(16 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ- ޓޮނީގެ ހިތުގައި ވަރުގަދަ ރުޅިގަނޑެއް ފޮރުވިފައި އެބައޮތް- އެ ރުޅިގަނޑު އޮތްކަން އެނގުނީމާ އޭގެ ބޭނުންކޮށްގެން ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވިދާނެ- އަހަރެން މި އުޅެނީ ކުޑަކުޑަ ތަޖުރިބާއެއް ކުރަން- އެ ތަޖުރިބާ ކާމިޔާބުވެއްޖެއްޔާ އަހަރެމެންގެ މަގު މުޅިން ހުޅުވިގެންދާނެ- ކާމިޔާބު ނުވިއްޔާ..." އޭނާ އިރުކޮޅަކަށް ވާހަކަ ހުއްޓައިލިއެވެ. "ކާމިޔާބު ނުވިއްޔާ އޭޝްލީގެ މުޅިޢުމުރު ދުވަސް ހޭދަކޮށްލަންޖެހޭނީ މި ތާނގައި-"
"ތިޔަ އުޅެނީ ކިހިނެއް ހަދަން-؟"
"އޭޝްލީގެ ބައްޕަ އޭނާޔާ ބައްދަލުކުރަން ގެނައުމަކީ ރަނގަޅު ކަމަކަށް ވާނެހެންނެއް ހިއެއްނުވޭ- އަހަރެން މި އުޅެނީ ބަޔަކާ ޙަވާލުކޮށްގެން ޑޮކްޓަރ ޕެޓަރސަންގެ ވާހަކަ ކޮންމެ ނޫހަކަށް އެރިޔަސް އެ ވާހަކަ އޮތް ނޫހެއް މި ތަނަށް ގެނުވަން-"
ލުވިސަން އަހައިލިއެވެ. "އޭގެ ބޭނުމަކީ ކޮބާ-؟"
"އަހަރެން ބޭނުންވަނީ އެ ހުރިހައި ޚަބަރެއް ޓޮނީއަށް ދައްކަން- އެންމެ ފަހުން އޭނާގެ ރުޅިގަނޑު މަޑުމަޑުން ގޮސް ހިނދިގެން ހިނގައިދާނެ- އޭނާގެ ޙަރަކާތްތައް ބަލައި، ދިރާސާކުރެވެން އޮތް ގޮތަކީ މިއީ-"
"ގިލްބަރޓް- ތިޔަ ބުނާ ކަންތައް ކުރަން ވަރަށް ދިގުމުއްދަތެއް ފާއިތުވެގެން ހިނގައިދާނެ-"
"މަދުވެގެން އެއް އަހަރު ދުވަސް ހޭދަވާނެ- އެއަށްވުރެ ދިގު މުއްދަތެއް ވެސް ހިނގައިދާނެ- އެކަމަކު އޭޝްލީއަށް އޮތް ހަމައެކަނި ފުރުޞަތަކީ އެއީ-"
އޭޝްލީއަށް އޭނާގެ ހަށިގަނޑުގެ މައްޗަށް ބާރު ފޯރުވޭ ވަރުވީ ފަސް ދުވަސް ފަހުންނެވެ.
ޑޮކްޓަރ ކެލަރ އަނދަގޮނޑިކޮޓަރިއަށް ވަނީމާ އޭޝްލީ ބުނެލިއެވެ. "ޑޮކްޓަރ- އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން-"
"ހިތާމަކުރާނެ ކަމެއް ނެތް- ހިނގައިދިޔަ ކަމެއް ހިނގީ ރަނގަޅަކަށް- އިޙްސާސްތައް ބޭރަށް ނެރެ ދެއްކިގެން ނޫނީ ހަމަޔަކަށް ނޭޅޭނެ-" އޭނާ އެތަން ބަލަހައްޓަން ހުރި މީހާއާ ދިމާއަށް ބަލައިލައިފައި ބޯޖަހައިލިއެވެ. އެ މީހާ މަޑުމަޑުން އައިސް ގޮނޑިއާއި، ހިލިހިލާ ނައްޓަލިއެވެ.
އޭޝްލީ ކޮޅަށް ތެދުވެ، އަތުގެ ކުޑަހުޅުގައި ފިރުމައިލިއެވެ. "އެ އެއްޗެތި އަޅުވައިފައި ހުންނައިރު ވަރަށް އުނދަގޫވި-" ދެ މީހުން އެ ކޮޓަރިން ނުކުމެއްޖެއެވެ. "ޓޮނީ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައި-"
"އާނ- އެކަމަކު މާގިނަ ދުވަހެއްނުވެ ރަނގަޅުވެދާނެ- އަހަރެން ރާވައިފައި އޮތީ..."
ކޮންމެ މަހަކު ޑޮކްޓަރ ޕެޓަރސަންއާ ބެހޭ ގޮތުން މަދުވެގެން ހަތަރު މަޒްމޫނު ލިޔެވެއެވެ. އެއް ޚަބަރުގައި އޮތެވެ. "މިއަންނަ ހުކުރުދުވަހު ޑޮކްޓަރ ޕެޓަރސަންއާއި، ވިކްޓޯރިއާ އެނިސްޓަންގެ ކާވެނި ލޯންގް އައިލޭންޑްގައި އޮންނާނެއެވެ. ޑޮކްޓަރ ޕެޓަރސަންއާ އެކީ މަސައްކަތްކުރާ މީހުން އެ ރަށަށް ދާން..."
