ޔެނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭ ތަރިކައިގެ ލިސްޓް (ވާލްޑް ހެރިޓެޖް ލިސްޓް) ގައި ހިމެނޭ އޮސްޓްރޭލިޔާގެ ޖަޒީރާ ފްރޭޒާ އައިލޭންޑްގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިވާނުލެވެއެވެ. އަނދަމުން ދާތާ 6 ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ މި އަލިފާންގަނޑުގެ ސަބަބުން އެރަށުގެ %40 ވަނީ އަނދައިގެން ގޮސްފައެވެ.
މިއަދު އެސަރަހައްދަށް 'ހޫނު ރާޅެއް' އައިސް 34 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރާނެކަމަށް ބެލެވޭއިރު، އަލިފާންގަނޑު އިތުރަށް ފުޅާވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
"އެރަށުގައިހު ހުރި ގަސްތައް ވަނީ އަދަޔާ ޚިލާފަށް ބޮޑަށް ހިކިފައި. އެހާބޮޑަށް ހިކިފައި ހުރުމުން ފަސޭހައި އަލިފާން ރޯވާނެ." އިންސިޑެންޓް ކޮންޓްރޯލާ ޖޭމްސް ހޭގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފާން ނިވާމީހުން ގޮންޖެހުންތައް ބޮޑު ހާލަތެއްގައި މަސައްކަތްކުރަމުން ދާއިރު. ރަށުގެ އުތުރުގެ ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑުތަކާ ހަމައަށް އެމީހުންނަށް ވާސިލުވެވޭނެ ގޮތެއް ވެސް ނެތެވެ.
ފްރޭޒާ އައިލެންޑް ބަލަހައްޓަމުންދާ ކުއީންސްލޭންޑް ޕާކްސް އެންޑް ވައިލްޑްލައިފް ސާވީސް އިން ބުނީ އަލިފާން ވަނީ ދެ ދިމާއަކުން 74 ހާސް ހެކްތަރުގެ ސަރަހައްދަކަށް ފެތުރިފައެވެ. އެހެންނަމަވެސް އެރަށުގައި ކޮށްފައިވާ އެއްވެސް އުމްރާނީ މަސައްކަތަކަށް އަލިފާނުގެ ނުރައްކަލެއް ނެތެވެ.
ހޭގް މައުލޫމާތު ދެއްވި ގޮތުގައި އެރަށުގެ އަލިފާންގަނޑު ނިވުމުގެ މަސައްކަތުގައި މަތިން ފެންޖަހާ 10 މަތިންދާބޯޓު ދަނީ ބޭނުންކުރަމުންނެވެ. މި ބޯޓުތަކުން ހޮނިހިރު ދުވަހ އެކަނިވެސް 2 ލައްކަ 50 ހާސް ލިޓަރުގެ ފެން ޖަހާފައި ވެއެވެ. އެހެންނަނަވެސް، ހޭގް ފާހަގަކުރެއްވި ގޮތުގައި، ފެން ޖެހުމުން އަލިފާންގަނޑު ނިވާނުލެވޭނެއެވެ. ކުރެވޭނެހާވެސް ކަމަކީ އަލިފާންގަނޑު ފެތުރުން ކުޑަކުރުމެވެ.
އަދި މިހާތަނަށް މީހުން ދިރިއުޅޭ ސަރަހައްދަށް އަސަރުކޮށްފައި ނުވިނަމަވެސް، ކުއީންސްލޭންޑް ސަރުކާރުން މިހާރު ވަނީ ފަތުރުވެރިން އެރަށް ޒިޔާރަތްކުރުން މަނާކޮށް، ފެރީ ދަތުރުތައްވެސް ހުއްޓާލާފައެވެ.
އެ ސްޓޭޓެއްގެ ބައެއްގެ ގޮތުގައި ފްރޭޒާ އައިލޭންޑް ހިނެމޭ ކްއީންސްލޭންޑް ސްޓޭޓްގެ ތިންބައިކުޅަ ދެބައަށް ވަނީ ޖައްވު ހޫނުވެ ހިކުމުގެ މައްސަލަ ކުރިމަތިވެފައެވެ.
ބޮޑުމިނުގައި 1 ލައްކަ 80 ހާސް ހެކްޓަރު ހުންނަ، 122 ކިލޯމީޓަރު ދިގު ފްރޭޒާ އައިލޭންޑަކީ ދުނިޔޭގެ އެންމެ ބޮޑު ދޮންވެލީގެ ޖަޒީރާއެވެ. އެރަށުގެ ދޮންވެލި ކުދި ފަރުބަދަތަކާއި، ފަރުބަދަތަކުގެ މެދުގައި އުފެދިފައިވާ މީރު ފެނުގެ ފެންގަނުޑުތަކާއި އެރަށުގެ ޖަންގަލީގައި ހެދޭ ގަސްތަކަކީ އެރަށަށް ޚާއްސަ ސިފަތައް ކަމުގައިވާތީ ޔުނެސްކޯއިން ވަނީ އެރަށް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައެވެ.