ބޭރުން ސީދާ މުދާ އެތެރެކުރަން ފެށުމަކީ އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް ލިބުނު ފުރުސަތެއް: ޢަމްރު

ރާއްޖެއިން ބޭރުން އަނެއްކާ ވެސް، ސީދާ މުދާ އެތެރެކުރަން ފެށުމަކީ އައްޑޫގެ އިގުތިސާދު ކުރިއެރުމަށް ލިބުނު ފުރުސަތެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ މިއަދު ޓުޓިކޮރިނުން އައްޑުއަށް މުދާ އެތެރެކުރަން ފެށުން ފާހަގަ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސްޓޭޓް ޝިޕިން ކުންފުނިން އައްޑުއަށް ރާއްޖެއިން ބޭރުން މުދާ އެތެރެކުރަން ފެށީ ކުރިން ކޮންމެވެސް ވަރަކަށް ބޭރުން މުދާ އެތެރެ ކުރުމަށްފަހު އެ ޚިދުމަތް މެދު ކެނޑިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންކަމުން ސްޓޭޓް ޝިޕިން ކުންފުނިން އައްޑުއަށް ދޭން ފެށި މި ޚިދުމަތުގެ ބޭނުން އައްޑޫގެ ވިޔަފާރިވެރިން ހިފާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އައްޑޫގެ ވިޔަފާރިވެރިންނަކީ ވިޔަފާރިއާ ވަރަށް ގައިގޯޅި އެކި ދާއިރާތަކުގެ ވިޔަފާރީގައި ފުންންނާބު އުސް ބައެއް ކަން ވެސް ފާހަގަ ޢަމްރު ކުރެއްވިއެވެ. މިއަދު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ އައްޑޫ ސިޓީގެ ތަރައްޤީގެ ބައިވެރިއަކަށް ސްޓޭޓް ޝިޕިން ކުންފުނި ވުން ކަމަށް ވެސް ޢަމްރު ވިދާޅުވިއެވެ.

ސްޓޭޓް ޝިޕިން ކުންފުންޏަކީ، ބޯޓު ފުރާ ނުލެވުނަސް ކަނޑައެޅިފައިވާ މުއްދަތުގައި ލިބިފައި ހުރި މުދަލާއެކު ދަތުރު ފަށާ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެއްވެސް ލަސްވުމެއް ނެތި ވިޔަފާރިވެރިން ބޭނުންވާ މުއްދަތަށް މުދާ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮންނާނެކަމަށް ވެސް އެސްޓީއޯގެ އެމްޑީ ޢަމްރު ވިދާޅުވިއެވެ. އައްޑުއަށް ބޭރުން މުދާ އެތެރެ ކުރަން ފެށުމުން އިތުރު ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެކަން ފާހަގަ ކުރެއްވި އެވެ.

ސްޓޭޓް ޝިޕިން ކުންފުންޏަކީ ސުމަކުން ފަށައިގަތް ކުންފުޏެއް ނަމަވެސް މިއަދު ދުނިޔޭގެ ބޮޑެތި ޝިޕިން ލައިންތަކާއެކު ޕާޓްނާޝިޕް ހެދިގެން ކުރިއަށް ދާކަން ވެސް ޢަމްރު ފާހަގަ ކުރެއްވިއެވެ. ކޯވިޑްގެ ތެރޭގައި ޝިޕިން ކުންފުންޏެއް އުފެއްދުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދުށްކަމަށް ޢަމްރު ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތާއެކު ކުރިއަށް ވަޑައިގެންނެވީކަމަށް ވިދާޅުވިއެވެ. ކޯވިޑްގައި މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓި، އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުން މަދުވެ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ ގައުމުތަކަށް މުދާ އުފުލާ ފްރައިޓް އަގުވެސް ބޮޑުވިކަން ޢަމްރު ފާހަގަ ކުރެއްވިއެވެ. ރާއްޖެއަށް ވެސް މުދާ އެތެރެކުރާ މިންވަރު 70 އިންސައްތަވަރު މަދުވިކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސްޓޭޓް ޝިޕިން ކުންފުނިން ރާއްޖެއަށް ދަތުރުތައް ކުރަމުން ދިއުމުން ފްރައިޓަށް ބަދަލެއް ނާންނަކަން ފާހަގަ ކުރެއްވިއެވެ. އެކިއެކި ނަންނަމުގައި ފާޑުފާޑުގެ ފީތައް ޝިޕިން ކުންފުނިތަކުން، ވިޔަފާރި ވެރިން އަތުން  ނަގަމުންދިޔަ ނަމަވެސް ސްޓޭޓް ޝިޕިން ކުންފުނިން އެފަދަ ފީތަކެއް ނުނަގާ ކަމަށް ވިދާޅުވިއެވެ. ނަތީޖާއަކަށްވީ އެހެން ކުންފުނިތަކުންވެސް ނަގަމުން އައި ފީތައް ހުއްޓާލުން ކަމަށް ޢަމްރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ފްރައިޓުގެ އަގަށް ވެސް ބޮޑު ލުޔެއް ލިބިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.