ޑޮކްޓަރ ކެލަރ އެ ޚަބަރު ދެއްކީމާ ޓޮނީ ރުޅިއައިސް ފުފިގަތެވެ.
"ތިޔަ ކާވެއްޏަކަށް މާގިނަ ދުވަހެއް ނުވާނެ-"
"އެއީ ކީއްވެގެން-؟"
"އެއީ އެ ކަލޭގެ ވަރަށް އަވަހަށް މަރުވާނެތީ-"
"ޑޮކްޓަރ ސްޓީވަން ޕެޓަރސަން ސެއިންޓް ޖޯންސް ހޮސްޕިޓަލުން އިސްތިޢުފާދެއްވައިފިއެވެ. އޭނާ މިހާރު އުޅުއްވަނީ މެންހަޓަން މެތަޑިސްޓް ހޮސްޕިޓަލްގެ ހިތުގެ ބައްޔާ ބެހޭ..."
ޓޮނީ ހަޅޭއްލަވައިގަތެވެ. "އެއީ އެ ހޮސްޕިޓަލަށް ގެންދާ ހުރިހައި ކުޑަކުދިންނާ ބެހެންވެގެން އޭނާ ކުރި ކަމެއް-"
"ޑޮކްޓަރ ޕެޓަރސަންއަށް ލެސްކާރ އިނާމު ލިބިއްޖެއެވެ. އެއީ ޞިއްޙީ ދާއިރާގައި އޭނާ ކޮށްފައިވާ ޚިދުމަތަށްޓަކައެވެ. ވައިޓް ހައުސްގައި އޭނާގެ ޝަރަފުގައި..."
ޓޮނީ ހަޅޭއްލަވައިގަތެވެ. "އެ ހަރާންދަރިއަކީ ދަންޖައްސަން ޖެހިފައި ހުރި މީހެއް-"
ގިލްބަރޓް ކެލަރ ދިޔައީ އޭޝްލީގެ ބައްޕަޔާ ބެހޭ ގޮތުން ޝާއިޢުކުރެވޭ ހުރިހައި ލިޔުމެއް ޓޮނީއަށް ދައްކަމުންނެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް ޓޮނީގެ ރުޅިގަނޑު ދިޔައީ ފިނިވަމުންނެވެ. ހިތުގައި އޮތް ނަފްރަތު އާދައިގެ ރުޅިއަށް ބަދަލުވެ، އެންމެ ފަހުން ގޮސް ޙާލާތު އޮންނަ ގޮތަކަށް ދީލައިލުމުގެ ޚިޔާލު ހިތުގައި އުފެދެން ފަށައިފިހެން ހީވެއެވެ.
އެހެން ޚަބަރެއްގައި އޮތެވެ. "ޑޮކްޓަރ ސްޓީވަން ޕެޓަރސަންއާއި، އޭނާގެ އައުއަނބިމީހާ މެންހަޓަންގެ އައުގެއަކަށް ބަދަލުވެއްޖެއެވެ. އެ މީހުން ދަނީ ހެމްޕްޓަންސްއިން އައުގެއެއް ގަންނަން ރާވަމުންނެވެ. އެ ދެމަފިރިން ހޫނުމޫސުމް ވޭތުކުރާނީ އެ މީހުންގެ ދަރިފުޅު ކެތަރީނާއާ އެކީގައެވެ."
ޓޮނީ ރޯންފަށައިފިއެވެ. "ބައްޕަ އެހެން ހަދަނީ ކީއްވެގެން-؟"
"ޓޮނީ- ކެތަރީނާ ކަލޭގެ ޖާގަ އަތުލީއޭ ހީވަނީތަ-؟"
"ނޭނގޭ- އަހަންނަށް މުޅިން އޮޅިއްޖެ-"
އެއް އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އޭޝްލީގެ ފަރުވާ އޮންނަނީ ހަފްތާއަކު ތިން ފަހަރުއެވެ. އެލެޓް ކޮންމެ ދުވަހަކުހެން ކުރަހައެވެ. އެކަމަކު ޓޮނީ ޕިއާނާކުޅުމާއި، ލަވަކިއުން ހުއްޓާލައިފިއެވެ.
ކްރިސްމަސްދުވަހު ޑޮކްޓަރ ކެލަރ އައިސް ޓޮނީއަށް ނޫހެއް ދެއްކިއެވެ. ނޫހުގައި ހުރި ފޮޓޯއެއްގައި ޑޮކްޓަރ ޕެޓަރސަންއާއި، ވިކްޓޯރިއާއާއި، ކެތަރީނާ ތިއްބެވެ. ތިރީގައި ލިޔެފައި އޮތެވެ. "ޕެޓަރސަން ޢާއިލާ ކްރިސްމަސް ފާހަގަކުރީ ހެމްޕްޓަންސްގައެވެ."
