(13 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޑެނިސްއާ އަޅުގަނޑާ ދެ މީހުން މަސައްކަތްކުރީ އެއް ކުންފުންޏެއްގައި- އަޅުގަނޑުމެން ދެ މީހުންނަކީ ދެ ރައްޓެހިންނެއް ނޫން-"
"ފުލުހުންގެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ޑެނިސްގެ ގެއިން އޭޝްލީގެ އިނގިލީގެ ނިޝާން ފެނުނު-"
"އެއީ ރަނގަޅު ވާހަކައެއް- އަޅުގަނޑު އެ ތަނަށް ދިޔައިން- އެއީ އޭނާ ކޮންމެވެސް ކަމަކާ އަޅުގަނޑާ މަޝްވަރާކުރަން ބޭނުން ވާހަކަ ބުނީމާ-"
"ދެންވީ ކިހިނެއް-؟"
"އަޅުގަނޑުމެން އިރުކޮޅެއް ވާންދެން ވާހަކަދައްކަން ތިބީ- ވާހަކައިގެ ތެރޭގައި އޭނާ ކޮންމެވެސް ކަހަލަ ބޭހެއް އަޅައިފައި އަޅުގަނޑަށް ވައިންތަށްޓެއް ދިން-"
"ދެން ހަނދާންހުރީ ކޮންކަމެއް-؟"
"އަޅު... އަޅުގަނޑަށް ހޭލެވުނުއިރު އޮވެވުނީ ޗިކާގޯގައި-"
އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ.
މިހާރު ވާހަކަދައްކަނީ ޓޮނީއެވެ. "އެ ދުވަހު ކަންތައް ހިނގިގޮތް އޮޅުންފިލުވަން ބޭނުންތަ-؟"
"އާނ- ޓޮނީ- އަވަހަށް ކިޔައިދީ-"
ޑެނިސް ޓިބްލް ވައިންފުޅިއެއް ނަގައިފައި ބުނެލިއެވެ. "ހަމަޖެހިލަމާ ހިނގާ-" އޭނާ ނިދާކޮޓަރިއާ ދިމާއަށް އޭޝްލީ ގެންދަން ފަށައިފިއެވެ.
"ޑެނިސް- އަހަރެން ބޭ..."
ނިދާކޮޓަރިއަށް ވަދެވުމާއެކު ޑެނިސް ގަމީސް ބާލަން ފަށައިފިއެވެ.
"އޭޝްލީ- ކަލޭ ބޭނުންވެގެން އުޅޭ ކަމެއް އަހަންނަށް އެނގޭ- މި ގެއަށް ތިޔަ އައީ އެ ކަން ބޭނުންވާތީއެއްނުން-؟"
އޭޝްލީ ސަލާމަތްވާން މަސައްކަތްކުރަނީއެވެ. "ޑެނިސް- ދޫކޮށްލާ-"
"ދޫކޮށްލާނީ ކަލޭ ބޭނުންވެގެން އައި ކަންތައް ކޮށްދީފައި-"
އޭނާ އޭޝްލީ އެނދުމައްޗަށް ވައްޓައިލިއެވެ. އަދި އޭނާގެ ހަށިގަނޑުގައި އަތްހިންގަން ފަށައިފިއެވެ. އޭނާއަށް އިވެނީ ބައްޕަގެ އަޑެވެ. "ވަރަށް މަޖާވާނެ-" އޭނާ ހަޅޭއްލަވަނީއެވެ. އެކަމަކު އެއްވެސް މީހަކަށް އެ އަޑެއް ނީވެއެވެ. "ބައްޕާ- އެހެން ނުހައްދަވާ- ހުއްޓަވައިލައްވާ- އަޅުގަނޑު ދޫކޮށްލައްވާ-" އެ ހިސާބުން އެއްކަލަ ރުޅިގަނޑު އޭނާގެ މައްޗަށް ގަދަވެގެންފިއެވެ. އޭނާ ވަށައިގެން ހޯދައި ބަލައިލިއެވެ. ފެނުނީ ކައިރީގައި ހުރި މޭޒުމަތީގައި ހުރި ވައިންފުޅިއެވެ. އޭނާ އެ ފުޅި ނަގައިފައި މޭޒުގެ ދާރައިގައި ޖެހިޖެހީނުން ފުޅި ތަޅައިލައިފިއެވެ. އެއަށްފަހު އަތުގައި އޮތް ފުޅިބުރި ޑެނިސްގެ ބުރަކަށްޓައް ޖަހައިފިއެވެ. ޑެނިސް ހަޅޭއްލަވައިގެންފައި ތެދުވަން އުޅުނެވެ. އެކަމަކު އޭޝްލީ ދުލެއްނުކުރިއެވެ. ފުޅިބުރި ދަމައިގެންފައި އަނެއްކާ ވެސް ޖެހީއެވެ. ޑެނިސް އިރުކޮޅަކު ތެޅިފައި ހިމޭންވެއްޖެއެވެ. އަބަދަށްޓަކައެވެ.
"މީގެ ފަހުން ކަލެއަކަށް ދުވަހަކު ވެސް އެއްވެސް މީހަކަށް މިއަދު ކަލޭ އަހަންނަށް ޖެއްސި ޙާލެއް ނުޖެއްސޭނެ-" އޭޝްލީ ހަޅޭއްލަވައިގަތެވެ. އޭނާގެ ފުޅިބުރި މިހާރު އަމާޒުވެފައި ހުރީ ވެއްޓިފައި އޮތް ޑެނިސްގެ ފޫޅުން ތިރިއަށެވެ.
ޑޮކްޓަރ ކެލަރ އިރުކޮޅަކު ހިމޭނުން ހުރެފައި އަހައިލިއެވެ. "ޓޮނީ- އޭގެ ފަހުން ހެދީ ކިހިނެއް-؟"
"ފުލުހުން އައުމުގެ ކުރިން އެ ތަނުން ފިލައި ރައްކާވީ- އަހަރެން އޭރު ހުރީ ވަރަށް އުފަލުން- އަހަރެން ބޭނުންވީ އޭޝްލީގެ ފޫހި ދިރިއުޅުމާ ދުރަށް ދާން- ޗިކާގޯގައި އަހަރެންގެ ރައްޓެއްސަކު ހުރޭ- އެހެންވީމާ އަހަރެން ނިންމީ އެ ތަނަށް ދާން- އަހަރެން ދިޔައިރަކު އޭނާއެއް ގެޔަކު ނޫޅޭ- އެހެންވީމާ އަހަރެން އިރުކޮޅަކު ބާޒާރުމަތީގައި އެނބުރިލައި، ތަންތަނަށް ގޮސް ކުޑަކޮށް މަޖާކޮށްލީ-"
"އޭގެފަހުން ހެދީ ކިހިނެއް-؟"
"އަހަރެން ހޮޓަލަކުން ކޮޓަރިއެއް ހިފައިގެން އަރައި އޮށޯވެ ނިދީ-" ޓޮނީ ބުންޏެވެ. "އެ ހިސާބުން ފެށިގެން އޭޝްލީގެ ކުޅިވަރު ފެށުނީ-"
އޭނާއަށް ހޭލެވުނީ ވަރަށް ލަސްލަހުންނެވެ. ހޭލެވެމުން ދިޔައިރު ވެސް ކޮންމެވެސް ނުބައެއް ހިނގައިފިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އޭނާއަށް ބާރުގަދަ އަމަލުވާ އެއްޗެއް ދީފައި ހުރިކަން އެނގުނެވެ. ލޯހުޅުވައިލެވުނީ ވެސް ލައްކަ މަސައްކަތުންނެވެ. އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާ އޮތީ ހޮޓަލެއްގެ ކޮޓަރިއެއްގައި ހުރި އެނދެއްގައެވެ. މުޅިން ބަރަހަނާ ޙާލުގައެވެ. އޭނާ މަޑުމަޑުން ތެދުވެ އިށީނދެއްޖެއެވެ. އޭރު ބޮލުގައި ވަރަށް ބޮޑަށް ރިއްސައެވެ. އޭނާ އޮތީ ކޮން ހޮޓަލެއްގައި ކަމެއް، އެ ހޮޓަލަކަށް އާދެވުނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.
އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. މާގަނޑުދަށުގައި ހުރެގެން ހޫނުފެން ގަޔަށް އޮއްސަމުން ދަނީއެވެ. ހަށިގަނޑުގައި ހުރި ހުރިހާ މިލައެއް މުޅިން ފިލުވައިލަން މަސައްކަތްކުރަނީއެވެ. އޭނާގެ ހަށިގަނޑަށް މެދުވެރިވީ ޙާލަތު ވެސް ދޮވެވޭތޯ ގަދައަޅަނީއެވެ. ބަލިވެއިނދެއްޖެއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟ ޓިބްލްގެ ދަރިއަކަށް ބަލިވެއިނުމުގެ ޚިޔާލުކުރެވުމުން ހޮޑުނުލެވުނީ ކިރިޔާއެވެ. އޭނާ ފާޚާނާއިން ނުކުމެ ގައިހިއްކައިލިއެވެ. ކޮޓަރީގައި ހުރި އަލަމާރި ހުޅުވައި ބަލައިލިއެވެ. އޭނާގެ ހެދުމެއް ނެތެވެ. އަލަމާރީގައި އޮތީ ކަޅުކުލައިގެ މިނީ ސްކަރޓަކާއި، ގަޔަށް ބާރު ޓޮޕަކާއި، ފުންނާބު އުސް ފައިވާނެކެވެ. އެއީ އޭނާ އަޅަން ބޭނުންވާ ހެދުމެއް ނޫނެވެ. އެކަމަކު ކުރާނޭ ކަމެއް ނެތެވެ. ހެދުންއަޅައި ނިމިގެން ލޯގަނޑުން ބަލައިލިއެވެ. ހީވަނީ ކަސްބީއަންހެނެއް ހެންނެވެ.
"ކިހިނެއްވީ-؟"
"ބައްޕާ- އަޅުގަނޑު މިހިރީ ޗިކާގޯގައި- މި ތަ..."
"ޗިކާގޯގައި ކީއްކުރަނީ-؟"
"މިހާރަކު އަޅުގަނޑަކަށް ހުރިހައި ވާހަކައެއް ނަމެއްނުގަނެވޭނެ- ސެން ހޯޒޭއަށް ދާން މަތިންދާބޯޓު ޓިކެޓެއް އަޅުގަނޑު ބޭނުން- އަޅުގަނޑުގެ އަތަކު ފައިސާއެއް ނެތް-"
"މަޑުކޮށްލާ- ބައްޕަގެ އަޑު ދެން އިވުނީ ދެތިން މިނިޓެއް ފަހުންނެވެ. އޯހާރޭއިން މިއަދު ދިހަގަޑި ސާޅީހުގައި އެމެރިކަން އެއަރލައިންގެ ބޯޓެއް ފުރާނެ- ފްލައިޓް ނަންބަރަކީ 407- ޗެކް-އިން ކައުންޓަރުގައި ޓިކެޓެއް އޮންނާނެ- އަހަރެން ސެން ހޯޒޭ އެއަރޕޯޓަށް ދާނަން- އެ ތަނުން..."
"އެލެޓް- ކަލެއަށް އަހަރެންގެ އަޑުއިވޭތަ-؟"
"އާނ- އިވޭ-"
"އަހަރެން ބޭނުންވަނީ ރިޗަރޑް މެލްޓަންގެ ވާހަކަދައްކަން- އޭނާއަކީ ކަލޭގެ ރައްޓެއްސެއްނުން-؟"
"އާނ- އެއީ އަހަރެންގެ ރައްޓެއްސެއް- އެއީ ވަރަށް ރަނގަޅު މީހެއް- އަހަރެން އޭނާދެކެ ލޯބިވީ-"
"އޭނާވެސް ކަލޭދެކެ ލޯބިވިތަ-؟"
"އާނ- އަހަންނަށް ހީވަނީ އޭނާވެސް ލޯބިވީހެން- އޭނާއަކީ ކުރެހުންތެރިއެއް- އަހަރެމެން ދެ މީހުން ވަރަށް ގިނައިން ދާރުލްއާޘާރުތަކަށް ގޮސް މޮޅުކުރެހުންތައް ބަލައިހަދަން- ރިޗަރޑާ އެކީ އުޅޭއިރު އަހަންނަށް ދިރިހުރިކަމުގެ އިޙްސާސްކުރެވޭ- މީހަކު އޭނާ މަރައިނުލިނަމަ މިއަދު އަހަރެމެން ތިބީހީ ކާވެނިކޮށްގެން-"
"ކަލޭމެން ދެ މީހުން އެންމެ ފަހުން އެކީގައި ހޭދަކުރި ވަގުތުކޮޅުގެ ވާހަކަ ކިޔައިދީބަލަ-"
އަހަރެމެން ދެ މީހުން ދިޔައީ ދާރުލްއާޘާރަކަށް- ކުރެހުންތައް ބަލަމުން ގޮސް ރިޗަރޑް ބުނި..."
