ކޮމިޔުނިކޭޝަން މިނިސްޓްރީ މިވަގުތު ހުރުން މުހިންމުތޯ ސުވާލު އުފައްދަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހުރުން މިވަގުތު މުހިންމުތޯ އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަތީފް ސުވާލު އުފައްދަވައިފިއެވެ.

މެމްބަރ ޙަސަން މިކަމާމެދު ސުވާލު އުފައްދަވައި ވާހަކަފުޅު ދެއްކެވީ ދިވެހި ރާއްޖޭގެއަޑުން ރޭ ފޮނުވި "އަހާށޭބުނާން" ޕްރޮގްރާމްގައި ކޮމިޔުނިކޭޝަން މިނިސްޓަރ މަލީޙު ޢިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވުން ރަނގަޅުތޯ، އާއްމު ރައްޔިތަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމަބަރ ޙަސަން މިމޭރުމުން ވާހަކަ ދެއްކެވިއިރު ކޮމިޔުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕަގެ 10 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތްކުރަމުންދާ، މިނިސްޓަރ މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު، މިއަދުގެ ވަގުތެއްގައި ޕީޖީ ގްރޫޕުގައި މަޝްވަރާކުރައްވާނެކަމަށްވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ ޤާނޫނީ ޒިންމާ މިނިސްޓަރ މަލީހު އަދާނުކުރައްވާ ކަމަށް ބުނެއެވެ.

މިނިސްޓަރަކު މަޤާމުގައި ހުންނާނެތޯ ނޫންތޯ ނިންމާ ގޮތަކީ މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްކުރުން ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. ގިނަ މެމްބަރުން އެގޮތަށް ނިންމައިފިއްޔާ އެގޮތަށް އެނިމުނީ ކަމަށް ވިދާޅުވިއެވެ. ގިނަ މެމްބަރުން އެގޮތަށް ނިންމި ސަބަބާ ދޭތެރޭގައި ވިދާޅުވާނެ އެއްޗެއް ނެތްކަމަށްވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވައިފައި ވަނީ 10 މެމްބަރުން ކަމުގައި ވިއަސް އެމައްސަލައަށް އެއަށް ވުރެ ގިނަ މެމްބަރުންގެ ތާއީދު ލިބޭނެ ކަމާމެދު ޝައްކު ނުރައްވާކަމަށްވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ.

މެމްބަރ ޙަސަންވެސް ވިދާޅުވީ  މިނސްޓްރީއެއްގެ ގޮތުގައި މާގިނަ މަސައްކަތް ކޮމިޔުނިކޭޝަން މިނިސްޓްރީން ކުރާތަން ނުފެންނަ ކަމަށެވެ. އަދި އެ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހުރުން މުހިއްމުތޯ ވިސްނާލުން ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެމަސައްކަތް އެއްވަރަކަށް ހުރެފައި، ކުރާ މަސައްކަތާއި ހައިބަތުގެ ގޮތުން އެއްގޮތަކަށް އެއް މިންވަރަކަށް ހުންނަންޖެހޭ ވާހަކައެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.  

"މިސާލަކަށް ޑިފެންސް މިނިސްޓްރީ އަކާއި، ފޮރިން މިނިސްޓްރީއަކާއި، ހޯމް މިނިސްޓްރީ ކޮންމެހެން އެއްގޮތްވާކަށް ނުޖެހޭނެ. ޔޫތު މިނިސްޓްރީ ވެސް. އެކަމަކު ތި ވިދާޅުވި މިނިސްޓްރީ، ވަކި މިނިސްޓްރީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތޯއޭ، އެއީ ވެސް ސުވާލެއް." ހަސަން ވިދާޅުވިއެވެ.

ކޮމިޔުނިކޭޝަން މިނިސްޓްރީ ހުންނަންޖެހޭތޯ ސުވާލުއުފައްދަ ވަނީ މަލީހު އެމިނިސްޓަރަކަށް ހުންނެވުމުން ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

"(މިނިސްޓަރަކީ) މަލީހުވެގެންނެއް ނޫން ސަރުކާރުން ކުރަންހުރި ކަންކަމާއި، ޚަރަދަށް ބަލާއިރު، ކޮންމެހެން އެ މިނިސްޓްރީ އަކީ ހުންނަންޖެހޭ މިނިސްޓްރީއެއްތޯ ސުވާލު އުފެދޭ." މެމްބަރ ޙަސަން ވިދާޅުވިއެވެ.

މެމްބަރ ޙަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވުރެ ބޮޑަށް ސިޔާސީ މަސައްކަތް ކުރާތަނެއް ނޯންނާނެކަމަށެވެ. ވަޒީރެއްގެ އިތުބާރު އޮތްތޯ، ނެތްތޯ ނިންމުމަކީ ވަޖިލީހުން ކުރެވޭނެ އެންމެ ބޮޑު ސިޔާސީ މަސައްކަތަކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.