ޓޮނީ ދެރަވެފައި ބުނެލިއެވެ. "އަހަރެމެން އެކީގައި ކްރިސްމަސް ފާހަގަކުރިން- ބައްޕަ އަހަންނަށް ވަރަށް ގިނަ ހަދިޔާދޭނެ-" އޭނާ ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލިއެވެ. "ބައްޕައަކީ ނުބައިމީހެއް ނޫން- އެކަންތައް... ފިޔަވައި ބައްޕަގެ އެއްވެސް ނުބައިކަމެއް ނެތް- އެއީ ވަރަށް ރަނގަޅު ބައްޕައެއް- އަހަންނަށް ހީވަނީ ބައްޕަ ހަމަ ޙަޤީޤަތުގައި ވެސް އަހަރެންދެކެ ލޯބިވޭހެން-"
ކުރިއަށް ފިޔަވަޅެއް އެޅުނުކަމުގެ ފުރަތަމަ ޢަލާމާތަކީ އެއީއެވެ.
އެއްދުވަހަކު ޑޮކްޓަރ ކެލަރ ކުޅިވަރުކުޅޭ ކޮޓަރި ކައިރިން ލާފައި ދަނިކޮށް ޓޮނީ ޕިޔާނާޖަހާފައި ލަވަކިޔާ އަޑު އިވިއްޖެއެވެ. އޭނާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. މަޑުމަޑުން ގޮސް އެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ލަވައިގެ ތެރެއަށް ގެއްލިފައި ހުރިވަރުން އޭނާ ވަންކަމެއް ޓޮނީއަކަށް ނޭނގެއެވެ.
އޭގެ އަނެއް ދުވަހު ޑޮކްޓަރ ކެލަރ ޓޮނީއާ ވާހަކަދެއްކިއެވެ.
"ކަލޭގެ ބައްޕަ މިހާރު ދަނީ މުސްކުޅިވަމުން- އޭނާ މަރުވީމާ ކަލެއަށް ކުރެވޭނީ ކޮންކަހަލަ އިޙްސާސްތަކެއް-؟"
"ބައްޕަ މަރުވާކަށް... ބައްޕަ މަރުވާކަށް އަހަންނެއް ނޭދެން- އަހަރެން މީގެ ކުރިން ވަރަށް ވިޔާނުދާ ވާހަކަދެއްކިން- އެކަމަކު އެއީ ރުޅިއައިސްގެން ދެކެވުނު ވާހަކަ-"
"މިހާރަކު ރުޅިއެއްނާދޭތަ-؟"
އޭނާ ވިސްނައިލިއެވެ. "މިހާރަކު ރުޅިއެއްނާދޭ- އެކަމަކު ދެރަވޭ- ކުރިން ބުނީ ރަނގަޅު ވާހަކައެއްހެން ހީވޭ- އެ ކުއްޖާ އަހަރެންގެ މަޤާމް އަތުލައިފި-" އޭނާ ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ހުރީ ހާސްވެފައި- އޮޅިފައި- އެކަމަކު އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށްދާން ނިންމިކަމީ ބައްޕަ ކުރި ރަނގަޅު ކަމެއް- އޭޝްލީ ވެސް ޖެހޭނީ އޭނާގެ ދިރިއުޅުމާއިގެން ކުރިއަށްދާން-"
ޑޮކްޓަރ ކެލަރ ހިނިތުންވެލިއެވެ. ކުރިއަށް ފިޔަވަޅެއް އެޅުނީއެވެ.
ތިން މީހުން މިހާރު މިނިވަންކަމާއެކު އެކަކު އަނެކަކާ ވާހަކަދައްކައެވެ.
ޑޮކްޓަރ ކެލަރ ބުންޏެވެ. "އޭޝްލީ- އޭޝްލީއަށް ޓޮނީއާއި، އެލެޓްގެ ބޭނުންޖެހުނީ މެދުވެރިވީ ހިތާމަތަކާ ކުރިމަތިލާން ނުކެރުމުގެ ސަބަބުން- ބައްޕައާމެދު މިހާރު ދެކެނީ ކިހިނެއް-؟"
ކުޑަހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އޭނާ ވާހަކަދެއްކީ ލަސްލަހުންނެވެ. "ބައްޕަ އަޅުގަނޑަށް ކުރެއްވި ކަންތައްތަކަކީ ދުވަހަކު ވެސް އަޅުގަނޑުގެ ހަނދާނުން ފިލައިގެންދާނޭ ކަންތައްތަކެއް ނޫން- އެކަމަކު އަޅުގަނޑު ބައްޕައަށް މަޢާފްކޮށްފާނަން- އަޅުގަނޑު ބޭނުންވަނީ ވެދިޔަ ކަންތައްތައް ހަނދާންނައްތައިލައިފައި ކުރިމަގަށް ވިސްނަން-"
"އެހެން ވާނީ ތިން މީހުން އެކަކަށް ވީމާ- އެލެޓް- މި ކަމާ ބެހޭ ގޮތުން ބުނަނީ ކީކޭ-؟"
އެލެޓް ބުންޏެވެ. "އަހަރެން އޭޝްލީއަށް ވީމާ ކުރެހޭނެތަ-؟"
"އާނ- ކުރެހޭނެ-"
"އެހެންވެއްޖެއްޔާ އަހަރެންގެ މައްސަލައެއް ނެތް-"
"ޓޮނީ-؟"
"އަހަންނަށް ޕިއާނާޖަހައިފައި، ލަވަކިޔޭނެތަ-؟"
"އާނ-" ޑޮކްޓަރ ކެލަރ ބުންޏެވެ.
