ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން 'ސްޕަޓްނިކް-ވީ' ގެ 100 މިލިއަން ޑޯޒް އަހަރަކު އުފެއްދުމަށް އިންޑިޔާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ރަޝިޔާގެ ގަމާލެޔާ ސެންޓަރުން އުފެއްދި ވެކްސިނަށް ޚަރަދުކުރާ ރަޝީޔާގެ ސިޔާދީ ފަންޑު ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އިން އެ ވެކްސިން އުފެެއްދުމަށް ހަވާލުކޮށްފައި ވަނީ އިންޑިޔާގެ ހައިދަރުއާބާދުގައި ހުންނަ ބޭސް އުފައްދާ ކުންފުނި ހެޓްރޯ ބައޯފާމާއާއެވެ. ދެ ފަރާތުން އެއްބަސްވެފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅު ވެކްސިން އުފައްދަން ފެށުމަށެވެ.
"އިންޑިޔާގައި ޖެނެރިކް ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ހެޓްރޯއިން ވަނީ ދުނިޔޭގައި ނޮވެލް ކޮރޯނާ ވައިރަސްއަށް އެންމެ ފުރަތަމަ އުފެއްދި ވެކްސިން- ސްޕަޓްނިކް-ވީ ގެ 100 މިލިއަން ޑޯޒް އިންޑިޔާގައި އަހަރަކު އުފެއްދުމަށް އެއްބަސްވެފައި." އާރްޑީއައިއެފުން ނެރުުނު ބަޔާނެއްގައި ވެއެވެ.
"އިންޑިޔާގައި (ސްޕަޓްނިކް-ވީ ގެ) ކްލިނިކަލް ތަޖުރިބާތަކުގެ ނަތީޖާއަށް އަހަރުމެން އިންތިޒާރުކުރަމުން ދާއިރު، އަހަރުމެން ގަބޫލުކުރާ ގޮތުގައި ވީ އެންމެ އަވަހަކަށް ބަލިމީހުންނަށް ވެކްސިން ފޯރުކޮށް ދިނުމަށްޓަކައި އަހަރުމެންނަށް އަމިއްލަ ރަށުގައި ވެކްސިން އުފެއްދޭ ގޮތް ވުމަކީ މުހިއްމު ކަމެއް." ހެޓްރޯ ލެބްސް ލިމިޓެޑްގެ ޑިރެކްޓަރ އޮފް އިންޓަނޭޭޝަނަލް މާކެޓިންގް ބީ މުރަލީ ކްރިޝްނާ ރެޑީ ވިދާޅުވިއެވެ.
މިހަފުތާގެ ކުރީކޮޅު ރަޝިޔާއިން ބުނެފައިވާ ގޮތުން އިންސާނުންނަށް ވެކްސިކް ޓެސްޓުކުރަން ކުރެވުނު ތިންވަނަ ފިޔަވަހީގެ ތަޖުރިބާތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެކްސިން ވަނީ %91 ކާމިޔާބުވެފައެވެ.
އިންޑިޔާގައި ސްޕަޓްނިކް-ވީ ވެކްސިންގެ ޓެސްޓުތައް ކުރިއަށް ގެންދަނީ ޑރ. ރެޑީސް ލެޓޯރެޓަރީސްއިންނެވެ. އެތަނުުން ބުނެފައި ވަނީ ވެކްސިންގެ އެންމެ ފަހު ޓެސްޓުތައް ނިމޭވަރު ވާނީ 2021 ވަނަ އަހަރުގެ މާރިޗު ހިސާބުގައި ކަމުގައެވެ.
މިހަފުތާގެ ކުރީކޮޅު އާރްޑީއައިއެފްގެ ވެރިޔާ، ކިރިލް ޑިމިޓްރިއޭފް ވިދާޅުވެފައި ވަނީ އެ ފަންޑާއި ފަންޑުގެ ބައިނަލްއަގުވާމީ ބައިވެރިން ގުޅިން އަހަރަކު ވެކްސިންގެ އެެއް ބިލިއަން ޑޯޒް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަަމުަގައެވެ. މިއީ އަހަރަކު 500 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ފުދޭ އަދަދެކެވެ. ޑިމިޓްރިއޭފް ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ވެކްސިންގެ ޑޯޒެއްގެ އަގު 20 އެމެރިކާ ޑޮަލަރަށްވުރެ ކުޑަވާނެ ކަމުގައެވެ.