ފުށިދިއްގަރު މައްސަލައިގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.
ދައުލަތުގެ ބަންޑާރަ ނާއިބު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުށިދިއްގަރު މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް ހައި ކޯޓުގައި އެދިފައިވަނީ އެ މައްސަލައާ ގުޅިގެން އެ އޮފީހަށް ލިބިފައިވާ އައު ހެއްކާއި މައުލޫމާތުތަކަށް ބަލާއިރު، އެ މައްސަލައިގެ ޙުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް އޮތް ޙުކުމެއްކަމަށް ފެންނާތީ ކަމަށެވެ. އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް ބަންޑާރަނާއިބުގެ އޮފީހުން ހުށަހެޅީ މިއަދުއެވެ.
ކުރީގެ ސަރުކާރުގައި ދައުލަތުގެ ފަރާތުން މިމައްސަލައިގައި ޖަވާބުދާރީވެފައިވަނީ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއްކަމުގައި ބަލައިގެންކަން އެނގެން އޮންނަ ކަމަށް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ. ނަމަވެސް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، ފުށިދިއްގަރު މައްސަލައިގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ޤާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަށް އެނގެން އޮތްކަމަށް ވެސް ބަންޑާރަ ނާއިބް އޮފީހުގެ ނޫސްބަޔާނުގައި ބުނެއެވެ.
" މި މައްސަލައާ ގުޅިގެން މި އޮފީހަށް ލިބިފައިވާ އައު ހެއްކާއި މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ޙުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ޙުކުމެއްކަމަށް ފެންނާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ." ނޫސް ބަޔާނުގައި ވެއެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ދިވެހި ސަރުކާރުގެ ފަރާތުން ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާގޮތަށްކަމަށްވާތީ، އެކަމުގެ ތުހުމަތު، އެއްބަސްވުމުގައި ސޮއިކޮށްފައިވާ، އޭރުގެ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދަށް ކުރެވޭކަމަށް ބަޔާންކޮށްފައި ވާކަމަށް ވެސް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައި ވެއެވެ. އަދި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ، ކުރީގެ ފިނޭންސް މިނިސްޓަރ ޖިހާދަށް، ކުރުމަށް ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 25 ގައި ހުށަހަޅާފައިވާކަން އެދުވަހު ޕީޖީ އޮފީހުން ނެރެފައިވާ ނޫސް ބަޔާނުން އެނގެން އޮތްކަމަށް ވެސް ބަންޑާރަނާއިބު އޮފީހުގެ ނޫސް ބަޔާނުގައި ވެއެވެ.
ކ.ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއް ތަރައްޤީކުރުމަށްޓަކައި ދިވެހިސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް އެއްބަސްވެ ސޮއިކޮށްފައިވަނީ 18 ޖެނުއަރީ 2013 ގައެވެ. މި އެއްބަސްވުމުގެ ދަށުން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީކޮށްދީފައި ނުވާތީ އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗަރ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށްބުނެ އެ ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އެންގުމަށާއި އަދި އެއްބަސްވުމުގެ ދަށުން ލީޒް ކުރުމަށް ހަމަޖެހިފައިވާ ފުށިދިއްގަރު ފަޅު އެކުންފުންޏަށް ލީޒް ކުރުމާ ބެހޭގޮތުން އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ބަންޑާރަނާއިބު އޮފީހުގެ ބަޔާނުގައި ވެއެވެ. މި އަމުރު ނެރެ ދިނުމަށް އެދިފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި، ފިނޭންސް މިނިސްޓްރީ އާއީ ޓޫރިޒަމަށް މިނިސްޓްރީއަށް ރައްދުވާގޮތަށް، ދިވެހި ދައުލަތުގެ މައްޗަށްކަމަށް ވެސް ބަންޑާރަނާއިބު އޮފީހުގެ ބަޔާނުގައި ވެއެވެ.
މި މައްސަލާގައި 15 ޖުލައި 2014 ގައި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާއި އަދި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗަރ އެގްރީމަންޓްގައިވާ ގޮތުގެ މަތީން ޖޮއިންޓް ވެންޗަރ ކުންފުނި ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ބަޔާންވެގެން ވާފަދައިން މައްސަލާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަރ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށެވެ. ދައުލަތާ ދެކޮޅަށް ނިމުނު މި މައްސަލަ، އިސްތިއުނާފު މުއްދަތުގެ ތެރޭގައި އޭރުގެ ސަރުކާރުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާ މައްސަލަ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުންދާކަމަށް ވެސް ބަންޑާރަ ނާއިބް އޮފީހުގެ ބަޔާނުގައިވެއެވެ.