"އެހެންވެއްޖެއްޔާ އަހަރެން ދެކޮޅުހަދަންޖެހޭ ސަބަބެއް ނެތް-"
"އޭޝްލީ-؟"
"އަޅުގަނޑު މިހިރީ ތައްޔާރަށް- އަޅުގަނޑަށް ބޭނުންޖެހުނު ވަގުތު އެހީތެރިވެދިނީތީ އެ ދެ މީހުންނަށް ޝުކުރު އަދާކުރަން އަޅުގަނޑު ބޭނުން-"
މިހާރު އޮތީ އެންމެ ފަހުގެ ފިޔަވަޅެވެ. އެއީ ތިން މީހުން އެކަކަށް ހެދުމެވެ.
"އެންމެ ރަނގަޅު- އޭޝްލީ އަހަރެމެން މިހާރު މި އުޅެނީ އޭޝްލީ ހިޕްނޮޓައިޒްކުރަން- އަހަރެން ބޭނުންވަނީ އޭޝްލީ ޓޮނީއާއި، އެލެޓާ ދެ މީހުންނާ ވާހަކަދައްކާފައި ވަކިވުމުގެ ސަލާންކުރަން-"
އޭޝްލީ ފުންނޭވާއެއްލިއެވެ. "ޓޮނީ- އެލެޓް- އަހަރެން ވަކިވަނީ-"
"އާނ- ވަކިވަނީ-"
"އާނ- ވިސްނައިގެން އުޅޭތި-"
ދިހަ ވަރަކަށް މިނިޓް ފަހުން އޭޝްލީ އޮތީ މުޅިން ހިޕްނޮޓައިޒްވެފައެވެ. "އޭޝްލީ- މިހާރު އެއްވެސް ކަމަކާ ބިރުގަންނާނެ ކަމެއް ނެތް- ހުރިހައި މައްސަލައެއް މިހާރު ޙައްލުވެއްޖެ- މައްސަލަތައް ފަހަތަށް ގޮސް އޮބައިލައިފި- އެއްވެސް މީހެއްގެ ފުށުން ޙިމާޔަތަކަށް ނުވަތަ ރައްކާތެރިކަމަކަށް އެދޭނެ ކަމެއް ނެތް- އެއްވެސް މީހެއްގެ އެހީއެއް ނެތި އަމިއްލަ މައްސަލަތައް މިހާރު ޙައްލުކުރެވޭނެ- ކުރީގެ ހިތި ހަނދާންތަކުގެ ހިޔަނި ފޮހެވިއްޖެ- ދިމާވާ ކޮންމެ ކަމަކާ ކުރިމަތިލުމުގެ ހިތްވަރު މިހާރު ލިބިއްޖެ- އަހަރެން މި ދެއްކި ވާހަކަތަކާ އެއްބަސްވަންތަ-؟"
"ލައްބަ- އަޅުގަނޑު އެއްބަސްވަން- އަޅުގަނޑު މިހާރު މިހިރީ ކުރިމަގާ ކުރިމަތިލާން ތައްޔާރަށް-"
"ވަރަށް ރަނގަޅު- ޓޮނީ-؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
"ޓޮނީ-؟"
އެއްވެސް ޖަވާބެއް ނުލިބުނެވެ.
"އެލެޓް-؟"
އެއްވެސް ހިލަމެއްނުވެއެވެ.
"އެލެޓް-؟"
އެއްވެސް ހިލަމެއްނުވެއެވެ.
"އޭޝްލީ އެ މީހުން ހިނގައްޖެ- މިހާރު ތިޔަ ހުރީ މިނިވަންވެފައި- މުޅިން ރަނގަޅުވީ- އެއްވެސް މައްސަލައެއް ނެތް-"
އޭޝްލީގެ މޫނުމަތިން ވިދުވަރެއް ފާޅުވިއެވެ.
"އަހަރެން ތިނަކާ ހަމައަށް ގުނަންވާއިރަށް ހޭލެވޭނެ- އެކެއް... ދޭއް... ތިނެއް..."
އޭޝްލީ ލޯހުޅުވައިލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ އަސަރުގަދަ ހިނިތުންވުމެކެވެ. "ރަނގަޅުވީތޯ-؟ ހަމަ މުޅިން..."
