އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ސައޫދީ ނޫސްވެރިޔާ ޖަމާލް ޚާޝުޤްޖީ މަރާލުމުގެ ހާދިސާއަށް ފަހު ސައޫދީ އަރަބިއްޔާއާއީ ތުރުކީގެ ޚާރިޖީ ވަޒީރުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ. ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އާލްސުޢޫދާއި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވޭޝްއޮގްލޫ ބައްދަލުކުރެއްވީ ނައިޖަރުގެ ވެރިރަށް ނިޔާމީގައި ކުރިއަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.
2108 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚާޝުޤްޖީ މަރާލުމުގެ ހާދިސާއަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ތުރުކީން ބުނަމުން ގޮސްފައި ވަނީ ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ވަނީ ސައޫދީ އިސް ވެރިން ކަމުގައެވެ.
"އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމާ ދިމާކޮށް އަހަރެން ވަނީ ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްޙާންއާއެކު ރަޙްމަތްތެރިކަމުގެ ބައްދަލުވުމެއް ބާއްވާފައި. ސައޫދީ އަރަބިއްޔާއާއެކު އޮންނަ ގުޅުމަށް އަހަރުމެން ބޮޑު އަހައްމިއްޔަތެއް ދެން. ތުރުކީއާއި ސަައޫދީ އަރަބިއްޔާއާ ދެެމެދު ވަރުގަދަ ގުޅެމެއް އޮތުމަކީ ހަމައެކަނި ދެ ގައުމުގެ މަސްލަަހަތުގައި އޮތް ކަމެއް ނޫން. މުޅި ސަރަހައްދުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް." ސައޫދީ ޚާރިޖީ ވަޒީރާ ބައްދަލުުކުރެއްވުމަށް ފަހު ޖާވޭޝްއޮގްލޫ ކުރެއްވި ޓުވީޓުގައި ވެއެވެ.
ސައޫދީ އަރަބިއްޔާއާއި ތުރުކީ ދެބަސްވަނީ ހަމައެކަނީ ޚާޝުޤްޖީގެ މައްސަލައިގައެއް ނޫނެވެ. ސައޫދީން އިސްވެ އޮވެގެން ޤަޠަރު ހިސާރުކުރުމުން ތުރުކީން ތާއީދުކުރީ ޤަޠަރަށެވެ. ލީބިޔާގައި ޓްރިޕޮލީ (ޠަރާބުލުސް) ގެ ސަރުކާރަށް ތުރުކީން ތާއީދުކުރާއިރު، ސައޫދީން ތާއީދުކުރަނީ ހަނގުރާމަވެރި ލީޑަރު ޚަލީފާ ޙަފްތަރަށެވެ.
ގެގައުމުގެ ދެމެދުގައި ގުޅުން ރަނގަޅުވާން ފަށާފައި މިވަނީ، ފާއިތުވި ހަފުތާގައިި ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާނަށް ފޯނުން ގުޅުއްވައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާމެދު ވާހަކަފުޅު ދެކުވުނު ފަހުންނެވެ.
އެމެރިކާގެ އާ ރައީސު ޖަނަވަރީ 20 ގައި ވެރިކަމާ ޙަވާލުވެވަޑައިގަންނަން ވާއިރަށް ޤަޠަރާއެކު އޮތް މައްސަލަތައް ހައްލުކޮށް ޤަޠަރުގެ ހިސާރު ނިމުމަކަށް ގެންނަން ސައޫދީން މަސައްކަތްކުރާ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. ތުރުކީއާ ގުޅުން ރަނގަޅު ކުރުމަކީ މިމަސައްކަތުގެ ބަޔަކަށް ވުމީ ދުރުކަމެއް ނޫނެވެ.