމްސީލު ކޮށްފައެވެ. އެ ނޫނަސް ވަރަށް ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއްގައި ޔަޒޫ ވަނީ ރާއްޖެ ތަމްސީލު ކޮށްފައެވެ. ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ރެކޯޑު، ރިޓަޔަރ ކުރުމާ ހަމައަށް ވެސް ޔަޒޫ ދެމެހެއްޓިއެވެ. މިއީ ހަމަ ގައިމުވެސް އެތްލީޓެއްގެ ހަޔާތުގައި ވަރަށްވެސް ފުރިހަމަ ކާމިޔާބީއަކަށް ނޫނީ ނުވާނެވެ. ޔަޒޫގެ "ރަން" ޒަމާނަކީ ރާއްޖޭގައި އަންހެން ކުދިން ތަފާތު ކުޅިވަރުތަކުގައި މާގިނައިން ހަރާކާތްތެރިވެ އުޅުނު އަދި އެކަމަށް ހިތްވަރުދީ އުޅުނު ދުވަސްވަރެއްވެސް ނޫނެވެ. އެހެންކަމުން ޔަޒޫއަށް އެތްލީޓެއްގެ ގޮތުގައި ދެމި ހުރެވުނީ އާއިލާއިން ދިން އެއްބާރުލުމާއެކު ޔަޒޫގެ ހިތްވަރުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން އެތްލެޓިކްސް އިން ރިޓަޔަރކުރި ނަމަވެސް ޔަޒޫގެ "ދުވެއްޔެއް" މަޑެއް ނޫނެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ އެތައް އެތްލީޓުންނެއް އުފައްދައިފައެވެ. ޔަޒޫ ރިޓަޔަރ ކުރީ 2004 ގައެވެ. އޭރުއްސުރެ ޔަޒޫ ދަނީ ކޯޗުކޮށް ދެމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެތްލެޓިކްސް އެކަޑަމީއެއް ހިންގަން ފަށައިފައި ވަނީވެސް ބާރު ދުވުން ތެރިޔާ، ޔަޒޫއެވެ. ޔަޒޫގެ ކީން ޔޫތް ސްޕޯޓްސް އެކަޑަމީ "ކޭވައި ސްޕޯރޓްސް" އިން ދަނީ މާލޭގެ ބޮޑެތި ސްކޫލުތަކަށް ކޯޗުކޮށްދެމުންނެވެ. އޭގެ އިތުރުން ވަކިވަކި އެތުލީޓުންވެސް ތަމްރީނު ކުރަމުންނެވެ. ޔަޒޫގެ ކޭވައި ސްޕޯރޓްސް ގައި މިހާރުވެސް 70 ވަރަކަށް އެތްލީޓުން ދަނީ ޓްރޭން ވަމުންނެވެ. ކޭވައި ސްޕޯޓްސް ގެ އެތްލީޓުން އިންޓަރ ސްކޫލު މުބާރަތްތަކުގައި ވާދަކޮށް ވަރަށް ރަނގަޅު ކާމިޔާބީތައް ދަނީ ހޯދަމުންނެވެ. އެކަޑަމީގައި އުޅޭ ކުދިންނަކީ ތަންކޮޅެއް އުމުރުން ހަގު ކުދިން ކަމުން އެކުދިންނަށް އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް މިއަހަރަކީ ޔަޒޫއަށް ވަރަށް ޚާއްސަ އަހަރެކެވެ. އެއީ ޔަޒޫ ޓްރޭން ކޮށްފައިވާ އެތްލީޓުންނަށް ބައިނަލްއަގުވާމީ މުބާރާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އަހަރަކަށް ވެގެން ދާނެތީއެވެ.
"ކޮންމެ ކާމިޔާބު ފިރިހެނަކު ފަހަތުގައި އަންހެންނަކު ހުންނާނޭ" ބުނާ ފަދައިން "ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ވެސް ފިރިހެނަކު ހުންނާނެ" ކަމަށް ބެލެވެއެވެ. ހަމަގައިމުވެސް ޔަޒޫ އެކަން ގަބޫލު ކުރާނީ އެގޮތަށްކަން ޔަގީނެވެ. ޔަޒޫއަށް އެކަޑަމީއެއް އުފެއްދުމުގެ ޚިޔާލު ދިނީ އޭނާގެ ފިރިމީހާއެވެ. ޔަޒޫ ފިރިމީހާއަކީ ދިވެއްސެއް ނޫނެވެ. އެއީ ހަންގޭރީގެ ރައްޔިތެކެވެ. ޔަޒޫގެ ފިރިމީހާ ރާއްޖެއަށް އައީ، އޭނޭގެ ބައްޕަ ކްލަބް ވެލެންސިއާއަށް ކޯޗްކޮށްދޭން އައިސް އުޅުނުއިރު ތަރުޖަމާނަކަށެވެ. ޔަޒޫމެންގެ ދެމަފިރިންނަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އޭނާ ކިޔައި ދިން ގޮތުގައި މަސައްކަތުގައި އޭނާގެ ފިރިމީހާގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެއެވެ. އެކަޑަމީގައި ކޯޗުކޮށް ދިނުމުގައި ޔަޒޫގެ ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުން ދަނީ ވަރަށް ފުރިހަމައަށް ލިބެމުންކަން އޭނާ ފާހަގަކުރިއެވެ. ފިރިމީހާގެ އެއްބާރުލުމުގެ އިތުރުން އާއިލާގެ ފަރާތުން ޔަޒޫ އަށް ދީފައިވާ އެއްބާރުލުމާއި ސަޕޯޓު އޭނާ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.