ޑޮކްޓަރ ކެލަރ ބޯޖަހައިލިއެވެ. "އާނ- މުޅިން ރަނގަޅުވީ-"
އޭޝްލީގެ އުފަލުގެ ކޮޅެއްނެތެވެ. "އަޅުގަނޑު މިނިވަންވީ- އަޅުގަނޑު ވަރަށް ބޮޑަށް އުފާވެއްޖެ- ހީވަނީ ކަޅުފަރުދާއެއްގެ ތެރޭގައި އުޅެވިފައި ބޭރަށް، އަލިކަމުގެ ތެރެއަށް ނުކުމެވުނީހެން-"
ޑޮކްޓަރ ކެލަރ އޭނާގެ އަތުގައި ހިފައިލިއެވެ. "އަހަރެން ވެސް މިހިރީ ވަރަށް ބޮޑަށް އުފާވެފައި- ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަހަރެމެން ބައެއް ޓެސްޓްތައް ހަދާނަން- އެ ޓެސްޓްތަކުގެ ނަތީޖާ ރަނގަޅިއްޔާ ވަރަށް އަވަހަށް ގެއަށް ފޮނުވައިލާނަން- ނަތީޖާ ރަނގަޅުވާނެކަން އަހަންނަށް ކަށަވަރު- ކޮންމެ ތަނެއްގައި އުޅުނަސް ބޭނުންވާ ފަރުވާއެއް ލިބޭ ގޮތް އަހަރެން ހަމަޖައްސައިދޭނަން-"
އޭޝްލީ ބޯޖަހައިލިއެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ.
އަށާވީސްވަނަ ބާބު
ވިދިގެން އައި ދެތިން މަހެއްގެ ތެރޭގައި އޮޓޯ ލުވިސަން އޭޝްލީގެ ތިން ޓެސްޓް ހެދިއެވެ. އެއީ ހިޕްނޮޓައިޒްކޮށްގެންނާއި، ސޯޑިއަމް އެމީތަލް ބޭނުންކޮށްގެންނެވެ.
"ހަލޯ އޭޝްލީ- އަހަރެންގެ ނަމަކީ ޑޮކްޓަރ މޮންޓްފޯރޓް- އަހަރެން މި އައީ އޭޝްލީއާ ދެތިން ސުވާލެއް ކޮށްލަން ވެގެން- މިހާރު ކުރެވެނީ ކޮންކަހަލަ އިޙްސާސްތަކެއް-؟"
"މިހާރު އަޅުގަނޑު މި ހުންނަނީ ވަރަށް ބޮޑަށް އުފާވެފައި- ވަރަށް ދިގުބައްޔަކުން ސަލާމަތްވީހެން ހީވަނީ-"
"ތިމަން މިއީ ވަރަށް ނުބައި މީހެކޭ ހިތަށް އަރާތަ-؟"
"ނޫން- މީގެ ކުރިން ވަރަށް ނުބައި ކަންތައްތަކެއް ހިނގައިފައި އެބަހުރި- އެކަން އަޅުގަނޑަށް އެނގޭ- އެކަމަކު އެއިން އެއްވެސް ކަމަކީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން-"
"އެއްވެސް މީހަކުދެކެ ރުޅިއާދޭތަ-؟"
"ނޫން-"
"ބައްޕަދެކެ ރުޅިއާދޭތަ-؟"
"ކުރިން ރުޅިއައި- މިހާރަކު އެއްގޮތަކަށް ވެސް ރުޅިއެއްނާދޭ- ބައްޕަ ކުރެއްވި ކަންތައްތަކަކީ ނުކުރައްވާ ނުހުންނެވިގެން ކުރެއްވި ކަންތައްތަކެއް- ބައްޕަ މިހާރު ގަދަވެހުންނެވި ކަމަށް އަޅުގަނޑު ހީކުރަން-"
"އަދި ބައްޕަޔާ ބައްދަލުކުރަން ބޭނުންތަ-؟"
"އަޅުގަނޑަށް ހީވަނީ އަޅުގަނޑު ބައްޕަޔާ ބައްދަލުނުކުރުން މާ ބުއްދިވެރިހެން- ބައްޕަ މިހާރު އެ އުޅުއްވަނީ އަމިއްލަ ދިރިއުޅުއްވުމެއް ފަށްޓަވައިގެން- އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމެއް ފަށަން-"
"އޭޝްލީ-؟"
"ލައްބަ-"
"އަހަރެންގެ ނަމަކީ ޑޮކްޓަރ ވޯން- އަހަރެން މި އައީ އޭޝްލީއާ ކުޑަކޮށް ވާހަކަދައްކާލަން ވެގެން-"
"އެންމެ ރަނގަޅު- ކުރިއަށް ގެންދަވާ-"
"ޓޮނީއާއި، އެލެޓް ހަނދާން އެބަހުރިތަ-؟"
"ލައްބަ- ހަނދާން އެބަހުރި- އެ މީހުން މިހާރު ހިނގައްޖެ-"
"އެ މީހުންނާ މެދު މިހާރު ދެކެނީ ކިހިނެއް-"
"ކުރިން އަޅުގަނޑު ވަރަށް ބޮޑަށް ބިރުގަތް- އެކަމަކު މިހާރު އެނގޭ އަޅުގަނޑަށް އެ މީހުންގެ ބޭނުން ޖެހުނުކަން- އަޅުގަނޑު އެ މީހުންނަށް ޝުކުރުއަދާކުރަން-"
