އެމެރިކާގައި ނޮވެންބަރު 3 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕެންސިލްވޭނިޔާގައި ލީ ވޯޓުގައި މަކަރުހަދާފައިވާ ކަމަށް ބުނެ ރައީސު ޓްރަމްޕްގެ ގާނޫނީ ޓީމުގެ ފަރާތުން ޕެންސިލްވޭނިޔާގެ ފެޑެރަލް ކޯޓަކަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލައަކީ ޕެންސިލްވޭނިޔާގެ ދަށު ކޯޓަކުން ނިންމި ނިންމުން އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައެކެވެ.
"އިންސާފުވެރި ނޫންކަމަށް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް. އެކަމަކު އިންތިޚާބެއް އިންސާފުވެރި ނޫނޭ ބުނުމަކުން އެކަން އެހެން ނުވާނެ." އެޕީލްސް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ވެއެވެ.
"މައްދާގެ އަސްލު ބަދަލުކުރަން މަސައްކަތްކުރިޔަސް ތިމަރަ ރަނަކަށް ނުވާނެ." ފަނޑިޔާރުން ވިދާޅުވެފައި ވެއެވެ.
އެޕީލްސް ކޯޓުގެ މި ނިންމުމަކީ ޓްރަމްޕްގެ ގާނޫނީ ޓީމަށް ކޯޓުތަކުގައި ކުރިމަތިވަމުންދާ ނާކާމިޔާބީތަކުގެ ސިލްސިލާއަށް އިތުރުވި އެންމެ ފަހު ބޮޅެވެ.
"މިއި އެއްވެސް ހެއްކެއް ހުށަހާޅަފައި ނުވާ، ސާފު ނުވާ ތުހުމަތުތަކެއް." "އެއްވެސް ފަރާތުން ޓްރަމްޕްގެ ކެމްޕޭނާ މެދު، ނުވަތަ ޓްރަމްޕަށް ލިބުނު ވޯޓާމެދު، ބައިޑަންގެ ކެމްޕޭނާ ނުވަތަ ބައިޑަންއަށް ލިބުނު ވޯޓާ ތަފާތުކޮށް އަމަލުކުރި ކަމަށް މި ތުހުމަތުގައި ބުނެފައި ނުވޭ." ފަނޑިޔާރުން ވިދާޅުވިއެވެ.
ރައީސު ޓްރަމްޕް އަދިވެސް ވިދާޅުވަމުން ގެންދަވަނީ އޭނާ ބަލިވީ އިންތިޚާބު އޮޅުވާލުމުން ކަމަށެވެ.
"އެގޮތަށް ވިސްނާ، މިއިންތިޚާބު ވަނީ އޮޅޮވާލާފައި." ރިޕޯޓަކަރު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސު ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޕެންސިލްވޭނިއާ ސްޓޭޓުން އެ ސްޓޭޓު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަން އަންގާރަ ދުވަހު ރަސްމީކޮށް އިއުލާންކޮށްފައެވެ.
އެހެންނަމަވެސް ޓްރަމްޕް ކެންޕޭނުގެ ގާނޫނީ ވަކީލަކު ކަމުގައިވާ ޖެނާ އެލިސް އަދިވެސް ހުންނެވީ ދޫދެއްވާކަށް ނޫނެވެ.
"ޕެންސިލްވޭނިޔާގެ އެކްޓިވިސްޓު ޝަރުއީ މެޝިނަރީ ދަނީ ބޮޑެތި އޮޅުވާލުންތަކުގެ ތުހުމަތުއް ފޮރުވުމަށް މަސައްކަތްކުރަމުން... ދެން އޮތީ އެމެރިކާގެ ސުޕްރީމް ކޯޓަށް ދިއުން." އޭނާ ކުރެއްވި ޓުވީޓެއްގައި ވެއެވެ.
އަންނަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އިލެކްޓޯރަލް ކޮލެޖް ބައްދަލުވެ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅަކު އިއުލާންކުރާނެއެވެ. އިލެކްޓޯރަލް ކޮލެޖުގައި ބައިޑަން 306 ހޯއްދަވާފަވާއިރު، ރައީސު ޓްރަމްޕަށް ހޯއްދެވުނީ 232 އެވެ. ޓްރަމްޕް އަދިވެސް އުއްމީދުކުރައްވައިގެން ހުންނެވީ އިލެކްޓޯރަން ކޮލެޖްގެ މެންބަރުން ކޮޅު ބަދަލުކުރައްވައި އޭނާއަށް ވޯޓުދެއްވާނެ ކަމުގައެވެ.