ޢުމުރުފުޅުން 91 އަހަރުގައި ފަނާވަނިވި މި ދުނިޔެ ދޫކުރެއްވި ކުވައިތުގެ އަމީރު ޞަބާޙު އަލްއަޙްމަދު އައްޞަބާޙަކީ އެންމެންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޑިޕްލޮމެޓެކެވެ. އެ މަނިކުފާނަށް މި ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެންފައި ވަނީ ހަމައެކަނި ގަލްފްގެ ޤައުމުތަކަކުން ނޫނެވެ. އަދި ކީއްތޯއެވެ؟ އެ މަނިކުފާނަށް ޢަރަބި ދުނިޔެއާއި އިސްލާމީ ދުނިޔެއާއި ބައިނަލްއަޤްވާމީ ދުނިޔެއިން ވެސް މި ލޯތްބާއި އިޙްތިރާމު ވަނީ ލިބިވަޑައިގެންފައެވެ. އެ މަނިކުފާނަށް "އިންސާނިއްޔަތުގެ އަމީރު" ގެ ލަޤަބު ލިބިވަޑައިގެންފައި ވަނީ މިހެންވެގެންނެވެ. އެއީ އެ މަނިކުފާނު ދޭދޭ ޤައުމުތައް އެކުވެރި ކުރެއްވުމަށާއި ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދުނު ދެބަސްވުންތައް ޞުލްޙަވެރިކަމާއެކު ޙައްލު ކުރެއްވުމަށް ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ ފާރުތަކުގައި އެޅޭ ރެނދުތައް އެ މަނިކުފާނު ބައްދަވާދެއްވާފައިވަނީ އެ މަނިކުފާނުގެ ދުރުވިސްނުންފުޅާއި ސިޔާސީ ތަޖްރިބާގެ ސިމެންތިންނެވެ.
2006ވަނަ އަހަރު ކުވައިތުގެ އަމީރުކަމަށް އިސްކުރެވުނު ޝައިޚު ޞަބާޙަކީ ކުވައިތަށް 1961ގައި މިނިވަންކަން ލިބުނުފަހުން އެ ޤައުމުގެ އަމީރުކަމަށް އިސްކުރެވުނު ފަސްވަނަ އަމީރެވެ.
ސަޢޫދީ ޢަރަބިއްޔާއި އެކުވެރި ޢަރަބި އިމާރާތާއި ބަޙްރައިނާއި މިޞްރުން ޤަޠަރު ޙިޞާރު ކުރުމާ ވިދިގެން ގަލްފު ސަރަޙައްދަށް އައި ވަރުގަދަ ބިންހެލުން ކާރިސާއަކަށް ނުވެ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުނީ ކުވައިތުގެ އަމީރު ޞަބާޙުލް އަޙްމަދުގެ ޙިކްމަތު ޢަމަލީގެ ސަބަބުން ކަމަށް ދެންނެވިދާނެއެވެ. އެމަނިކުފާނު ގަލްފުގެ އެއްބާރުލުމުގެ މަޖިލިސް ރޫޅިގެން ދިޔަ ނުދެއްވުމަށް ޓަކައި މި ޤައުމުތަކަށް އެތައް ޒިޔާރަތްތަކެއް ކުރެއްވިއެވެ. އެތައް ފަތްކޮޅުތަކެއް ފޮނުއްވިއެވެ. ގަލްފުގެ ގޯއްޗަށް މި އެރި ޠޫފާނުގެ ސަބަބުން އެ މަނިކުފާނު ހިތާމަފުޅު ކުރައްވަމުން އެކަމަށް ފަރުވާއެއް ލިބޭނެކަމަށް އުއްމީދު ކުރެއްވިއެވެ.