ޔަޒޫ އާ އަޅުގަނޑާ ދިމާވީ ޔަޒޫ އެތަނަކަށް އެންމެ ލޯބި ޖެހިފައިވާ ކުރީގެ ދުވާ ޓްރެކް، މިހާރުގެ ސިންތެޓިކް ޓްރެކުންނެވެ. އެފަދަ ފުރިހަމަ ތަނަކަށް ޓްރެކް ބަދަލު ވުމަކީ ޔަޒޫމެންފަދަ ކުރީގެ އެތްލީޓުން އަދި ކޯޗުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެތްލީޓުންގެ ގޮތުގައި ޔަޒޫމެން ދުވަންފަށައިގަތް އިރު ދުވަން ޖެހެނީ، އޭރު ހެންވޭރު އަޑު ކުރިމަތީގައި އޮންނަ ޕާކު ވަށައެވެ. އެއި މިހާރު ލޮނު ޒިޔާރަތް ޕާކް ސަރަހައްދެވެ. ދުއްވާ އެއްޗެއް އަންނަ ނަމަ އެއިން ސަލާމަތް ވުމަށް ހުއްޓެން ޖެހެއެވެ. އެކުވެނި ކުރިމަތިން އޮންނަ ޓްރެކް ހެދީ ޔަޒޫ ދުވުމުގެ "ރަން" ޒަމާނުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ތަނަކަށް ނުވިއަސް ދުއްވާ އެއްޗެއްގައި ޖެހިދާނެ ކަމުގެ ބިރެއްނެތި ދުވެލެވޭނެ ތަނަކަށް އެތަން ވެގެން ދިޔައެވެ. ހިއްކި ބިމެއްގައި ހަދައިފައިވާ ތަނަކަށް ވުމާއެކު ދުވާއިރު ގަލާއި އަކިރިން ސަލާމަތް ނުވުމާއި ބިންގަނޑު އެއްވަރު ނުވުމާއި ވިއްސާރަ ވެއްޖެނަމަ ފެންބޮޑުވުމުގެ ސަބަބުން ފެންގަނޑުގައި ދުވަންޖެހުމަކީ ޔަޒޫފަދަ ކުރީގެ އެތްލީޓުން ކޮށްފައިވާ އުދަނގޫ ދަތި ތަޖުރިބާ ތަކެކެވެ.
"އޭރު ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވާނަމަ ޔަޒޫމެން ދެތިން ދުވަސް ކުރިން ގެންގޮސް ސިންތެޓިކް ދަނޑުގައި ޕްރެކްޓިސް ކުރުވާނެ. ފުރަތަމަ ކޮޅު ވަރަށް އުދަނގޫ ވެލިދަނޑުގައި ދުވެދުވެފައި ގޮސް ސިންތެޓިކް ޓްރެކްގައި ދުވަން. އެކަމަކު ދެތިން ފަހަރަކަށް ޕްރެކްޓިސް ކޮށްލާއިރު އެދަނޑަށް ހޭނިފައި ހުންނަނީ." ޔަޒޫ ބޭރުގެ މުބާރާތްތަކުގައި ވާދަކުރިއިރު ތައްޔާރުވާ ގޮތް ކިޔައި ދެމުން ބުނެލިއެވެ.
އެފަދަ ދަތި އުދަނގުލުގައި ޕްރެކްޓިސްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޔަޒޫމެން ވާދަކުރި ނަމަވެސް ސިންތެޓިކް ޓްރެކެއް ލިބުމަކީ ކުރިއަށް ދާން ތިބި ޒުވާން އެތްލީޓުންނަށް ކޮށިގެންދިޔަ ވަރަށް އަލި މަގެއް ކަމަށް ޔަޒޫ ދެކެއެވެ. ދެން އޮތީ ފަހި ވެފައިވާ މިފަދަ ފުރުސަތުތައް ބޭނުން ކޮށްގެން، ޔަޒޫފަދަ ކޯޗުންގެ އިރުޝާދާއެކު އެތްލެޓިކްސް އިން ރާއްޖެއަށް "ރަން" ވަނަތައް ކުރިއަށް އޮތްތަނުގައި ހޯދަމަށް މަސައްކަތްކުރުމެވެ.