"އަހަރެންގެ ކޮޓަރީގައި އުޅޭ މީހާ މި ރެއަކު ނޫޅޭނެ- އޭނާ މިރޭ ޕާޓީއަކަށް ދާނެ- ހިނގާ އަހަރެންގެ ކޮޓަރިއަށް ދާން- އަހަރެން ދައްކައިލަންވެފައި ހުރި ކުރެހުންތަކެއް ހުންނާނެ-"
"ރިޗަރޑް- އަދި ނުވޭ-"
"އެންމެ ރަނގަޅު- މިއަންނަ ހަފްތާ ބަންދުގައި ދާނީ-"
"އާނ-"
"ދެން އަހަރެން ދިޔައީ-" އެލެޓް ބުންޏެވެ. "އަހަންނަށް އޭނާ ފެނުނު އެންމެފަހު ފަހަރަކީ..."
ޑޮކްޓަރ ކެލަރ ބަލަން ހުއްޓާ އޭނާގެ މޫނުމަތިން ޓޮނީގެ އަސަރު ފެންނާން ފަށައިފިއެވެ.
"އެއީ އޭނާ ހީކުރަން ބޭނުންވާ ގޮތް-" ޓޮނީ ބުންޏެވެ. "އެކަމަކު ކަންތައް ހިނގީ އެހެންނެއް ނޫން-"
"ކަންތައް ހިނގީ ކިހިނެއް-؟" ޑޮކްޓަރ ކެލަރ އަހައިލިއެވެ.
އޭނާ ފެލް ސްޓްރީޓްގައި ހުންނަ ރިޗަރޑްގެ އެޕާރޓްމަންޓަށް ހިނގައްޖެއެވެ. އެއީ ވަރަށް ކުޑަކުޑަ ތަނެކެވެ. އެކަމަކު ރިޗަރޑްގެ ކުރެހުންތަކުން މުޅި ތަން ވަނީ ޒީނަތްތެރިވެފައެވެ.
"މި ކުރެހުންތަކުން މުޅި ކޮޓަރި މި އޮތީ އުޖާލާވެފައި-" އޭނާ ބުނެލިއެވެ.
"ޝުކުރިއްޔާ-" ރިޗަރޑް ބުނެލިއެވެ. "އެލެޓް ވަރަށް ރީތި- އަހަރެން ބޭނުންވަނީ..."
"ވަރަށް ރީތި..." އޭނާއަށް އިވެނީ ބައްޕަގެ އަޑެވެ. އޭނާގެ ބަސް ހުއްޓިއްޖެއެވެ. ގަނޑުވެއްޖެއެވެ. އޭގެ ފަހުން ކަންތައް ވެގެންދާނޭ ގޮތް އޭނާއަށް އެނގެއެވެ. އޭނާ އޮތީ އެނދުގައެވެ. މުޅި ހަށިގަނޑުގައި ވޭންއަޅަމުން ދަނީއެވެ. އެއީ އޭނާއަކަށް އާވޭނެއް ނޫނެވެ. ތަޖުރިބާކުރެވިފައިވާ ވޭނެކެވެ.
ދެވަނަ މިނިޓްގެ ތެރޭގައި އޭނާގެ ކަރުތެރެއިން ވޭނީ ހަޅޭކެއްގެ އަޑު ނުކުމެގެން ދިޔައެވެ. "ބައްޕާ- ހުއްޓަވައިލައްވާ- ދޫކޮށްލައްވާ-" އޭގެ ފަހުން ވެރިވެގެން ދިޔައީ އެއްކަލަ ރުޅިގަނޑެވެ. އިންތިހާ ދަރަޖައިގެ ވަރުގަދަ ރުޅިގަނޑެކެވެ. އޭނާގެ އަތަށް ވަޅިއެއް އެރީ ކިހިނެއް ކަމެއް މިހާރަކު ހަނދާނެއްނެތެވެ. އެކަމަކު ވަޅިން ތެޅިތެޅީނުން ރިޗަރޑްގެ ދުވަސް ދުއްވައިލެވުނު ހަނދާންވެއެވެ. އޭރު އޭނާ ލަވަމުންދިޔަ ހަޅޭއް ވެސް ހަނދާން އެބަހުއްޓެވެ. "ހުއްޓާލާށޭ ކިތައް ފަހަރު ބުނިން..."
އޭޝްލީ ތުރުތުރުއަޅަނީއެވެ. ބާރަށް ހަޅޭއްލަވަނީއެވެ.
"އޭޝްލީ- މިހާރު ނިމިއްޖެ- ހާސްނުވޭ-" ޑޮކްޓަރ ކެލަރ ބުންޏެވެ. "މިހާރަކު އެއްވެސް ނުރައްކަލެއް ނެތް- މިހާރު ތިޔަ އިނީ ހޭލެވުމުގެ މަގުމަތީގައި- އަހަރެން ފަހަކާ ހަމަޔަށް ގުނަންވާއިރަށް ހޭލެވޭނެ-"
އޭޝްލީއަށް ހޭލެވުނުއިރު މުޅި މީހާ ތުރުތުރުއަޅަނީއެވެ. "ހުރިހައި ކަމެއް ދިޔައީ ރަނގަޅަށްތޯ-؟"
"ޓޮނީ މިއަދު އަހަންނަށް ރިޗަރޑް މެލްޓަންގެ ވާހަކަ ކިޔައިދިނީ- އޭނާ އޭޝްލީގެ ގަޔަށްއެރީ- އޭޝްލީ ހީކުރީ އެއީ ބައްޕަ ކަމަށް- އެހެންވީމާ..."
އޭޝްލީ ދެ ކަންފަތުގައި އަތްއެޅިއެވެ. "ތިޔަ ވާހަކަ އަޑުއަހާކަށް އަޅުގަނޑެއް ބޭނުމެއް ނޫން-"
* * *
ޑޮކްޓަރ ކެލަރ އޮޓޯ ލުވިސަންއާ ބައްދަލުކުރިއެވެ.
"އަހަންނަށް ހީވަނީ މިހާރު އަހަރެމެން މި ތިބީ ނަތީޖާއަކާ ހަމައަށް ދިއުމާ ވަރަށް ގާތުގައި- މިއީ އޭޝްލީއަކަށް ފަސޭހަ ފަރުވާއެއް ނޫން- ވަރަށް ވޭންދެނިވި ފަރުވާއެއް- އެކަމަކު ވަރަށް އަވަހަށް ނިމިދާނެ- އަދި ދެ މީހުން ބާކީ އެބަ އޮތް- އެ ދެ މީހުން މަރައިލި ގޮތް އެނގުނީމާ ނިމުނީ-"
"އޭގެ ފަހުން ހަދާނީ ކިހިނެއް-؟"
"އޭގެ ފަހުން އޭޝްލީއާ، ޓޮނީއާ އެލެޓާ ތިން މީހުން އެއްތަނަކަށް ގެންނާނީ-"
ހަތާވީސްވަނަ ބާބު
"ޓޮނީ- އަހަރެންގެ އަޑުއިވޭތަ-؟" ޑޮކްޓަރ ކެލަރ ބަލަން ހުއްޓައި އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ.
"އާނ- އަހަރެން ބީރެއް ނޫން- އަޑުއިވޭ-"
"އަހަރެން ބޭނުންވަނީ ޖީން ކްލައުޑީ ޕޭރެންޓާ ބެހޭ ގޮތުން ވާހަކަދައްކަން-"
"އޭނާގެ ރީތި ދަޅައަކީ ހަމައެކަނި ކުލަވަރެއްކަން އަހަންނަށް ކުރިންވެސް އެނގެން ޖެހޭނެ-"
"ތިޔަ ބުނި އެއްޗެއް ނޭނގުނު-"
"ފުރަތަމަ އޭނާ އުޅުނީ ވަރަށް ރަނގަޅު މީހަކަށް ހެދިގެން- ކޮންމެ ދުވަހަކު އަހަރެން ގޮވައިގެން ބޭރަށްދޭ- އަހަރެން އުފާވާ ކަހަލަ ކަމެއް އޮތިއްޔާ އެ ކަމެއް ކޮށްދޭނެ- އަހަރެން ހީކުރީ އޭނާއަކީ އެހެން މީހުންނާ ތަފާތު މީހެއް ކަމަށް- އެކަމަކު އެހެންނެއް ނުވި- އޭނާވެސް ބޭނުންވީ އޭނާގެ ވަހުޝީ އެދުން ފުއްދަން- އެހެން މީހުންނެކޭ އޭނާއެކޭ އެއްވެސް ތަފާތެއް ނެތް-"
"އެހެންތަ-؟"
"އޭނާ އަހަންނަށް ވަރަށް ރީތި އަނގޮޓިއެއް ދިން- އެ ހިސާބުން އޭނާއަށް ހީވީ އަހަރެން މިލްކުކުރެވުނީ ކަމަށް- އަހަރެން އޭނާޔާއެކީ އޭނާގެ ގެއަށް ދިޔައިން-"
އެ ގެއަކީ ވަރަށް ރީތި ގެއެކެވެ. ރަތްގަލުން ރާނާފައި ހުރި ދެބުރި ގެއެކެވެ.
"ވަރަށް ރީތި-"
"މަތީގައި... ނިދާކޮޓަރީގައި އަހަރެން ދައްކައިލަން ބޭނުން އެއްޗެއް ހުންނާނެ-" ޖީން އޭނާ ގޮވައިގެން މައްޗަށް އަރަން ހިނގައިގެންފިއެވެ. އޭނާއަކަށް ދެކޮޅެއް ނުހެދުނެވެ. ނިދާކޮޓަރިއަށް ވަނުމާއެކު ޖީން އޭނާގެ ގައިގައި ބައްދައިގެންފިއެވެ. އަދި ވައިއަޑުން ބުނެލިއެވެ. "އަވަހަށް ތައްޔާރުވޭ..."
"އަހަރެން ބޭނުމެއް ނޫ..."
"ބޭނުން- އަހަރެމެން ދެ މީހުންވެސް ބޭނުން-"
އޭގެ ކުޑައިރުކޮޅެއް ފަހެވެ. އޭނާ އޮތީ އެނދުގައެވެ. "ޖީން އޮތީ..."
އޭނާ ހަޅޭއްލަވަނީއެވެ. "ބައްޕާ- ދޫކޮށްލައްވާ- ދޫކޮށްލައްވާ-"
އެކަމަކު ޖީން ދޫކޮށެއްނުލިއެވެ. ހުއްޓާލީ މާލަހުންނެވެ. އޭނާގެ ރުޅިގަނޑު އިންތިހާއަށް އެރި ފަހުންނެވެ. އޭނާގެ އަތުގައި އޮތީ ސިޓީއުރަ ކަނޑާ އެއްޗެކެވެ. ވިދުވަރެއްހައި ހަލުވިކަމާއެކު އޭނާގެ އަތް ޙަރަކާތްކުރިއެވެ. ސިޓީއުރަ ކަނޑާއެތި ޖީންގެ މެޔަށް ހަރައިލިއެވެ. އެއްފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. ޖީންގެ ޙަރަކާތް ހުއްޓެންދެނެވެ.
"މީގެ ފަހަކުން ކަލެއަކަށް މި ކަހަލަ ކަމެއް ނުކުރެވޭނެ-" މިހާރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މެޔާ ދިމާއަކަށް ނޫނެވެ.
