2020 އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. އެއީ ހަށިގަނޑުގެ ދެރަކަމާއި ޙީލަތްމަދުކަމުގެ އަހަރެކެވެ. އެއީ ބިރުވެރިކަމާއި ހާސްކަމުގެ އަހަރެކެވެ. އެއީ ބަލިމަޑުކަމާއި މަރްޙޫމުން ގިނަ އަހަރެކެވެ. އެއީ އެކަނިވެރިކަމާއި އެކަހެރިކަމުގެ އަހަރެކެވެ. އެއީ މާޔޫސްވުމާއި ހަލަބޮލިކަމުގެ އަހަރެކެވެ. އެއީ ގައިދުރުކުރުމާއި ފުރަބަންދުގެ އަހަރެކެވެ. އެއީ އެއްވެއުޅުމެއްނެތް ގައިގޯޅިކަން ބޮޑު އަހަރެކެވެ.
2020 ވަނަ އަހަރު ވެފައިވަނީ ނާއުއްމީދުގެތެރޭގައި އުޅެން ޖެހުނު އަހަރަކަށެވެ. އިންސާނާގެ އާރެއްބާރެއްނެތްކަން ހާމަވެގެންދިޔަ އަހަރަކަށެވެ. ހަވާއަށްގޮސް މާ ދުރުގައި ހުރި ގުރަހަތަކާއި ގުރަހާނާތައް ދިރާސާ ކުރަމުންދާ އިންސާނާއާ މި ކުރިމަތިވި ޖާއިހާއިން ރައްކައުތެރިކޮށްދޭނެ ފަރުވާއެއް މި އިންސާނާއަށް ވަނީ ނުހޯދިފައެވެ. ހަނގުރާމަމަތީ މިސައިލްތަކުންނާއި ބާރުގަދަ ބޮންތަކުން ރައްކައުތެރިވާނެ މައިތިރިތައް އުފައްދަމުންދާ އިންސާނާއަށް މި ކުޑަކުޑަ ވައިރަހުގެ ޙަމަލާތަކުން ދިފާޢުވެވޭނެ ނިޒާމެއް ވަނީ ނޫފެއްދިފައެވެ. އެއީ އިންސާނާ އޭނާ ހެއްދެވި ފަރާތަށް ބޭނުންވާ މިންވަރު ހާމަކޮށްދިން އަހަރެކެވެ. އަމިއްލައަށް ފުދުންތެރިވެގެން ނޫޅެވޭނެކަން އިންސާނާއަށް ދަސްކޮށްދިން ތަރްބަވީ އަހަރެކެވެ. ފުދުންތެރިވެވޭނީ މާތްﷲ ފުދުންތެރިކޮށް ދެއްވީމާ ކަން ކަށަވަރުވި އަހަރެކެވެ.
2020 އަށް އަލްވަދާޢު
2020 ވަނަ އަހަރުގެ ކޮންމެ ދުވަހެއް ފާއިތުވެގެން ދިޔައީ ހުވަފެންތަކަށް އަލްވަދާޢު ކިއަމުންނެވެ. ރައްކައުތެރި ދަތުރެއް ފެށޭތޯ ނަވަށް އެރުމަށް މަސައްކަތް ކުރަމުންނެވެ. ނަފްސު އޮތީ ކަނު އަދިރީގެތެރޭގައި އޮށޯވެލައިގެންނެވެ. މަގު ހިނގަން ނޭނގޭތީއެވެ. ކުރިމަގު އޮތްގޮތް ނޭނގޭތީއެވެ. ބޮޑު މަހުގެ ބަނޑުތެރޭގައި ޔޫނުސްގެފާނު ހޭދަކުރެއްވި ތިން ދުވަހަކީ މިފަދަ ތިންދުވަހެވެ. އެކަލޭގެފާނު އެ މަހުގެ ބަނޑުތެރޭގައި ކަންބޮޑުވެ ވަޑައިގަތެވެ.ހިތާމަފުޅު ކުރެއްވިއެވެ. ޔޫނުސްގެފާނުގެ ވާހަކަ އަޑު އައްސަވާ ލައްވާށެވެ.
