އިންސާނާ، ހެއްދެވުނު ގޮތާމެދު ހަމައެކަނި ވިސްނާ ފިކުރު ކުރި ނަމަވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން އޭނާގެ ހިތަށް ވެރިވެގެން ދާނެ

އިންސާނާ، ހަމައެކަނި އޭނާ ހެއްދެވުނު ގޮތާމެދު ވިސްނާ ފިކުރުކުރިނަމަވެސް، އޭނާގެ އީމާންތެރިކަން ގަދަވެ، ﷲ ތަޢާލާގެ ކުޅަދުންވަންތަކަން  އޭނާގެ ހިތަށް ވެރިވެގެންދާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާ ގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާ ޚާއްޞަ ކުރެއްވީ ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ކުޅަދުން ވަންތަކަމުގެ މައްޗަށެވެ. ޚުޠުބާގައި ވަނީ އެލާނގެ ކުޅަދުންވަންތަކަމާއި ބެހޭ ގިނަ ހެކިތަކެއް ދައްކަވާފައެވެ. ކީރިތި ޤުރުއާނުން އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ވެސް ދައްކަވައިފައެވެ.

ޚުޠުބާގައި ވިދާޅުވީ މާތްﷲ އިންސާނާ ޚަލްޤުކުރައްވައި، ޙަޔާތުގެ ފެށުމާއި ނިމުމުގެ ރާސްތާ ދެއްކެވިކަމަށެވެ. ގަދަފަދަ ކަމާއި ބަލިކަށިކަން އިންސާނާގެ ޙަޔާތުގައު ލެއްވި ކަމަށެވެ. މައިމީހާގެ ބަނޑުގައި މަރުޙަލާތަކެއް ހޭދަކުރާ ގޮތަށް އަށަގެންނެވިކަމަށެވެ.  ބަލިކަށިކަމަށް ފަހު ބާރެއް ލައްވައި އަދި އެބާރަށްފަހު ބަލިކަށިކަމާއި ދުވަސްވުމުގެ ދެރަކަމާއި ނިކަމެތިކަން ލެއްވިކަމަށެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ވާކަމެއްގެ ގޮތުގައި ކަމަށެވެ.

މާތްﷲ އިންސާނުންނަށް ބުއްދި ދެއްވިކަން ފާހަގަ ކުރައްވައި، އިންސާނާގެ ޚިދުމަތުގައި އެކަނލާނގެ ހައްދަވައިފައިވާ މަޚްލޫޤުން ލެއްވިކަން ފާހަގަ ކުރެއްވިއެވެ. އަދި އަމާނާތްތައް އުފުލައި ބިން ތަޢުމީރުކުރުމުގެ ޒިންމާ އިންސާނާއާ ޙަވާލު ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބަޔަކު އީމާންވެ އަނެއްބަޔަކު ކާފަރުވިކަން ފާހަގަ ކުރެއްވިއެވެ.

ޚުޠުބާގައި ފާހަގަ ކުރެއްވީ ބިންމަތީގައި އުފެދުނު ކޯޅުމަކީ އީމާންކަމާއި ކާފިރުކަމާ ދެމެދު އުފެދުނު ކޯޅުމެއްކަމަށެވެ. ހިދާޔަތާއި އަނދިރިކަމާ ދެމެދު އުފެދުނު އަރައި ރުމެއްކަމަށެވެ. ޙައްޤާއި ބާޠިލާ ދެމެދު އުފެދުނު ދެބަސްވުމެއް ކަމަށެވެ. މި ދެބަސްވުން ޤިޔާމަތާ ޖެހެންދެން އޮންނާނެކަން ފާހަގަކުރެއްވިއެވެ. ޙައްޤުގެމަތީގައި ތިބޭ މީހުން ޤިޔާމަތާ ޖެހެންދެން ޘާބިތުކަންމަތީގައި ދެމި ތިބޭނެކަން ފާހަގަކުރެއްވިއެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާގެ ނަޞްރާއި މަދަދު ލިބި، އާޚިރަތުގައި ދާއިމީ ނިޢުމަތް ލިބޭނެކަން ފާހަގަ  ކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވީ ޙައްޤުގެ މަގު ދޫކޮށް ބާޠިލް ގޮތްތަކަށް ޠަބާވާ މީހުންނަށް ނިކަމެތިކަން ލިބި، އާޚިރަތުގައި ދާއިމީ ޢަޒާބު އެބައި މީހުންގެ މައްޗަށް ހުށަހެޅިގެންދާނެކަމަށެވެ. މިގޮތުން ފިރުއަޢުނާއި އޭނާގެ ލަސްކަރު ޣަރަޤުކުރެއްވި ގޮތާއި އާދުބާގާގެ މީހުންގެ މައްޗަށް ގަދަފަދަ ވައެއް ފޮނުއްވިކަމާއި ގަދަފަދަ އަޑެއް ފޮނުއްވައި ޘަމޫދު ބާގާ މީހުން ދެތިކުރެއްވި ޙާދިސާ ތަކުން މިސާލު ދެއްކެވިއެވެ. އަދި މީގެ އިތުރުން ޤާރޫނާއި އޭނާގެ ގޯތި ގެދޮރު ބިމުގެ އަޑިއަށް ގަންބަވައިގެންނެވިކަން ފާހަގަ ކުރައްވައި ޚުޠުބާގައި ވިދާޅުވީ ﷲ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަނެ، އެކަނލާގެ އަމުރުފުޅުތަކަށް އިންކާރުކުރި އެތައް އެތައް ބަޔަކު ނެތިކުރެއްވިކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.