ޞަބާހު އަލްއަޙްމަދަކީ ކުވައިތުގެ ދިހަވަނަ އަމީރު އަޙްމަދު އަލްޖާބިރު އައްޞަބާޙުގެ ހަތަރުވަނަ ފިރިހެން ދަރިކަލުންނެވެ. އެމަނިކުފާނަކީ ކުވައިތުގެ ކުރީގެ އަމީރު ޖާބިރު އަލްއަޙްމަދުގެ އެއްބަފައި އަޚެކެވެ. ތަޢުލީމު ޙާޞިލު ކުރެއްވީ ( އަލްމަދްރަސަތުލް މުބާރަކިއްޔާ) އިންނެވެ. އެއަށްފަހު އެމަނިކުފާނުގެ ބައްޕާފުޅު އަޙްމަދު އަލްޖާބިރު އެމަނިކުފާނަށް މަތީ ތަޢުލީމު ދެއްވުމަށާއި ސިޔާސީ އަދި އިދާރީ ތަޖްރިބާ ހޯއްދަވާދެއްވުމަށް ޓަކައި ބޭރުގެ އެތައް ޤައުމުތަކަކަށް ފޮނުއްވެވިއެވެ. ޞަބާޙު އަލްއަޙްމަދު ވަރަށް ޒުވާން ޢުމުރުފުޅެއްގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފިއެވެ. ކުވައިތުގެ ދާޚިލީ ކަންކަމަށް އަންނަމުން ދިޔަ ބަދަލުތަކާއި ދުނިޔެ ދެކެމުންދިޔަ ސިޔާސީ އަދި ޢަސްކަރީ ބަދަލުތަކާއެކު އެ މަނިކުފާނަށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ޞަބާޙު އަލްއަޙްމަދު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ދޮންވެފައްކާވެގެން ދިޔައެވެ.
ޢަރަބި ޑިޕްލުމެޓުންގެ ޝައިޚު
ޝައިޚު ޞަބާޙު އަލްއަޙްމަދަކީ ކުވައިތުގެ ފުރަތަމަ އިންފޮރމޭޝަން ވަޒީރެވެ. އަދި އެމަނިކުފާނަކީ ކުވައިތުގެ ތާރީޚުގައި ދެވަނަ ޚާރިޖީ ވަޒީރެވެ. އެ މަނިކުފާނު މި މަޤާމުގައި ސާޅީސް އެތައް އަހަރެއް ހޭދަ ކުރެއްވިއެވެ. ކުވައިތުގެ ޚާރިޖީ ސިޔާސަތުގެ މޭސްތިރިއަކީ ޝައިޚު ޞަބާޙު ކަމަށް މީހުން ބުނަނީ މިހެންވެގެންނެވެ. މީގެ އިތުރަށް އެމަނިކުފާނަކީ ( ޢަރަބި ޑިޕްލޮމެޓުންގެ ޝައިޚު ) ކަމަށް ސިފަކުރެވެނީ ވެސް މިހެންވެގެންނެވެ. 1990 ވަނަ އަހަރު ޢިރާޤުން ކުވައިތު ހިފައި ޢިރާޤުގެ ރަށެއް ކަމުގައި ހެދުމާވިދިގެން ކުވައިތު މިނިވަންކުރުމުގެ ހުންގާނުގައި ހިއްޕެވީ ޝައިޚު ޞަބާޙެވެ. އެމަނިކުފާނުގެ ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެ ކުވައިތާ އެއްކޮޅަށް ޖެހި ޢިރާޤު ކުށްވެރިކޮށް ޢިރާޤާ ދެކޮޅަށް އދ. ގައި ޤަރާރުތައް ނެރުނެވެ. އެންމެފަހުން ދުނިޔޭގެ އެންމެންގެ ތާއީދާއެކު ކުވައިތު މިނިވަންވެގެން ދިޔައީ ޝައިޚު ޞަބާޙު ބައިނަލްއަޤްވާމީ މިންބަރުތަކުގައި ކުޅުއްވި ހަރުދަނާ މިންނަތް މަސައްކަތްޕުޅުގެ ސަބަބުންނެވެ.އެމަނިކުފާނަކީ މި ދިޔަ ސައްތައިގެ ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން މެދުއިރުމަތީގައި ހިނގައިފައިވާ މުހިއްމު ސިޔާސީ އެތައް މަސްއަލަތަކެއް ޙައްލުކޮށް ދެއްވި ޑިޕްލޮމެޓެކެވެ. އޭގެތެރޭގައި މި ދަންނަވާ ކަންތައްތައް ފާހަގަކޮށްލަމެވެ.
1- މިޞްރާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ހިނގަމުންދިޔަ ސިޔާސީ އަރާރުންތައް ޙައްލު ކުރުމަށް ޓަކައި ޝައިޚު ޞަބާޙު 1965- 1966ގެ އަހަރުތަކުގައި އެ ދެ ޤައުމު ޞުލްޙަ ކުރެއްވުމަށް ޓަކައި މެދުވެރިއެއްގެ ބައި އަދާކުރެއްވުން: މި އަރާރުން އުފެދުނީ ޔަމަނުގެ މަސްއަލައިގައެވެ. ޔަމަނުގެ އިންޤިލާބަށް މިޞްރުން ތާއީދުކޮށް މިޞްރުން ޔަމަނަށް ސިފައިން ފޮނުވުމުންނެވެ.
