އިސްތަންބޫލުގައި ހުރި ސައޫދީ ކޮންސިއުލޭޓުގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ ރަހުމްކުޑަގޮތަކަށް މަރާލި މައްސަލައިގައި ސައޫދީ ކޯޓަކުން 5 މީހަަކަށް އިއްވި މަރުގެ ހުކުމް ޖަލު ހުކުމަށް ބަދަލުކޮށްފިއެވެ.
ސައޫދީ ޕަބްލިކް ޕްރޮސިކުއުޝަންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރިޔާޟުގައި ހުންނަ ކްރިމިނަލް ކޯޓުން މިއަދު ނީހާއީ ހުކުމް އިއްވާފައިވާއިރު، ކުރިން މަރުގެ ހުކުމް އިއްވަން ނިންމާފައިވާ ފަސް މީހުންގެ ހުކުމް ވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފައެވެ. ހުކުމް އިއްވި އަނެއް ތިން މީހުންެ ތެރެއިން 2 މީހަކު 7 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު، އެކަކު 10 އަހަރަށް ޖަަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފައެެވެ.
ކްރިމިނަލް ކޯޓުން އިއްވާ ފަހުގެ ހުކުމަކީ ތަންފީޒުކުރުން ލާޒިމު ހުކުމެކެވެ.
ޕަލްލިކް ޕްރޮސެކިއުޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޤަތުލުކުރެވިފައިވާ ފަރާތުގެ ވާރުތަވެރިން މަރަށް މަރު ހިފުމުގެ ހައްގުން ތަނާޒުލުވެފައިވާތީ، ޚާޝުޤްޖީގެ މައްސަލައިގައި އެ ހައްގު މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
ޖަމާލު ޚާޝުޤްޖީގެ ދަރިން ވަނީ ފާއިތުވި މޭ މަހުގެ ތެރޭގައި "މާތް ﷲގެ ވަޖުހުފުޅަށްޓަަކައި" އެ ބޭފުޅުންގެ ބައްޕަގެ ޤާތިލުންނަށް މާފުކޮށް ބަޔާނެއް ނެރެފައެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ބަޔާނަކީ ސައޫދީ ފިއްތުންތަކުގެ ސަބަބުން ނެރެފައިވާ ބަޔާނެކެވެ.
ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓު ތެރޭގައި އަނިޔާވެރި ގޮތަކަށް ޚާޝުޤްޖީ (59 އަހަރު) މަރާލެވުނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެވެ. 18 ދުވަސް ވަންދެން އެކަން ފޮރުވަން މަސައްކަތްކުރުމަށް ފަހު، އެ މަހުގެ 20 ވަނަ ދުވަހުން ސައޫދީ ސަރުކާރުން އެކަމަށް އެއްބަސްވިއެވެ. އެެހެންނަމަވެސް، އަދާއި ހަމައަށްވެސް ޚާޝުޤްޖީގެ ހަށިގަނޑަށް ވީގޮތެއް ވަނީ ކަށަރުކުރެވިފައި ނުވެއެވެ.
ފާއިތުވި އެޕްރީލް މަހު ވޮޝިންޓަން ޕޯސްޓް ނޫހުން ބުނެފައިވާ ގޮތުގައި، ސައޫދީ ސަރުކާރުން ވަނީ ޚާޝުޤްޖީގެ ދަރިންނަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދީފައެވެ. ސައޫދީ ބައެއް މަސްއުލުވެރިންނާ ހަވާާލާދީ އޭރު އެ ނޫހުން ބުނެފައިވާ ގޮތުގައި ސައުދީ ސަރުކާރުން ދަނީ ޚާޝުޤްޖީގެ ދަރިންކުރެ ކޮންމެ މީހަކަށް މަަހަކު 10 ހާސް ޑޮރަލަށްވުރެ ބޮޑު އެލަަވަންސެއް ދެމުންނެވެ.