ކޮވިޑް- 19 ޖެހޭ މީހުންނާއި، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން ދާއިރު ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތައް ވަނީ ނާޒުުކު ފައްތަރެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެެވެ.
"ކުުރިއަށް އޮތީ ވަރަށް އުދަނގޫ މަސްތަކެއް. އަދި ބައެެއް ގައުމުތަކުގެ މިސުރާބު ހުރީ ނުބައި ދިމާއަކަށް." އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ.
"ގިނަ ގައުމުތަކެއްގައި ބަލިޖެހޭ މިންވަރު ދަނީ ހަލުވިކަމާއެކު އިތުރުވަމުން." އޭނާ ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ ކޮރޯނާ ވައިރަސް އާ ބެހޭ ޓެކްނިކަލް އިސް ވެރިޔާ މާރިޔާ ވާން ކެރްކޯވް ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4 ލައްކަ 45 ހާސް މީހުން ވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭން ދެބައިކުޅަ އެއްބަޔަކީ ޔޫރަޕުން ޕޮޒިޓިވްވި މީހުންނެވެ. އިއްޔެ އެމެރިކާއިން ވެސް ވަނީ ޖުލައި މަހުގެ ފަހުން އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެެވެ. އެއީ 70 ހާސް މީހުންނެވެ.
އޭނާ އިންޒާރުދެއްވި ގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކުގެ އައިސީޔޫ ފުރޭނެެއެެވެ.
"ކޮވިޑް- 19 ގައި އަަހަރުމެން މިހާރު މިތިބީ ނާޒުކު ފައްތަރެއްގައި. ޚާއްސަކޮށް ދުނިޔޭގެ އުތުރު ފަޅީގެ ގައުތައް." ޑިރެކްޓަރ ޖެނެރަލް ގެބްރަޔޭސަސްވެސް އިންޒާރުދެއްވިއެވެ.
ފާއިތުވި ޑިސެންބަރު މަހު ޗައިނާގެ ވޫހާން ޕްރޮވިންސުން ފެނި މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް- 19 އަށް މިހާތަނަށް 42 މިލިއަން މީހުން ޕޮޒިޓިވްވެފައި ވާއިރު، އެ ބަލީގައި 1.1 މިލިއަން މީހުން ވަނީ ދުނިޔެ ދޫކޮށްފައެެވެ.
ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި ދުނިޔޭގެ އުތުރު ފަޅީގެ ފިނިމޫސުމާ ދިމާކޮށް ކޮވިޑް- 19 އާއެކު އާއްމު ފްލޫ ފެތުރެން ފެށުމުން ރައްޔިތުންނަށް އޮތް ނުރައްކާ ބޮޑުވެ، ސިއްހީ ނިޒާމުތަކަށް ބާރުބޮޑުވެެގެން ދާނެއެވެ.
"މަރުވާ މީހުން އިިތުރުވެ، ސިއްހީ ނިޒާރުތައް ފޭލްވެ، ސްކޫލްތައް އަލުން ބަންދުކުރަން ޖެހުމުކުރިން ވަގުތުން ފިޔަވަޅުއެޅުމަށް (ގައުމުތަކުގެ) ވެރިންނަށް އަހަރެން ގޮވާލަން. އަހަރެން ފެބްރުވަރީ މަހު ބުނި ވާހަކަ އަނެއްކާވެސް ތަކުރާކޮށްލާނަން. އަހަރުމެން މިހަދަަނީ ޑްރިލްއެއް ނޫން." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.