2- 1968ގައި އީރާނާ ބަޙްރައިނާ ދެމެދުގައި ހިނގި އަރާރުންތައް ޙައްލުކުރެއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރެއްވުން: ބަޙްރައިނަކީ އީރާނުގެ ބައެއްކަމަށް ޠަހަރާނުން ދަޢުވާ ކުރުމުގެ ސަބަބުން އުފެދުނު މި އަރާރުން ޙައްލުވީ ޝައިޚު ޞަބާޙުގެ ސިޔާސީ ދައުރުގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން 1968ގައި ބަޙްރައިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުނެވެ. މި ވޯޓުގެ ސަބަބުން ބަޙްރައިނަށް 1971ގައި މިނިވަންކަން ލިބި މުސްތަޤިއްލު ދައުލަތަކަށް ބަޙްރައިން ވިއެވެ.
3- ޝައްޠުލްޢަރަބި (ޢަރަބި ކަނޑުއޮޅި) ގެ މަސްއަލައިގައި އީރާނާ ޢިރާޤާ ދެމެދުގައި އުފެދުނު ކޯޅުންތައް ޙައްލުކޮށް ދެއްވުން: މި ކަނޑުއޮޅީގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި 1969ގައި އުފެދުނު ސަރަޙައްދީ މަސްއަލަ ޙައްލުކޮށް ދެއްވުމަށް ޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވީ ޝައިޚު ޞަބާޙު އަލްއަޙްމަދެވެ.
4- ދެ ޔަމަނުގެދެމެދުގައި ޞުލްޙަ ޤާއިމު ކުރެއްވުން: 1972ވަނަ އަހަރު ޔަމަނުގެ ދެ ޤައުމުގެ ދެމެދުގައި ހިނގަމުން ދިޔަ ޢަސްކަރީ ކޯޅުންތަކާއި ހަނގުރާމަ ޝައިޚު ޞަބާޙު 1972ގައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ނިމުމަކަށް އައެވެ. އެ ދެ ޤައުމުގެ ދެމެދުގައި ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއި ކުރެވުނެވެ. ޞުލްޙައިގެ މުޢާހަދާގެ އިތުރަށް އެ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއި ކުރެވުނެވެ.
5- ޢުމާނާ ދެކުނު ޔަމަނާ ދެމެދުގައި އުފެދުނު އަރާރުންތައް ޙައްލު ކޮށް ދެއްވުން: 1980ގައި މި ދެ ޤައުމުގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން ނައްތައިލެއްވުމަށް ޓަކައި ޝައިޚު ޞަބާޙު ކުރެއްވި މަސައްކަތްޕުޅު ވަރަށް ކާމިޔާބު މަސައްކަތަކަށް ވެގެން ދިޔައެވެ.
6- އީރާން ޢިރާޤު ހަނގުރާމަ ނިމުމަކަށް ގެނެއުމަށް މަސައްކަތް ކުރެއްވުން: 1983ގައި ޝައިޚު ޞަބާޙު އީރާން- ޢިރާޤު ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ޓަކައި ބައެއް ފަހަރަށް އެކަހެރި ގޮތެއްގައި އަނެއްބައިފަހަރަށް އެކުވެރި ޢަރަބި އިމާރާތާ ގުޅިގެން ސަރަޙައްދީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
7- ލުބްނާނުގެ އަހްލީ ހަނގުރާމަ ނިމުމަކަށް ގެނެއުމަށް ޓަކައި ކުވައިތުން ނާރެހީ ދައުރެއް ކުޅުން: ލުބްނާނުގެ ހަނގުރާމައިގެ ދެ ފަރާތަށް ވެސް އެންމެ މަޤްބޫލު މެދުވެރިއެއް ކަމުގައި ޤަބޫލު ކުރެވުނީ ކުވައިތުކަމުން ޝައިޚު ޞަބާޙު މި މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ބުރަ މަސައްކަތްޕުޅުތަކެއް އަދާކުރެއްވިއެވެ
އަމީރުކަމަށް ޢައްޔަން ކުރުން
ޝައިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު ކުވައިތުގެ އަމީރު ކަމަށް އެ ޤައުމުގެ ބަރްލަމާނުން (މަޖްލިސުލް އުއްމަތި) އިން ޢައްޔަން ކުރީ 29 ޖަނަވަރީ 2006ވަނަ ދުވަހުއެވެ. އޭރުގެ އަމީރު ޝައިޚު ސަޢުދު އަލްޢަބްދުﷲ އައްސާލިމު އައްޞަބާޙުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން އަމީރުކަމުން ތަނާޒުލުވެ ވަޑައިގަތުމުންނެވެ. އެ ވަގުތު ޝައިޚު ޞަބާޙު އަލްއަޙްމަދު ހުންނެވީ ބޮޑުވަޒީރުކަމުގެ މަޤާމުގައެވެ. މިކަމާ ގުޅިގެން 24 ޖަނަވަރީ 2006ގައި ކުވައިތުގެ ބަރްލަމާނުން ޝައިޚު ޞަބާޙު ކުވައިތުގެ އަމީރުކަމަށް އިސްކުރަން ފެންނަ ކަމަށް އިއްތިފާޤުވެ ބައިޢަތު ހިފިއެވެ. އެ މަނިކުފާނަކީ ބަރްލަމާނުގެ ކުރިމަތީގައި އަމީރުކަމުގެ ދުސްތޫރީ ހުވާކުރެއްވި ތިންވަނަ އަމީރެވެ.