ހުރިހައި ކަމެއް ނިމިގެން އޭނާ ރަނގަޅަށް ފެންވަރައިލިއެވެ. އަދި ހެދުންއަޅައިގެން ހަމަޖެހިލައިގެން އެ ގެއިން ނުކުމެގެން އޭނާ ހުންނަ ހޮޓަލަށް އަތުވެއްޖެއެވެ.
"އޭޝްލީ..." އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. "ހޭލާ..."
އޭޝްލީއަށް މަޑުމަޑުން ގޮސް ހޭލެވިއްޖެއެވެ. އޭނާ ޑޮކްޓަރ ކެލަރއާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. "އަނެއްކާ ވެސް ޓޮނީތޯ-؟"
"އާނ- އޭނާޔާ ޖީން ކްލައުޑީއާ ބައްދަލުވީ އިންޓަރނެޓުން- އޭޝްލީ- ކެބެކަށް ދިޔައީމެއްނުން-؟ އެއްވެސް ދުވަސްވަރެއްގައި ނޭނގި ވަގުތުތަކެއް ފާއިތުވެގެން ހިނގައްޖެއޭ ހީވިތަ-؟ މިސާލަކަށް ވީއެއްނުވީއެއް ނޭނގި އެތައް ގަޑިއިރެއް ނޫނީ އެތައް ދުވަހެއް ފާއިތުވެގެން ދިޔަކަމުގެ އިހްސާސެއް ދުވަހަކު ވެސް ކުރެވުނުތަ-؟"
އޭނާ ބޯޖަހައިލިއެވެ. "ވަރަށް ގިނައިން އެހެން ހީކުރެވޭ-"
"ޓޮނީގެ ބާރުގަދަކޮށްލާ ވަގުތަކީ އެއީ-"
"އޭނާ އެ މީހުން މަ..."
"އާނ-"
ފާހަގަކުރެވޭ ކަހަލަ ކަމެއް ނުހިނގާ ދެތިން މަސް ފާއިތުވެގެން ހިނގައްޖެއެވެ. މެންދުރު ފަހު ޑޮކްޓަރ ކެލަރ ދަނީ ޓޮނީ ޕިއާނާ ކުޅޭ އަޑުއަހާށެވެ. އޭގެ ފަހުން އެލެޓްގެ ކުރެހުން ބަލަން ވެސް ދެއެވެ. މަރުވި މީހުންގެ ތެރެއިން އަދި އެކެއްގެ ވާހަކަ އޮތީ އޮޅުންނުފިލައެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ އޭޝްލީ ހަމަޖެހިލަން ވަގުތު ދީފައި އެ ކަންތަކާ އުޅޭށެވެ.
އޭޝްލީ އެ ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާރު ފަސް އަހަރު ވެއްޖެއެވެ. މިހާރު މުޅިން ރަނގަޅުވަނީއެވެ. ޑޮކްޓަރ ކެލަރގެ ހިތަށްއެރިއެވެ.
ހޯމަދުވަހެއްގެ ހެނދުނު އޭޝްލީ ބަލައިފޮނުވައިގެން އޭނާގެ އޮފީހަށް ގެނުވައިފިއެވެ. އޭޝްލީގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް މިލައިފައެވެ. ކުރިމަތިލާންޖެހޭ ކަންތައްތައް އޭނާއަށް އެނގެނީ ކަހަލައެވެ.
