އިންތިޤާލީ އިންސާފުގެ ބިލުގައިވާ މާއްދަތާމެދު ގިނަ ޚިޔާލުތަކެއް ލިބިފައިވާކަމަށް އެބިލް ދިރާސާ ކުރަމުންދާ ޖޮއިންޓް ސަބް ކޮމެޓީން ވިދާޅުވެއްޖެއެވެ. އެ ބިލް ދިރާސާ ކުރަމުންދަނީ ޖުޑިޝަރީ ކޮމެޓީ އާއި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީ އެއްކޮށްލައިގެން އުފެދިފައިވާ ޖޮއިންޓް ކޮމެޓީގެ ސަބްކޮމެޓީންނެވެ.
މިއަދުގެ ބޭއްވި ސަބް ކޮމެޓީގެ ބައްދަލުވުމުގައި ނިންމައިފައިވަނީ އިންތިޤާލީ އިންސާފުގެ ބިލުގައިވާ މުއްދަތާމެދު ގިނަ ޚިޔާލުތަކެއް ލިބިފައިވާތީ، އިތުރަށް އަދިވެސް ޚިޔާލު ހޯދުމަށްފަހު އެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށެވެ. ސަބް ކޮމެޓީގެ މުޤައްރަރު ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަތީފް ވިދާޅުވީ ބިލްގައިވާ މުއްދަތާ ދޭތެރޭގައި ލިބިފައިވާ ޚިޔާލުފުޅުތަކުގެ ތެރޭގައި އާއްމު ފަރުދުންގެ ގެ ފަސް ޚިޔާލަކާއި ދެ މުއައްސާސާއެއްގެ ޚިޔާލު ހިމެނޭކަމަށެވެ. ނަމަވެސް އެއީ ކޮން މުއައްސަސާތަކަކުން ލިބުނު ޚިޔާލުތަކެއް ކަމެއް ހަމައެއް ނުކުރައްވައެވެ. އަދި ލިބިފައިވާ ޚިޔާލުތަކުގައިވަނީ ކޮން މުއްދަތުތަކެއް ކަމެއް ވެސް ހާމައެއް ނުކުރައްވައެވެ.
ބިލްގައި ކަނޑައަޅައިފައިވާ މުއްދަތަކީ ޖެނުއަރީ 2012 އިން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތަކީ އެމްޑީޕީ ވެރިކަން ނިމުމަކާ ހިސާބަށް އައިސް މިހާރު ހިނގަމުންދާ އެމްޑީޕީ ކޯލިޝަން ސަރުކާރު ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ. ބިލްގައި ވަނީ އެމުއްދަތުގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށެވެ.
ސަބް ކޮމެޓީން މިއަދު ނިންމީ ބިލަށް އަދިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށެވެ. އެގޮތުން ޕަބްލިކް ފޯރަމް ބޭއްވޭ ދުވަހަކާ ހަމައަށް ރައްޔިތުންގެ ޚިޔާލަށް ހުޅުވާލުމަށް ނިންމެވިއެވެ. ނަމަވެސް ޕަބްލިކް ފޯރަމެއް ބޭއްވޭނީ އަންނަ މަހުގައިކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ.
އިންތިޤާލީ އިންސާފުގެ ބިލް ދިރާސާ ކުރުމަށް ބައްދަލުވެއް ބާއްވާފައިވަނީ މަޖިލީސް ޗުއްޓީގައި އޮއްވައެވެ. މިއަދު ގެ ބައްދަލުމުގައި ބައިވެރިވެ ވަޑައިގެންނެވީ ވެސް އެކޮމެޓީގެ ކޯރަމް ކަމުގައިވާ ހަތަރު މެމްބަރުންނެވެ. މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ސަބްކޮމެޓީގެ މުޤައްރިރު ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަޞަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީއާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދާއި ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް ޢަލީއެވެ.