ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ސިޔާސަތުތަކެއް ރާއްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއަރޕޯރޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު އިއްޔެ އެމްއެމްއޭގެ ގަވަރުނަރ ޢަލީ ޙާޝިމާ ބައްދަލުކުރެއްވިކަމަށެވެ. ގަވަރުނަރ ޢަލީ ޙާޝިމަށް ފުރިހަމައަށް ޢިތުބާރު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ގަވަރުނަރަކީ ފަންނީ ބޭފުޅެއްކަމަށާއި އެކަންކަން ޙައްލުކުރެއްވުމަށް ފަންނީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅު ގަވަރުނަރ ކުރައްވަމުން ގެންދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެވެ.
"ޑޮލަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށް ސިޔާސަތުތަކެއް ރާއްވަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އޭގެ ސަބަބުން ހެޔޮ ގޮތްތަކެއް ޑޮލަރަށް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާވެސް ބައްދަލުކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލެއް ނުދެއްވައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާލަތުގައި ހުށަހެޅޭނެ އެންމެ ރަނގަޅު ބެޖެޓް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އަދި ބަޖެޓާ ބެހޭ ވަރަށް ގިނަ ތަފްސީލުތައްވެސް އެމަނިކުފާނު ދެއްވިއެވެ. އަދި ބެޖެޓް އޮތް ގޮތަށް ފާސްކުރަންޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. މިވަގުތަކީ ސަރުކާރުން އެކަނި މަސައްކަތްކުރަންޖެހޭ ވަގުތެއް ނޫންކަމަށާއި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވެދެއްވުމަށް މެމްބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ.