ގާނޫނު އަސާސީއަށް ބައެއް އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ސްރީލަންކާގެ ސުޕްރީމް ކޯޓު

ސްރީލަންކާގެ ސުޕްރީމް ކޯޓު

ސްރީލަންކާގެ ރައީސު ގޮތާބޭ ރާޖަޕަކްސަ އެ ގައުމުގެ ގާނޫނު އަސާސީއަށް ގެންނަވަން މަސައްކަތްޕުޅުކުރައްވާ އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތައް ގާނޫނު އަސާސީއަށް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމުގައި އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ. އެއީ، އެ އިސްލާހުތަކަކީ ވެރިކަން ހިންމުމުގެ މައްޗަށް އޮންނަ ރައްޔިތުންގެ ބާރާއި ގުޅިފައިވާ އިސްލާހުތަކަކަށް ވާތީއެެވެ.

ގާނޫނު އަސާސީއަށް ގެންނަ 20 ވަނަ އިސްލާހާ ގުޅޭގޮތުން ކޯޓުގެ ނިންމުން ގާނޫނުހަދާ މަޖިލީހަށް އަންގާރަ ދުވަހު އިއްވަވަމުން އެ މަޖިލީހުގެ ރައީސު މަހިންދަ ޔަޕާ އަބޭވަރްދަނާ ވިދާޅުވި ގޮތުގައި، ފެންނަ ނުފެންނަ ވޯޓުން ފާސްކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިސްލާހުތަކަކީ ރައީސު ގާނޫނުހަދާ މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަަަވަން ނުޖެހޭ ގޮތަށް ހެދުމާއި، ރައީސުގެ މައްޗަށް ދައުވާ ނުއުފުލޭގޮތަށް ގާނޫނީ ހިމާޔަތް ދިނުމާއި، ވެރިކަމުގައި އެއް އަހަރު ވުމަށް ފަހު ގާނޫނުހަދާ މަޖިލިސް އުވާލެއްވުމުގެ ބާރު ރައީސަށް ދިނުމަށް ހުށަހަޅާފައިވާ އިސްލާހުތަކެެވެ.

މިހާރު ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުހަދާ މަޖިލީހަށް 20 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ 2105 ވަނަ އަހަރު ގެ ގާނޫނަށް ގެނައި 19 ވަނަ އިސްލާހުން ރައީސަށް އުނިވެގެން ދިޔަ ބާރުތައް އަލުން ރައީސަށް ދިނުމަށް ފާސްކުރުމަށް ހުށަހަޅާފައިވާ ބިލެކެެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އައިސްފައި މިވަނީ އިދިކޮޅު ޕާޓީތަކުންނާއި މަދަނީ ބައެއް ޖަމްއިއްޔާތަކުން 20 ވަނަ އިސްލާހާ ދެކޮޅަށް ކޯޓަށް ހުށަހެޅި 39 ޕެޓިޝަނަކާ ގުޅިގެންނެެވެ.

މި ޕެޓިޝަންތަކާ މެދު ކޯޓުން ނިންމި ނިންމުމުގައި 20 ވަނަ އިސްލާހުގައި ހިމެނޭ އެހެން އިސްލާހުތައް ގާނޫނުހަދާ މަޖިލީހުން ފާސްކުރުމުން ފުދޭނެ ކަަމަށް ބުނެފައި ވެއެވެ. އެ އިސްލާހުތަކުގެ ތެރޭގައި ރައީސު ބޭނުންފުޅު އަދަދެއްގެ މިނިސްޓްރީތަކާ އަމިއްލަފުޅަށް ހަވާލުވެވަޑައިގަތުމާ، ވަޒީރުންނަށް މަގާމު ދެއްވުމާ މަގާމުން ވަކިކުރެއްވުމާ، ފަނޑިޔާރުންނަށް މަގާމު ދެއްވުމާ، މަގާމުން ވަކިކުރެއްވުމުގެ ބާރު ރައީސަށް ދިނުން ހިމެނެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި މި އިސްލާހުތަކަށް މިއަަދާއި މަދަމާ (ބުދަ ދުވަހާއި ބުރާސްފަތި ދުވަހު) ބަހުސުކުރުމަށް ފަހު މާދަމާ އިސްލާހުތަކަށް ވޯޓަށް އަހާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިސްލާހުތައް ފާސްުވުމަށްް 150 މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ.

ރައީސު ގޮތާބޭ ރާޖަޕަކްސަގެ ސްރީލަންކާ ޕޮދުޖަނަ ޕެރުމޫނާ (ސްރީލަންކާ ޕީޕަލްސް ފްރަންޓް) ޕާޓީގެ 145 މެންބަރުން ގާނޫނުހަދަާ މަޖިލީހުގައި ތިއްބަވައެެވެ. އެ ޕާޓީން އުއްމީދުކުރަނީ އެހެން ޕާޓީތަކުގެ ބައެއް މެންބަރުންގެ ތާއީދާއެކު މި އިސްލާހުތައް ފާސްވާނެ ކަމުގައެވެ.

ސްރީލަންކާ 1948 ވަނަ އަހަރު މިނިވަންވުމަށް ފަހު 1978 ވަނަ އަހަރާ ހަަމައަށް އެ ގައުމުގައި އޮތީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެކެވެ. 1978 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ރިޔާސީ ނިޒާމަށް ބަދަލުކުރުމަށް ފަހު، އަނެއްކާ 2015 ވަނަ އަަހަރު ވަނީ ރައީސާއި ގާނޫނުހަދާ މަޖިލީހުގެ ބާރުތައް ދާދި ހަމަހަމަ މަސްހުނި ނިޒާމަކަށް ބަދަލުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.