އާދަޔާ ޚިލާފު ބާރުމިނުގައި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް އުފެއްދުމުގެ މަސައްކަތްކުރަމުންދާ ވާޖިން ހައިޕަލޫޕް މީހުން އަރުވައިގެން ކުރި ފުރަތަމަ ދަތުރު އިއްޔެ ކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ ގަޑިއަކު 1000 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރާ ގޮތަށް ތައްޔާރުކުރާ ހައިފަލޫޕް އުފެއްދުމުގެ މަސައްކަތުގައި ކުރިއަށް އެޅި ފިޔަވަޅެކެވެ.
ހައިފަލޫޕަކީ އެތެރެއިން ވައި ހުސްކޮށްފައިވާ (ވެކިއުމްކޮށްފައިވާ) ހޮޅިއެއްގެ ތެރެއިން މީހުން އުފުލާ ނުވަތަ މުދާ އުފުލާ އުޅަނދެއް ދަތުރުކުރާ ގޮތަށް ފަރުމާ ކޮށްފައިވާ ދަތުރުފަތުރުގެ ނިޒާމެކެވެ. ވެކިއުމް ހޮޅިތެރޭގައި އުޅަނދުތައް ދަތުރުކުރާނީ މެގްނެޓިކް ފީލްޑެއްގައި މަތީގައި އޮވެގެން، ކަރަންޓުގެ ހަކަތަ ބޭނުންކޮށްގެނެވެ. އުލަނދުގެ ބާރުމިން މަޑުކުރާނެ ވައިގެ ހުރަހެއް ނެތުމުން އުޅަނދަށް ބާރުމިން އިތުރުވެއެވެ. އަދި ކަރަންޓުގެ ހަކަތަ ބޭނުންކުރާތީ ދުމުގެ އަސަރެއް ނުހުންނާނެއެވެ.
ވާޖިން ހައިޕަލޫޕުން ބުނާ ގޮތުގައި ހައިޕަލޫޕް އުޅަނދު ގަޑިއަކު 1080 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާއެވެ. މި ބާރުމިނުގައި ލޮސް އެންޖަލިސްއިން ސާން ފްރޯންސިސްކޯއަށް 600 ކިލޯމީޓަރުގެ ރާސްތާ 45 މިނިޓުން ކަޑައްތުކުރެވޭނެއެވެ.
ނެވާޑާ ސަހަރާގައި ހުންން އެކުންފުނީގެ ޓެސްޓްތައް ކުރާ ސަރަހައްދުގައި އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މީހުން އަރުވައިގެން ދަތުރެއް ކޮށްފައެވެ. 500 މީޓަރުގެ މިދަތުރު ކުރީ 15 ސިކުންތުންނެވެ. ދަތުރުގައި ބައިވެރިވީ ކުންފުނީގެ ދެ މުވައްޒަފެކެވެ. މީގެކުރިން މީހުންނާ ނުލާ ހައިޕަލޫޕުގެ 400 ޓެސްޓު އެތަނުގައި ކޮށްފައި ވެއެވެ.
"ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އާދަޔާ ޚިލާފު ހިތްހަމަޖެހުމަކާ އުފަލެއް ލިބުނުކަމެއް. ޓެސްޓު ދަތުރުގައި ބައިވެރިވި ކުންފުނީގެ ޑިރެކްޓަރ އޮފް ޕެސެންޖާ އެކްސްޕީރިއެންސް ސާރާ ލޫޗިއާން ޓެސްޓް ދަތުރަށްފަހު ބުންޏެވެ.
ޓެސްލާއާއި ސްޕޭސް އެކްސް ފަދަ މަޝްހޫރު އުފެއްދުންތަކުގެ ފަހަތުގައިވާ އެމެރިކާގެ މަޝްހޫރު ބިލިއަނަރު އެލޯން މަސްކުގެ ތަސައްވުރަކަށް 2012 ވަނަ އަހަރު ފެށި މި މިޝްރޫއަށް މިހާތަނަށް އިންވެސްޓަރުންގެ ފަރާތުން 400 މިލިއަން ޑޮލަރު އެއްކޮށްފައި ވެއެވެ. ވާޖިން ހައިޕަލޫޕްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެލޯން މަސްކްގެ އިތުރަށް ވާޖިން ގްރޫޕްގެ ވެރިޔާ ރިޗަޑް ބްރެންސަންއާއި، ދުބައިގެ ޑީޕީ ވާލްޑް ހިމެނެއެވެ.