"އޭޝްލީ- ކިހިނެއް-؟"
"ރަނގަޅު- އެކަމަކު ކުޑަކޮށް ހާސްވޭ- މިއީ އެންމެފަހު ފަހަރުތޯ-؟"
"އާނ- މިއަދު އަހަރެން ވާހަކަދައްކައިލަން ބޭނުމީ ޑެޕިއުޓީ ސޭމް ބްލޭކާ ބެހޭ ގޮތުން- އޭނާ އޭޝްލީގެ އެޕާރޓްމަންޓަށް ދިޔައީ ކީއްކުރަން-؟"
"އެއީ އަޅުގަނޑުގެ އެދުމަކަށް- ކޮންމެވެސް މީހަކު އަޅުގަނޑުގެ ފާޚާނާގެ މޫނުބަލާލޯގަނޑުގައި ކަލޭ މަރުވާނެއޭ ލިޔެފައި އޮތީ- އަޅުގަނޑަކަށް ހަދާނޭ ގޮތެއް ނޭނގުނު- އަޅުގަނޑަށް ހީކުރެވުނީ ކޮންމެވެސް މީހަކު އަޅުގަނޑު މަރައިލަން އުޅެނީއޭ- އެހެންވީމާ އަވަހަށް ފުލުސް އޮފީހާ ގުޅީ- އެ ތަނުން އައީ ޑެޕިއުޓީ ބްލޭކް- އެއީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެއް-"
"އެ ރޭ ނުގޮސް މަޑުކޮށްދޭށޭ އޭޝްލީ ބުނިންތަ-؟"
"ލައްބަ- އެކަނި އޮންނަން އަޅުގަނޑު ބިރުގަތީ- އޭނާ ބުނީ ސައުވީސް ގަޑިއިރު އަޅުގަނޑު ބެލެހެއްޓޭ ކަހަލަ ގޮތަކަށް ހެނދުނު ހަމަޖައްސައިދޭނަމޭ- އަޅުގަނޑު އުޅުނީ އަޅުގަނޑުގެ ކޮޓަރީގައި އޭނާ ބާއްވައިފައި އަޅުގަނޑު ބޭރުގައި ހުރި ސޯފާ ގޮނޑީގައި ނިދަން- އެކަމަކު އޭނާ ބުނީ ސޯފާގައި ނިދާނީ ތިމަންނައޭ- ހުރިހައި ކުޑަދޮރެއް ހުރީ ރަނގަޅަށް ތަންޑުއެޅުވިފައިތޯ އޭނާ ބެލި ހަނދާން އަޅުގަނޑު މިހާރުވެސް އެބަހުރި- އަދީ މައިދޮރުގެ ދެ ތަންޑު ވެސް އޭނާ ބެހެއްޓީ އަޅުވައިފައި- އޭނާގެ ފިސްތޯލަ ބާއްވައިފައި އޮތީ ސޯފާ ގޮނޑީގެ ކައިރީގައި ހުރި މޭޒުމަތީގައި- އަޅުގަނޑު އޭނާ ބޭރުގައި ބާއްވައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕީ-"
"އޭގެ ފަހުން ވީ ކިހިނެއް-؟"
"ދެން... ދެން އަޅުގަނދަށް ހޭލެވުނީ ބޭރުން މީހަކު ވަރަށް ބާރަށް ހަޅޭއްލަވާ އަޑުއިވިގެން- މާ ގިނައިރުތަކެއް ނުވެ ޝެރިފް އައިސް ބޭރުގައި ޑެޕިއުޓީ ބްލޭކް މަރައިލައިފައި އެބައޮތޭ ބުނީ-" އޭނާ ވާހަކަދެއްކުން ހުއްޓައިލައިފިއެވެ. މޫނު ހުރީ ހުދުވެފައެވެ.
"އެންމެ ރަނގަޅު- މިހާރު އަހަރެން މި އުޅެނީ އޭޝްލީ ނިންދަވަން- މުޅިން ހަމަޖެހިލާ... ލޯމަރައިލާ- މުޅިން ހަމަޖެހިލާ..."
ދިހަ ވަރަކަށް މިނިޓް ވީއިރު އޭޝްލީއަށް އޮތީ ނިދިފައެވެ.
"ޓޮނީ..."
"އަހަންނަށް އަޑުއިވޭ- ތިޔަ އުޅެނީ އެ ރޭ ކަންތައް ހިނގި ގޮތް އޮޅުންފިލުވާކަށްނުން-؟ ސޭމް ބްލޭކް ގާތު އެ ރޭ އެ ތާނގައި އޮންނާށޭ ބުނީ އޭޝްލީގެ މޮޔަކަމުން- އޭނާ ހަދާނޭ ގޮތް އަހަންނަށް ކުރިން އޭޝްލީ ގާތު ބުނެވުނުނަމަ..."
(ނުނިމޭ)
Vvv reethi miadhuge bayah inthizaaru kuranee