"ރޭގަނޑު ރަނގަޅަށް ނިދޭތަ-؟"
"ލައްބަ- މިހާރު ރަނގަޅަށް ނިދޭ-"
"ހުވަފެނުގައި ފެންނަނީ ކޮންކޮން އެއްޗިއްސެއް-؟"
"ކުރިން ވަރަށް ބިރުވެރި ހުވަފެން ފެނޭ- ކޮންމެވެސް އެއްޗެއް އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެން އުޅެތަން ފެނޭ- އަބަދުވެސް ހީވަނީ ކޮންމެވެސް މީހަކު އަޅުގަނޑު މަރައިލަން އުޅެނީއޭ-"
"މިހާރުވެސް އެކަހަލަ ހުވަފެން ފެނޭތަ-؟"
"ނޫން މިހާރަކު ނުފެނޭ- މިހާރު ފެންނަނީ ވަރަށް ރީތި ހުވަފެން- އަމާން ހުވަފެން- ގަދަ ކުލަކުލައާއި، ހިނިތުންވެގެން ތިބޭ މީހުން- ރޭ އަޅުގަނޑަށް ފެނުނީ ސްކީ ރިސޯޓެއްގައި އުޅެވޭތީ- އުސްތަނަކުން ތިރިއަށް ސްކީކުރަމުން އަންނާތީ- އެއީ ވަރަށް މަޖާކަމެއް- މިހާރަކު ފިނިވިޔަސް ޖެހިލުމެއްނުވޭ-"
"ބައްޕަޔާ މެދު މިހާރު ދެކެނީ ކިހިނެއް-؟"
"އަޅުގަނޑު ބޭނުންވަނީ ބައްޕަ އުފަލުގައި އުޅުއްވާތަން ދެކެން- އަޅުގަނޑު ވެސް ބޭނުންވަނީ އުފަލުގައި އުޅެން-"
"އޭޝްލީ-؟"
"ލައްބަ-"
"އަހަރެންގެ ނަމަކީ ޑޮކްޓަރ ހޮއެލްޓަރހޮފް-"
"ކިހިނެއްތޯ ޑޮކްޓަރ-؟"
"އޭޝްލީއަކީ ވަރަށް ރީތިކުއްޖެކޭ އެ މީހުން އަހަރެން ގާތަކު ނުބުނޭ- ވަރަށް ރީތިކުއްޖެއްގެ އިޙްސާސް އަމިއްލައަށް ކުރެވޭތަ-؟"
"ކޮންމެވެސް ވަރަކަށް ކުރެވޭ- އެކަމަކު..."
"އޭޝްލީގެ އަޑުވެސް ވަރަށް ރީއްޗޭ ކިޔާތީ އެހިން- އެއީ ތެދެއްތަ-؟"
"އަޅުގަނޑު ވޮއިސް ޓްރޭނިންގއެއް ނުހަދަން- އެކަމަކު އަޑު ހުތުރެއް ނުވާނެ-" އޭޝްލީ ހީނގަތެވެ. "އަޅުގަނޑު ކޮންމެވެސް ވަރަކަށް ލަވަކިޔައި އުޅެން-"
"އޭޝްލީއަކީ ކުރަހާވެސް ކުއްޖެކޭ އެ މީހުން ބުނި- އެއީ ތެދެއްތަ-؟"
"ލައްބަ- އަޅުގަނޑުގެ އަމިއްލަ ޝައުޤުވެރިކަމަށްޓަކައި ކުރަހަން-"
ޑޮކްޓަރ ހޮއެލްޓަރހޮފް ވިސްނުންތެރިކަމާއެކު އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ގާތު ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް އެބައޮތްތަ-؟ އެއްވެސް މައްސަލައެއް..."
"ނޫން- އެކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ހިތަކަށް ނާދޭ- މިތާނގެ މީހުން ވަރަށް ރަނގަޅު-"
"މި ތަނުން ދާންޖެހޭތީ އެއްވެސް ފިކުރެއްކުރަންތަ-؟"
"ތިޔަކަމާ އަޅުގަނޑު ވަރަށް ބޮޑަށް ވިސްނިން- ބޭރަށްދާން ކުޑަކޮށް ބިރުގަނޭ- އެކަމަކު އުފާވެސްވޭ-"
"ބޭރުގައި އުޅޭއިރު ބިރުގަންނާނެއޭ ހީވޭތަ-؟"
"ނޫން- އެހެންނެއް ހިއެއްނުވޭ- އަޅުގަނޑު ބޭނުންވަނީ އައުދިރިއުޅުމެއް ފަށަން- އަޅުގަނޑު ކޮމްޕިއުޓަރުގެ މަސައްކަތް ވަރަށް ރަނގަޅަށް ދަންނަން- އަޅުގަނޑު ކުރިން ވަޒީފާ އަދާކުރި ކުންފުންޏަކަށް ދެނެއް ނުދެވޭނެ- އެކަމަކު އެހެން ކުންފުންޏަކުން ވަޒީފާއެއް ލިބިދާނެކަމުގެ ޔަޤީންކަން އެބައޮތް-"
ޑޮކްޓަރ ހޮއެލްޓަރހޮފް ބޯޖަހައިލިއެވެ. "ޝުކުރިއްޔާ އޭޝްލީ- އޭޝްލީއާ ވާހަކަ ދެއްކުނީމާ ވަރަށް އުފާވެއްޖެ-"
