
ރާއްޖެއިން ބޭރަށް ފުރަން އުޅުނު ވާހަކަ ކުރީގެ ވިލިމާލެ ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނިހާން ދޮގުކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ކުރީގެ މަޖިލީސް މެންބަރު ނިހާން ފުރުން ވަނީ މަނާކޮށްފައިކަމަށެވެ. ނިހާނު ވިދާޅުވީ އޭނާ ގަތަރު އެއަރލައިން އޮފީހަށް ވަޑައިގެންނެވީ ދަރިފުޅުވެ ޓިކެޓެއްގެ މުއްދަތު އިތުރުކުރުމަށް ކަމަށެވެ.
“އަޅުގަނޑުގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔަމުންދަނީ އެއްވެސް ހަޤީޤަތެއް ނެތިއެވެ. އަޅުގަނޑުގެ ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔުމުން އަޅުގަނޑު ފިލަން އުޅުނުކަމަށް މިވީ!" ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
"ދިވެހި ފުލުހުންގެ އިންޓެލިޖެންސް އިން ތިޔަ ހޯއްދެވި އިންޓެލިޖެންސް އަކީ މިހާތަނަށް ދުނިޔޭގައި ހޯދުނު އެންމެ ތެދުވެރި އިންޓެލިޖެންސް ރިޕޯޓް. މާތްކަލާކޯ!" ނިހާން އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ކުރީގެ މެންބަރުނިހާން އަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕީޖީ ލީޑަރެވެ. ނަމަވެސް އޭނާ މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.