އަންހެނުން މިނިވަންކުރެއްވުން
ކުވައިތުގެ އަންހެނުންނަށް ސިޔާސީ މިނިވަންކަން ދެއްވި ޒަޢީމަކީ ޝައިޚު ޞަބާޙެވެ. އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ފުރަތަމަފަހަރަށް އަންހެން ބޭފުޅަކަށް ކުވައިތުގައި ވަޒީރުކަން ދެއްވިއެވެ. އެއަށްފަހު ކުވައިތުގެ އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވާ ދެއްވިއެވެ. އެމަނިކުފާނު ކުވައިތުގެ ޤާނޫނު އަސާސީއަށް ގެންނެވި އިޞްލާޙުތަކުގެ ސަބަބުން ކުވައިތުގައި އަންހެނުންނަށް ބަރްލަމާނަށް ވަނުމުގެ ދޮރު ހުޅުވިގެންދިޔައެވެ. ހަމައެފަދައިން އެ މަނިކުފާނު ކުވައިތުގައި އަންހެނުންނަށް ސިފައިންގެތެރެއަށް ވަނުމުގެ ދޮރުވެސް ހުޅުވައިލަ ދެއްވިއެވެ. މިކަމާ ވިދިގެން ކުވައިތުގެ އަންހެނުންނަށް ޢަސްކަރީ ޚިދްމަތް އަދާކުރުން މަޖްބޫރު ވެގެން ދިޔައެވެ.
ކުވައިތަށް ބޮޑު ތަރައްޤީއެއް
ޝައިޚު ޞަބާޙު އަލްއަޙްމަދުގެ އަމީރުކަމުގައި ތަފާތު މައިދާންތަކުގައި ކުވައިތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. ވިޔަފާރީގެ ބައިނަލްއަޤްވާމީ މަރްކަޒަކަށް ކުވައިތު ހެއްދެވުމަށް ޓަކައި ޝައިޚު ޞަބާޙު އަލްއަޙްމަދު ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވާފައި ވެއެވެ.
ޚަބަރު ފެތުރުމާބެހޭ މިނިވަންކަން ފުޅައު ކުރެއްވިއެވެ. މިކަމާ ވިދިގެން ނޫސްތަކާއި މަޖައްލާތައް އިތުރުވިއެވެ ކުވައިތުގެ ޚަޒާނާ އިތުރަށް މުއްސަނދިވެ ބަޖެޓް އަރަނިވެގެން ދިޔައެވެ.
އެ މަނިކުފާނު ކުވައިތުގެ ސިޔާސީ މަސްރަޙު ޒަމާނީ ކުރައްވައި ދީމުޤްރަޠީ ކުރެއްވުމަށް ޓަކައި ގިނަގުނަ ކާމިޔާބު ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ޝައިޚު ޞަބާޙު އިންސާނިއްޔަތަށް ޓަކައި ކުރައްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް 2014ވަނަ އަހަރު އދ، ން އެމަނިކުފާނަށް "قائد العمل الإنساني" ނުވަތަ އިންސާނިއްޔަތީ މަސައްކަތުގެ އިސްވާރު" ގެ ލަޤަބު އެރުވިއެވެ. އަދި ކުވައިތަށް "مركزًالعمل الإنساني" އިންސާނިއްޔަތީ ޢަމަލުގެ މަރްކަޒުގެ ލަޤަބު ދިނެވެ.