ޑޮކްޓަރ މޮންޓްފޯރޓާއި، ޑޮކްޓަރ ވޯންއާއި، ޑޮކްޓަރ ހޮއެލްޓަރހޮފްއާއި، ޑޮކްޓަރ ކެލަރއާއި ތިން މީހުން ތިބީ އޮޓޯ ލުވިސަންގެ އޮފީހުގައެވެ. ލުވިސަން އޭޝްލީގެ ރިޕޯޓުތައް ބަލަނީއެވެ. ބަލައި ނިމިގެން އޭނާ އިސްއުފުލައި ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
"ވަރަށް ރަނގަޅު-" އޭނާ ބުންޏެވެ. "މި ރިޕޯޓުތައް ވަރަށް ރަނގަޅު- ޑޮކްޓަރ ކެލަރގެ މަސައްކަތް ވަރަށް ބަރާބަރު-"
"އެއީ ވަރަށް ރަނގަޅު އަންހެންކުއްޖެއް- ވަރަށް ޚާއްޞަކުއްޖެއް- އޮޓޯ- އޭނާ އަމިއްލަ އުފާވެރި ދިރުއުޅުމަކަށް އެނބުރިދާތީ އަހަރެން މި ހުންނަނީ ވަރަށް ބޮޑަށް އުފާވެފައި-"
"މި ތަނުން ދޫކޮށްލިޔަސް ދޭތެރެދޭތެރެއިން ފަރުވާ ލިބިގަންނަން އޭނާ އެއްބަސްވޭތަ-؟"
"އާނ- އެއްބަސްވޭ-"
އޮޓޯ ލުވިސަން ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު- އޭނާ ދޫކޮށްލުމުގެ ކަންތައްތައް އަހަރެން ހަމަ މިހާރު މި ހަމަޖައްސަނީ-" އޭނާ ދެން ތިބި ޑަކްޓަރުންނާ ދިމާއަށް ބަލައިލިއެވެ. "ތިޔަބޭކަލުންގެ އެހީފުޅަށްޓަކައި ޝުކުރުދަންނަވަން-"
ނަވާވީސްވަނަ ބާބު
ދެ ދުވަސް ފަހުން އޭޝްލީ ޑޮކްޓަރ ލުވިސަންގެ އޮފީހަށް ގެންދެވުނެވެ. ޑޮކްޓަރ ކެލަރ ވެސް އެ ތާނގައި ހުއްޓެވެ. އޭޝްލީ ދޫކޮށްލަނީއެވެ. އޭނާގެ ގެއަށް ކަޕަޗީނޯއަށް ދިއުމުގެ ހުއްދަދެނީއެވެ. އޭނާގެ ގޭގައި ކޯޓުގެ ހުއްދަ ލިބިފައިވާ ސައިކިއޭޓްރިސްޓެއްގެ ފަރުވާ ދޭތެރެދޭތެރެއިން ލިބޭނޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
ޑޮކްޓަރ ލުވިސަން ބުންޏެވެ. "މިއަދަކީ އޭޝްލީ ދޫކޮށްލާ ދުވަސް- އުފަލެއްނުވޭތަ-؟"
އޭޝްލީ ބުންޏެވެ. "ވަރަށް ބޮޑަށް އުފާވޭ- ކުޑަކޮށް ބިރުވެސްގަނޭ- އެކަމަކު އެއީ ކީއްވެގެންކަމެއް ނޭނގޭ- މިހާރު އިޙްސާސްކުރެވެނީ ކޮށްޓަކުން ދޫކޮށްލި ދޫންޏެއްގެ އިޙްސާސް- މިހާރު އުދުހެވެނީއޭ ވެސް ހީކުރެވޭ-" އޭނާގެ މޫނުމަތިން ވިދުވަރެއް ފާޅުވިއެވެ.
ޑޮކްޓަރ ކެލަރ ބުންޏެވެ. "އޭޝްލީއަށް ގެއަށް ދެވޭތީ އަހަރެން ވަރަށް ބޮޑަށް އުފާކުރަން- އޭޝްލީގެ މަތިން ވަރަށް ބޮޑަށް ހަނދާންވާނެ-"
އޭޝްލީ ޑޮކްޓަރ ކެލަރގެ އަތުގައި ހިފައިލިއެވެ. "އަޅުގަނޑަށް ވެސް ހަނދާންވާނެ- ޝުކުރުއަދާކުރާނޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ-" އޭނާގެ ލޮލުން ކަރުނަފައިބަނީއެވެ. "އަޅުގަނޑަށް މިއޮތީ އައުދިރިއުޅުމެއް ލިބިފައި-"
ދެން އޭނާ ބަލައިލީ ޑޮކްޓަރ އޮޓޯ ލުވިސަންއާ ދިމާއަށެވެ. "އަޅުގަނޑު ކެލިފޯނިއާއަށް ގޮސް އެ ތާނގެ ކޮމްޕިއުޓަރު ކުންފުންޏަކުން ވަޒީފާއެއް ހޯދާނަން- އަޅުގަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ގަވާއިދުން އަންގާނަން- އަދި ގޭގައި ދެވޭ ފަރުވާގެ ކަންތައް ހިނގާގޮތް ވެސް އަންގާނަން- މީގެކުރިން ހިނގައިފައިވާ ކަހަލަ އެއްވެސް ކަމެއް ފަހުން ހިނގުމަކީ އަޅުގަނޑު އެދޭކަމެއް ނޫން-"
ޑޮކްޓަރ ލުވިސަން ވަރަށް ބޮޑު ޔަޤީންކަމަކާއެކު ބުނެލިއެވެ. "ހާސްނުވާތި- އެއްވެސް ކަމެއް ނުބައެއް ނުވާނެ-"
