
މަރުވެފައި އޮއްވައި އައިޖީއެމްއެޗާ ދިމާލުން މޫދުން ފެނުނު މިހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.
ފުލުހުންގެ މިޑިއާއިން ވިދާޅުވީ މިމިހާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރުކުރެވިފައި ނުވާތީ ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހަދަންނިންމައިފައިވާ ކަމަށެވެ. އެކަމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުވެފައި އޮއްވައި އައިޖީއެމްއެޗާ ދިމާލުން މޫދުން ފެނުނު މިހަކީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ މަރުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމީހާގެ ހަށިގަނޑު ފެނިފައިވަނީ އެސަރަޙައްދަށް ފީނަން ދިޔަ ބަޔަކަށް ކަމަށްވެއެވެ.
މިހާގެ ހަށިގަނޑުގައި ބައެއް ޒަޙަމްތައް ހުރިކަމަށްވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯރޓް ކޮށްފައެވެ. ނަމަވެސް އެމީހަށް ލިބިފައިވާ ޒަޙަމްތަކުގެ މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.