ބަނގްލާދޭޝާއި ޗައިނާގެ ގުޅުން ވަރުގަދަވެ، ބަނގްލާދޭޝާއި އިންޑިއާގެ ގުޅުން ހީނަރުވާންފަށައިފިއެވެ. ނަމަވެސް ބަނގްލާދޭޝްއިން ބުނަމުންދަނީ ޗައިނާއާއި އިންޑިއާއާއެކުވެސް ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރަމުންދާކަމަށެވެ.
ބަނގްލާދޭޝްގެ އުތުރު އިރުމަތީ ރަށެއްކަމުގައިވާ ސިލްހަތުގައި ހަދާފައިވާ އުސްމާނީ އިންޓަނޭޝަނަލް އެއާރޕޯޓު ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެ ކުންފުންޏެއް ހޯދަން ދާދިފަހުން ކުރި މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކުން ކުރިމަތިލާފައި ވަނިކޮށް ބަނގްލާދޭޝް އެ މަޝްރޫޢު ހަވާލުކުރީ ޗައިނާގެ ބީޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް ލިމިޓެޑާއެވެ. އެއީ 250 މިލިއަން ޑޮލަރގެ އަގުބޮޑު މަޝްރޫޢެކެވެ. އިންޑިއާގެ ކުންފުންޏަކާ އެމަސައްކަތް ހަވާލުނުކުރުމުން އެކަމާ އިންޑިއާއިން އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އުސްމާނީ އިންޓަނޭޝަނަލް އެއާރޕޯޓަކީ ބަނގްލާދޭޝްގެ ތިންވަނައަށް އެންމެ ބޮޑު އެއާރޕޯޓެވެ. ސިވިލްއޭވިއޭޝަން އޮތޯރިޓީ އޮފް ބަނގްލާދޭޝްއިން ބުނިގޮތުގައި އެއާރ ޕޯޓު ތަރައްގީކުރަން ހިންގާ ތިން އަހަރުގެ މަޝްރޫއު ނިމޭއިރު އެ އެއާރޕޯޓަކީ ޒަމާނީ ހުރިހާ ވަސީލަތެއް ހިމެނޭ ވަރަށް ފުރި އެއާރޕޯޓަކަށް ވެގެންދާނެއެވެ.
ބަނގްލާދޭޝްގެ ސިލްހަތަކީ އެ ގައުމަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދެކެވެ. ފެހި ސައިފަތްދަނޑުތަކާއި ބަގީޗާތަކާއި ގާޑަން ރިސޯޓުތަކާއި ގުދުރަތީ ރީތިކަން އިންތިހާއަށް ބޮޑު ސިލްހަތަކީ ތަރައްގީކުރުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަޝްރޫޢުތައް ހިންގަމުންދާ ސަރަހައްދެކެވެ.
ޗައިނާއާއި ބަނގްލާދޭޝްގެ ބަދަހިވަމުންދާ ގުޅުމުގެ ސަބަބުން ބަންގާޅުން ޗައިނާއަށް އެތެރެކުރާ ވަރަށް ގިނަ އަދަދެއްގެ މުދަލުން ޗައިނާއިން ވަނީ ޑިއުޓީ ކުޑަކޮށްފައެވެ.
އިންޑިއާއާއި ބަނގްލާދޭޝްގެ ގުޅުން ހީނަރުވަމުންދާއިރު ޗައިނާއިން ދަނީ ބަނގްލާދޭޝާ ގުޅުން ބަދަހިކޮށް އެގައުގެ ތަރައްގީއަށް ބޮޑެތި އެހީތަކެއް ވަމުންނެވެ.