
ކޯވިޑް-19 ގައި މަރުވާ ބިދޭސީން ޖަނާޒާ ބާއްވައި ވަޅުލުމަށް މާލެ ގެނައުމަށް ރައީސް މައުމޫނު ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ މެހެމާނުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ މެހެމާނުން ރާއްޖޭގައި އަމާންކަމާއި ހިތްހަމަޖެހުމާއެކު ތިބުމަށް އެދިވަޑައިގަންނަވާކަމަށެވެ. ނަމަވެސް ކޯވިޑް ބަލީގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ޖަނާޒާބާއްވާ ވަޅުލުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ކޯވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް، ސްރީލަންކާ ސަރުކާރުން ރާއްޖެގައި ވަނީ އެދިފައެވެ. މިކަމަށް ސްރީލަންކާ ސަރުކާރުން އެދިފައިވަނީ ކޯވިޑްގައި މަރުވާ މުސްލިމުންގެ ޖަނާޒާބޭއްވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީކަމަށް ވަނީ ބުނެފައެވެ. ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވަނީ ފޮނުއްވާފައެވެ.
އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުންނެވެ.
ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ޖަނާޒާ ބާއްވައި ވަޅުލުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާ އިރު، މިކަމާމެދު ރާއްޖެއާއި އަދި ލަންކާގައިވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މިކަމުގައި ރާއްޖެއިން އެހީތެރިކަން ދޭންޖެހޭނެކަމަށް ބައެއް މީހުން ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަނީ މިކަމަކީ އަނެއްކާވެސް ނުރައްކަލަކަށް ރާއްޖެ ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދީނީ ވާޖިބެއްކަމަށެވެ.
ގެނެސްގެން ނުވާނެ!