ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެޗްޕީއޭއިން ހާމަކުރާ ގޮތުގައި އަންނަ ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މި މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މި ހާލަތު ދެމެހެއްޓުމަށް ނިންމާފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް މާރިޗު މަހުގެ ބާރަވަނަ ދުވަހު ނިންމިއިރު އޮތް ހާލަތު އަދިވެސް ދެމިއޮތުމާ ގުޅިގެންނެވެ. އެހެންކަމުން އެ ނުރައްކަލުގެ ހާލަތު ކުޑަކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން އެ ހާލަތު ދެމެހެއްޓެވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލުތަށް ފެނިވަޑައިގަންނަވާތީ އަންނަ ނޮވެންބަރާ ހަމައަށް އެހާލަތު ދެމެހެއްޓެވުމަށް ނިންމެވުމުންނެވެ.