މިއަހަރުގެ ތިންވަނަ ތިންމަހުގެ (ޖުލައި، އޮގަސްޓް، ސެޕްޓެންބަރު) ތެރޭގައި ދުނިޔޭގެ ބާޒާރުގައި ފޯނު ވިކުނު މިންވަރު އިތުރުވެފައިވީ ނަމަވެސް އައިފޯންގެ ވިޔަފާރި ދަށްވެ، އައިފޯން އުފައްދާ ކުންފުނި ދުނިޔޭގެ ބާޒާރުގައި އެންމެ ގިނަ ފޯނު ވިއްކި ކުންފުނީގެ ލިސްޓުގެ ހަތަރުވަނައަށް ވެއްޓިއްެޖެއެވެ.
ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ދިރާސާ ކުންފުނި އިންޓަނޭޝަލަން ޑާޓާ ކޯޕަރޭޝަން (އައިޑީސީ) އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަަަހަރު ތިންވަނަ ތިންމަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް 353.7 މިލިއަން ސްމާޓް ފޯން ނެރެފައި ވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތަށްވުރެ %1.3 ދަށް އަދަދެކެވެ. އެހެންނަމަވެސް، އައިޑީސީން ލަފާކުރިި %9 ގެ ދަށްވުމަށް ވުރެ މާ ބޮޑުތަންވެސް ރަނގަޅު އަދަދެކެވެ. އެހެންކަމުން، އެކުންފުނިން ބަލާފައި ވަނީ މިއީ ކުރިއެރުމެއް ކަމުގައެވެ.
އައިޑީސީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވިއަހަރު ސްމާޓް ފޯނުގެ ބާޒާރުގެ ތިންވަނައިގައި އޮތް އެޕްލް ކުންފުނި މިއަހަރު ވަނީ ހަތަރުވަނައަށް ވެއްޓިފައެެވެ. މިއީ އައިޑީސީން ފޯނުގެ ބާޒާރުގެ މައުލޫމާތު ހާމަކުރަން ފެށިފަހުން އެޕްލް މި ހިސާބަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. އެޕްލްއިން މިއަހަރުގެ ތިންވަނަ ތިންމަހުގެ ތެރޭގައި ބާޒާރަށް ނެރެފައި ވަނީ 41.8 މިލިއަން ފޯނެވެ. މިއީ ފާއިތުވި އަަހަރުގެ މިމުއްދަތަށްވުރެ %10.6 ދަށް އަދަދެކެވެ. އަދި މިއަދަދާއެކު އެޕްލްއަށް ލިބިފައި ވަނީ ސްމާޓް ފޯނު ބާޒާާރުގެ %11.8 އެވެ.
ފާއިތުވި އަހަރު އެއްް ވަނައިގައި އޮތް ޗައިނާގެ ވާވޭ ކުންފުނި ފަހަތަށް ޖައްސާލައި މިއަހަރުގެ ތިންވަނަ ތިންމަހުގެ ތެރޭގައި ދެކުނު ކޮރެޔާގެ ސެމްސަންގް ކުންފުނިން ވަނީ ސްމާޓް ފޯނުގެ ބާޒާރުގެ %22.7 ހޯދާފައެވެ. މި މުއްދަތުގެ ތެރޭގައި 80.4 މިލިއަން ސްމާޓް ފޯން ބާޒާރަށް ނެރެ އެ ކުންފުނިން ވަނީ ފާއިތުވި އަހަަރާ އަޅާ ބަލާއިރު، %2.9 ގެ ކުރިއެރުމެކެވެ.
ޗައިނާގެ ވާވޭ ކުންފުންޏަށް އެމެރިކާއިން ކުރިމަތި ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން މި މުއްދަތުގައި އެ ކުންފުނީގެ ވިޔަފާރި ވަނީ ފާއިތުވި އަހަރަށްވުރެ %22 ދަށްވެފައެވެ. އެހެންނަމަވެެސް، ސްމާޓް ފޯނުގެ ބާޒާރުގެ %14.7 ހޯދައި އެކުންފުނި ވަނީ ސެމްސަންގުގެ ފަހަތުން ދެވަނައިގައި ހިފަަހައްޓާފައެވެ. މިއަހަރުގެ ތިންވަނަ ތިންމަހުގެ ތެރޭގައި ވާވޭއިން ވަނީ 51.9 މިލިއަން ސްމާޓް ފޯން ދުނިޔޭގެ ބާޒާރަށް ނެރެފައެވެ.
ދުނިޔޭ ސްމާޓް ފޯނުގެ ބަޒާރުގައި އެންމެ ވަރުގަދަ 7 ކުންފުނީގެ ތެރޭގައި އެޕްލްއާއި ސެމްސަންގް ފިޔަވައި ދެން މުޅިންވެސް ހިމެނެނީ ޗައިނާގެ ކުންފުނިތައްކަން އައިޑީސީގެ ތަފާސް ހިސާބުތައް ބަލާލުމުން ފާހަގަކުރެވެއެވެ.
އެޕްލް ފަހަތަށް ޖައްސާލައި މިފަހަރު 3 ވަނައަށް އަރާފައި ވަނީ ޗައިނާގެ ޝާއޮމީ (ޒިއާއޮމީ) އެވެ. ފާއިތުވި އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީވެސް އެ ކުންފުނިންނެވެ. އެކުންފުނިން ވަނީ %42ގެ ކުރިއެރުމެއް ހޯދައި، ސްމާޓް ފޯނުގެ ބާޒާރުގެ %13.1 ހޯދާފައެވެ. މިއަަހަރުގެ ތިންވަނަ ތިންމަހުގެ ތެރޭގައި އެ ކުންފުނިން ވަނީ 46.5 މިލިއަން ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައެވެ.
މި މުއްދަތުގެ ތެރޭގައި 31.5 މިލިއަން ފޯނު ބާޒާރަށް ނެރެ ސްމާޓް ފޯނު ބާޒާރުގެ %8.9 އާއެކު ފަސްވަނައިގަައި ޗައިނާގެ ވީވޯ އޮތްއިރު، އެންމެ %1 ގެ ތަފާތުން ހަވަނައިގައި އޮތީ ޗައިނާގެ އޮއްޕޮއެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނުކުތް ޗައިނާގެ ފޯނު ކުންފުނި ރިއަލްމީ ވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި %132 ގެ އާދަޔާއި ޚިލާފު ކުރިއެރުމެއް ހޯދައި، ދުނިޔޭގެ ސްމާޓް ފޯނު ބާޒާރުގެ ހަތްވަނަ މަގާމު ހޯދާފައެވެ.