ހަމަސް ދުވަހަށްފަހު ތާޖު މަޙަލް ހުޅުވައިފި

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މުޅި ދުނިިޔެއަށް މަޝްހޫރު ތާޖު މަޙަަލް ހަމަސްވާންދެން ބަނދުކޮށްފައި ބެހެއްޓުމަށްފަހު އެތަން މިއަދު ހެނދުނު ހުޅުވައިފިއެވެ.

ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތާޖު މަޙަލް ބަންދުކުރީ މިއަހަރުގެ މާރިޗު މަހުގެ 17 ގައެވެ.

ތާޖު މަޙަލްގެ އިސްބޭފުޅެއްކަމުގައިވާ ވަސަންތު ކުމާރު ވިދާޅުވިގޮތުގައި ތަނަށް ވަންނަ މީހުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު އަތްތިލައިގެ ސާފުތާހިރުކަމުގެ ގަވައިދަށް އިސްކަންދޭންޖެހޭނެއެވެ. އަދި ކޮންމެ މީހަކު ވެސް ހުންނަންޖެހޭނީ މާސްކުއަޅައިގެންނެވެ.

ތާޖު މަޙަލްއަށް ވަންނަން އަލަށް ހެދި ގަވައިދުގައިވާގޮތުން މިހާރު ޓިކެޓުގަންނަން ޖެހޭނީ އޮންލައިނުކޮށްނެވެ. އަދި ދުވާލަކު އެތަނަށް ވަދެވޭނީ 5000 މީހުންނަށެވެ. އެއީ ހެނދުނުން ފެށިގެން މެދުރު ފަހު 2.00 އާހަމައަށް 2500 މީހުންނާށާއި އޭގެ ފަހުން 2500 މީހުންނަށެވެ. އާގަރާ ފޯޓަށް ދުވާލަކު ވަދެވޭނީ 200 މީހުންނަށެވެ.

ތާޖުމަޙަލަށް ކޮންމެ އަހަރަކު ހަތް މިލިއަން މީހުން ޒިޔާރަތްކުރާއިރު އާގަރާ ފޯޓަށް ތިންމިލިއަން މީހުން ދަތުރުކުރެއެވެ. ތާޖުމަޙަލައާއި އާގަރާ ޕޯޓަކީ އުއްތަރު ޕްރަދޭޝްއަށް އާމުދަނީ ލިބުމުގެމުހިއްމު ދެ ދޮރެވެ.

އުއްތަރު ޕްރަދޭޝްއަކީ އިންޑިއާގައި ފަސްވަނައަށް އެންމެބޮޑަށް ކޮރޯނާވައިރަސް ފެތުރިފައިވާ ސްޓޭޓެވެ. އެ ސްޓޭޓުގެ 3.48 ލައްކަ މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވެއެވެ.

އިންޑިއާ މީހުންގެ އިތުރަށް އިންޑިއާއަށް ދަތުރުކުރާ ބޭރުމީހުންގެ މެދުގައި އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ތަނަކީ ތާޖު މަޙަލްއެވެ.

ރައީސް ޓްރަމްޕްގެ ދެކަނބަލުން: ތާޖު މަޙަލްގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކަނބަލުން ފެބުރުއަރީ މަހު އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ތާޖު މަޙަލްއަށް ވަޑައިގަތެވެ.

ތާޖު މަޙަލްއަކީ އިންޑިއާގައި ރަސްކަންކުރެއްވި މުސްލިމް ރަސްކަލެއްކަމުގައިވާ ޝާހު ޖަހާން އަނބިކަނބަލުންގެ ހަދާނުގައި 17 ވަނަ ގަރުނުގެ ތެރޭގައި ބިނާކުރެއްވި ތަނެކެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.