ޔޫނުސްގެފާނަކީ ﷲގެ މާތް ރަސޫލެކެވެ. އެކަލޭގެފާނު ރަސޫކަމާއިގެން ފޮނުއްވުނީ މިހާރުގެ ޢިރާޤުގެ ނައިނަވީ ސަރަޙައްދުގެ މީހުންގެ ގާތަށެވެ. އެއީ ބުދަށް އަޅުކަން ކުރަމުން ދިޔަ ބައެކެވެ.
ޔޫނުސުގެފާނުގެ ނަސަބުފުޅު ގެޅެނީ ޔޫސުފުގެފާނުގެ ކޮއްކޯފުޅު ބުންޔާމީނާއެވެ. ޔޫނުސުގެފާނު 33 އަހަރު ވަންދެން އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ބުދަށް އަޅުކަންކުރުމާ ދުރުހެލިވެ އެއްކައުވަންތަ މާތް ﷲއަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ. އެކަލޭގެފާނަށް މި ރަށުން އީމާންވީ ހަމަ އެންމެ 2 މީހުންނެވެ. ސަލާމުލެއްވި ޔޫނުސްގެފާނު މި ކަމާހެދި ނާއުއްމީދުވެ ވަޑައިގަތެވެ. މި ކަމާހެދި ޤައުމުގެ މީހުން ދޫކުރައްވާ އެ ރަށުން ބޭރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މާތްﷲގެ އިޒްނަފުޅާ ނުލައްވާ ޤައުމުން ބޭރަށް ވަޑައިގަތުމުން މާތް ﷲ އެކަލޭގެފާނަށް އަދަބު ދެއްވަވާނެ ކަމަކަށް ހީފުޅެއް ނުކުރައްވައެވެ.
އެކަލޭގެފާނު ޤައުމުން ބޭރަށް ނުކުމެވަޑައިގަތުމުން ﷲގެ ޢަޒާބުގެ ކުލަތައް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ފެންނަން ފަށައިފިއެވެ. އުޑުމަތި ބަނަވެ ކަނު އަދިރިވެއްޖެއެވެ. ދުމުން ފުރި އެމީހުން ވަށާލައިފިއެވެ. އެމީހުންގެ ގެތައް ގެނދަބުޅިން ކަޅުވެ ކިލާވެއްޖެއެވެ. އެމީހުންނަށް ﷲގެ ޢަޒާބު އަންނަނީކަން ކަށަވަރުވެއްޖެއެވެ. ފިލަން ވަންނާނެ ތަނެއް ނެތްކަން އެނގި އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. ނުތަނަވަސްކަން ލިބިއްޖެއެވެ. އެމީހުންނަށް ތައުބާ ލައްވާތޯ ދުޢާ ކޮށްދެއްވާތޯ ޔޫނުސްގެފާނު ހޯދަން ފަށައިފިއެވެ. ޔޫނުސުގެފާނު ނުފެނުމުން ޔޫނުސްގެފާނުގެ ދަރިވަރެއްގެ އަރިހަށް ގޮސް ކަން ކުރަންވީ ކިހިނެއްތޯ ސުވާލުކުރަން ފަށައިފިއެވެ. އޭނާ ދެއްވި އިރްޝާދުގެ މަތިން އެބައިމީހުން މާތްﷲއަށް ތައުބާވޫއެވެ. މާތްﷲ އެމީހުންގެ ތައުބާ ޤަބޫލު ކުރެއްވިއެވެ. އެމީހުންގެ ޙާލަތު ބަދަލު ކުރެއްވިއެވެ. މި މީހުންގެ ޙާލަތަށް ބަދަލު އައިގޮތް ޔޫނުސްގެފާނަށް ދެކެވަޑައެއް ނުގަންނަވައެވެ.