އޭޝްލީ ނުކުމެގެން ދިޔައީމާ ޑޮކްޓަރ ލުވިސަން ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލިއެވެ. "މީގެ ކުރިން ނާކާމިޔާބުވެގެން ދިޔަ ހުރިހައި މައްސަލައެއް މި މައްސަލައިގެ ސަބަބުން ފޮރުވިގެން ދާނެކަން ކަށަވަރު- އެހެންނެއްނޫންތަ-؟ ޑޮކްޓަރ ކެލަރ-"
އެއީ ޖޫން މަހުގެ ދުވަސްތަކުގެ ތެރެއިން ހޫނުދުވަހެކެވެ. އޭޝްލީ ދިޔައީ ނިވް ޔޯރކް ސިޓީގެ މެޑިސަން އެވެނިއުއިން ހިނގައިފައެވެ. އޭނާގެ އަސަރުގަދަ ހިނިތުންވުމުގެ ސަބަބުން އެނބުރި ބަލައިނުލާ މީހަކު ވަރަށް މަދެވެ. އޭނާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ޚިޔާލުގައި ވަނީ ކުރިއަށް އޮތް އުފާވެރި ޙަޔާތެވެ. ކުރިމަގުގައި ކުރަން ޚިޔާލުކުރެވިފައި ހުރި ކަންތައްތަކެވެ. އޭނާގެ ޙަޔާތް ވަރަށް ނުބައިގޮތަކަށް ނިމިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މިހާރު މި ފެންނަނީ އޭނާގެ ދުޢާތަކުގެ އަސަރެވެ.
އޭނާ ހިނގައިފައި ގޮސް ވަނީ ޕެންސިލްވޭނިއާ ސްޓޭޝަނަށެވެ. އެއީ އެމެރިކާގެ އެންމެ ކާރޫބާރޫ ބޮޑު ރޭލު އިސްޓޭޝަނެވެ. މުޅި އިސްޓޭޝަން އޮތީ ފުރިބާރުވެފައެވެ. އޭނާގެ ހިތަށްއެރިއެވެ. މިއިން ކޮންމެ މީހަކީ ކިޔައިދޭނޭ ރީތިވާހަކައެއް އޮންނާނޭ މީހެކެވެ. އެއިން ކޮންމެ މީހަކު ދަނީ ތަފާތު ތަނަކަށެވެ. އެއިން ކޮންމެ މީހެއްގެ އަމިއްލަ ދިރިއުޅުމެއް އޮންނާނެއެވެ. އަހަރެންވެސް އަމިއްލަ ދިރިއުޅުމެއް ހޯދާނަމެވެ.
އޭނާ މެޝިނެއްގެ ކައިރިއަށް ގޮސް ޓިކެޓެއް ގަނެފިއެވެ. އޭނާ ދާން އޮތް ރޭލު އައިސް އޭރު އިސްޓޭޝަނަށް މަޑުކުރަނީއެވެ.
އޭނާ ރޭލަށް އަރައި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކުރިއަށް އޮތް ކަންތައްތަކުގެ މަތިން ހިތަށްއެރީމާ އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެންދިޔައެވެ. ރޭލު ދުއްވައިލައިފިއެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެންގެ މަންޒިލަށް ވާޞިލުވުމުގެ ދަތުރު ފެށުނީއެވެ.
ހެމްޕްޓަންސްއާ ދިމާއަށް ރޭލު ދަތުރު ފެށުމާއެކު އޭނާ ލަވަކިޔަން ފަށައިފިއެވެ.
އެއީ ޓޮނީގެ އަޑެވެ.
(ނިމުނީ)
Au vaahaka genesdheyn oiy dhuvas....inthizaaru eba kuran
ވ. ޢިބްރަތްތެރި ވ. ރީތި ވަހަކައެއްވ. ފުރިހަމަ
Varah furihama tharjamaaeh konme dhey nehge meehakah vias elet Aa tonee Aa ulheyne tharjamaa kurmah 100/????????
ނިމިގެން މިދިޔައީ އަހަރެމެންގެ މުޖުތަމައުގައި ވެސް މިހާރު އާއްމުވެފައިވާ ބަލިމަޑުކަމަކާއި ގުޅޭ އިބުރަތްތެރި ވާހަކައެއް.އެކަމުގެ ޝިކާރައަކަށްވާ ބައެއް ކުދިންނަށް ތަހަންމަލު ކުރަންޖެހިދާނެ ނަފްސާނީ މައްސަލަތަކުގެ މިސާލެއް.ދުއާއަކީ މިފަދަ ނުބައި ކަންކަން އަޅުގަނޑުމެންގެ ތެރެއިން ނެތިދިއުން.
ހިތް ބުނަނީ، އައު ވާހަކަ، "ފަޅި މޫނު" މިއީ އާފަތިސް ސްޓައިލުގެ ވާހަކައެއް ކަމަށް .?