އަނެއްކޮޅުން ބަލާއިރު ޔޫނުސްގެފާނު ނައިނަވީން ނުކުމެވަޑައިގެން ބަޔަކު މީހުންނާއެކު ނަވަކަށް އަރާވަޑައިގެންނެވިއެވެ. އެހެން ރަށަކަށް ވަޑައިގެންނެވުމަށް ޓަކައެވެ. މި ނަވު މާކަނޑުތެރެއަށް ހަމަ ނުކުތުމާއެކު އެއްއަތަށް ބަރުވެ އަރިއަޅާލައިފިއެވެ. އެމީހުން ބުނިގޮތުގައި އޮޑިއަށް މާ ބަރުވީއެވެ. އެހެންކަމުން އޮޑި ލުއިކުރުމަށް ޓަކައި ކޮންމެވެސް މީހަކު އޮޑިން ފައިބަން އެބަ ޖެހެއެވެ. މި ކަމަށް ޓަކައި ގުރުއަތުލުމުން ގުރުއަތުން ކަނޑަށް ފުންމާލަން ޖެހުނީ ޔޫނުސްގެފާނަށެވެ. އެމީހުންނަށް ޔޫނުސްގެފާނަކީ ހެޔޮ ރަނގަޅު މީހެއްކަން އެނގުމުން އަލުން ގުރުއަތުލިއެވެ. ތިންފަހަރު ގުރުއަތުލައިގެން ވެސް ދިމާވީ ޔޫނުސްގެފާނާއެވެ. އެހެންގޮތެއް ނެތްކަން ކަށަވަރުވެ ވަޑައިގަތުމުން އެކަލޭގެފާނު ކަނޑަށް ފުންމާލެއްވިއެވެ. މާތްﷲ އެކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަމުގެ ޔަޤީންކަމާއެކުގައެވެ.އެހިނދު މާތްﷲ ބޮޑުމަހެއް ފޮނުއްވިއެވެ. އެ މަސް އެކަލޭގެފާނު ދިރުވައިލިއެވެ. އެ މަސް ޔޫނުސްގެފާނު ހަޖަމު ކުރުމަށް ޓަކައި އޭތީގެ ބަނޑުތެރެއަށް ފޮނުވައިލުމުން ޔޫނުސްގެފާނު ހީފުޅުކުރެއްވީ އަވަހާރަވީ ކަމަށެވެ. އެހެނަސް އެކަލޭގެފާނަށް އަތްޕުޅާއި ފައިންޕުޅު ޙަރަކާތް ކުރެއްވޭކަން އެނގިވަޑައިގަތުމުން ﷲއަށް ސަޖިދަ ޖެއްސެވިއެވެ. އެކަލާނގެއަށް ޝުކްރު ދެންނެވިއެވެ. އެކަލާނގެ އެކަލޭގެފާނު ނަޖާކުރައްވައި ސަލާމަތް ކުރައްވާނެ ކަން އެނގިވަޑައިގަތެވެ. އެ މަހަށް އެކަލޭގެފާނަށް އެއްވެސް ގޯނާއެއް ނުކުރެވުނެވެ. އެކަލޭގެފާނުގެ އަތްޕުޅެއް ވެސް ފައިންޕުޅެއް ވެސް ބިއްދައެއް ނުލެވުނެވެ. ޔޫނުސްގެފާނު މި މަހުގެ ބަނޑުތެރޭގައި ކަނު އަނދިރީގައި ތިން ދުވަސް ހޭދަ ކުރެއްވިއެވެ. މި މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު އުޅުއްވިއިރު އާދަޔާ ޚިލާފު އަޑުތަކެއް އިވިވަޑައިގެންނެވިއެވެ.އެއީ ކަނޑުގެ މަޚްލޫޤާތުން މާތްﷲއަށް ދަންނަވާ ތަސްބީޙަތަކުގެ އަޑެވެ. އެހިނދު އެކަލޭގެފާނު ވެސް ﷲ ސުބްޙާނަހޫ ވަ ތަޢާލާއަށް ތަސްބީޙަ ދަންނަވަން ފެށްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވި ތަސްބީޙައަކީ ((لَا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ - އަލްއަންބިޔާއު ސޫރަތް: 87 – މާނައީ : އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! )) އެއަށްފަހު ﷲގެ އަމުރުފުޅަށް މި މަސް ޔޫނުސްގެފާނު ގޮވައިގެންގޮސް ގޮނޑުދޮށަށް އެއްލައިލިއެވެ. މާތްﷲ އެކަލޭގެފާނަށް ހިޔާވަހިކަމާއި ކާނާ ދެއްވުމަށް ޓަކައި " ބަރަބޯ " ވެލެއް ފެޅުއްވިއެވެ . އެކަލޭގެފާނު ސަލާމަތްވެ ވަޑައިގެންނެވުމުން ނައިނަވާއަށް އެނބުރި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެކަލޭގެފާނުގެ ޤައުމުގެ މީހުން މާތްﷲއަށް އީމާންވެފައި ތިއްބައެވެ. އެމީހުންނާއެކު އެކަލޭގެފާނު އެތައް އަހަރުތަކެއް ހޭދަކުރެއްވިއެވެ.މި ވާހަކަތައް ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ - الأنبياء : 87 - އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. )) އެ ޤައުމުގެ މީހުންގެ ވާހަކަ އިތުރަށް ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (( وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾ إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ ﴿١٤٠﴾ فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١﴾ فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢﴾ فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤﴾ فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥﴾ وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦﴾ وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ ﴿١٤٧﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨﴾ - الصافات : 139- 148 - ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. (139) އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! (140) ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. (141) ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. (142–143) ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. (144) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލި حال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. (145) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ. (146) އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ. (147) ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. ))
މާތް ﷲ ޔޫނުސްގެފާނާ ޙަވާލު ކުރެއްވި މަސައްކަތަށް ފުރަގަސްދެއްވުމުން މާތްﷲ އެކަލޭގެފާނާ އިމްތިޙާނުތަކެއް ކުރިމަތި ކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމު ދޫކުރައްވާ ވަޑައިގަތުމަށް ޓަކައި ނަވަށް އަރައިވަޑައިގަތުމުން ގުރުއަތުލައްވަން ޖެހިވަޑައިގަތެވެ. މިއީ އިއްތިފާޤުން ދިމާވި ކަމެއްނޫނެވެ. އެކަލޭގެފާނު ކަނޑަށް ފުންމާލެއްވުމުން ބޮޑުމަހެއް އައިސް އެކަލޭގެފާނު ދިރުވައިލިދިރުވައިލުމަކީ ވެސް އިއްފާޤެއްނޫނެވެ. އެމަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ހުރަގެއަކަށް ލެވި ބަންދުވެވަޑައިގަތްވަޑައިގަތުމަކީ ވެސް އިއްތިފާޤެއް ނޫނެވެ. އެހެނަސް އެއީ ﷲގެ ސުންނަތެވެ.
އަހަރެއް ފާއިތުވެގެން ދިޔައީއެވެ. އެންމެން ތިބީ މަހުގެ ބަނޑުތެރޭގައެވެ. ބައެއް މީހުންނަށް މެސެޖު ސާފުވެ އޭގެ މާނަ މޭރުންވިއެވެ. އަނެއް ބަޔަކު ހެއްލުންތެރިކަމުގައި ކުރިއަށް ދިޔައެވެ. އަހަރެއް ފާއިތުވެގެން މި ދިޔައީ ﷲގެ އިރާދަފުޅާއި މިންވަރުފުޅާ އެއްގޮތަށެވެ. އަހަރެއް ފާއިތުވެގެން އެ ދިޔައީ އެކަލާނގެ އަޅުންގެ މައްޗަށް އެކަލާނގެ އޯގާވެރިކަން ޝާމިލުވެގެންނެވެ. އަހަރެއް ފާއިތުވެގެން ދިޔައިރު މުއުމިނުންގެ އިބްތިހާލުތައް މަދުނުވެ އިތުރުވަމުން ދިޔައެވެ. ކެތްތެރީންގެ ރޫޙަށް ކަފާސްކަމެއް ނާދެއެވެ. ކުށްވެރީންގެ ޟަމީރަށް ހެލުން އެރިއެވެ.ގެއްލިގެންދިޔަ މަރްޙޫމުން ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ހިތްތައް ރޮއްވަމުންނެވެ. ކައުނު ދަތުރު ކުރަމުން ދިޔައީ ﷲގެ އާރާއި ބާރުގެ ދަށުންނެވެ.
ކުށް ޤަބޫލުކުރައްވާ الله الواحد الأحد އަށް ތަސްބީޙަ ދެންނެވުމުން ޔޫނުސުގެފާނު މަހުގެ ބަނޑުން ނަޖާކުރެއްވިއެވެ. އެކަލޭގެފާނު ޤައުމަށް އެނބުރި ވަޑައިގެންނެވިއިރު އެމީހުން ތިބީ މާތްﷲއަށް އީމާންވެގެންނެވެ. ޔޫނުސުގެފާނު ދެއްވި އިންޒާރުގެ މަލަތައް އެމީހުންނަށް ފެނުމުންނެވެ.
ފާއިތުވެދިޔަ އަހަރުން ލިބިގަންނަން ޖެހޭ އެންމެ މުހިއްމު ދަރެހަކީ ޔޫނުސުގެފާނުގެ ޤައުމުގެ މީހުންފަދައިން ކުށް ޤަބޫލުކޮށް ކުށާ ދުރުހެލިވުމުގެ މުހިއްމު ކަމެވެ. ފާފަތަކުން ނަފްސު ސާފުކޮށް ތަމްޙީޞް ކުރުމުގެ ބޭނުންތެރިކަމެވެ. ވޭތުވެދިޔަ އަހަރުގެ ޝީޢާރަކަށް ހަދަންވީ ޔޫނުސުގެފާނުގެ ދުޢާފުޅެވެ. އެ ދުޢާފުޅުގެ ސަބަބުން އެ ބިރުވެރި، ދަތި މުސްތަޙީލު ޙާލަތުން އެކަލޭގެފާނަށް ނަޖާ ލިބިވަޑައިގަތީތީއެވެ.
2021 ށް މަރްޙަބާ
އައު އަހަރު އަންނަނީ އެނބުރި އައުމަށް ބޭނުންވާ މީހުންނަށް އެނބުރި އައުމަށް ދޮރު ހުޅަވައިލަ ދެމުންނެވެ. އައު އަހަރަކީ ހެޔޮ ޚަބަރުތައް އޭގައި ކަންޒުކުރެވިފައިވާ އަހަރެއްކަމުގައި ހެދުމަށް އަތުކުރި އޮޅައިލަމާ ހިނގާށެވެ! ކީރިތި ރަސޫލާ ޙަދީސްކުރައްވަނީ ((فعجباً لأمرِ المؤمن فإنّ أمره كله خير – މުއުމިނާގެ ކަންތައްތަކަކީ ޢަޖައިބުވަނިވި ކަންތައްތަކެކެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއްގައި ވެސް އޮތީ ހެވާއި ލާބައެވެ.)) ފިތުނައިގެ ސަބަބުން އަޅުގަނޑުމެން ރަގަނޅު ޢާޤީދާގައި ހިފެހެއްޓުން އިތުރުވެގެންދާން ޖެހޭނެތެވެ. މާތް ﷲގެ މިބަސްފުޅުގައިވާފަދަ ބަޔަކަށް ނުވެ އުޅެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ((أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِي كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ - އަދި ކޮންމެ އަހަރަކު އެއްފަހަރު، ނުވަތަ ދެފަހަރު (ދަތިތަކާއި ބަލިމަޑުކަން ކުރިމަތި ކުރައްވައި) އެއުރެން امتحان ކުރައްވާތީ، އެއުރެން ނުދެކޭހެއްޔެވެ؟ ދެންވެސް އެއުރެން توبة އެއް ނުވެތެވެ. އަދި އެއުރެން ހަނދާންކޮށް وعظ އެއް ލިބިއެއް ނުގަނެއެވެ. ))
ހަނދާން ކުރުމަކުން ނާއުއްމީދެއް ނުވާނެތެވެ. ވިސްނާ ފިކްރުކޮށް ކުރާ ޢަމަލަކާމެދު ދެރަވާކަށް ނުޖެހޭނެއެވެ. މުއުމިނުންނަށް ދުނިޔެ ނުތަނަވަސް ނުވާނެތެވެ. ﷲގެ ވައުފަށުގައި ހިފައްޓައިގެން އުޅޭ މީހަކު ޙަޔާތުގެ ދަޅަތެރެއަށް ވެއްޓި ޣަރަޤު ނުވާނެތެވެ. ﷲގެ ދަރުބާރުގެ ދޮރުކޮޅުތައް މަތީގައި ހުރި މީހާގެ ފައިތިލަ ކައްސާލައިގެން ނުދާނެތެވެ.
ކޮންމެ އަހަރަކީ ހެވާއި ލާބައިން ފުރިފައިވަ އަހަރެއް ކަމުގައި ލައްވާށި! އާމީން
ވަރަށް ޢިބުރަތްތެރި ލިޔުއްވުމެއް. ލިޔުންތެރިޔާ އަށް ހެޔޮ ރަޙްމަތްލައްވާށި ! އާމީން.