މިއަދަކީ އަޅުގަނޑުމެން އާފަތިސް ނޫހުގެ އާއިލާއަށާއި ދިވެހި މީޑިއާއަށް ވެސް ފުން ހިތާމާއެއް ލިބިގެން ދިޔަ ދުވަހެކެވެ. އާފަތިސް ނޫހުގައި އެންމެ ގިނަ ދުވަހު ބޭރު ޚަބަރު ލިޔުއްވުމުގައި ދެގޮތެއް ނުވެ ދެމި ހުންނެވި މޮޅު ލިޔުންތެރިޔާ ހުސައިން މުޙައްމަދު އަވަހާރަވުމުން އަޅުގަނޑުމެން އާފަތިސް ނޫހުގެ އާއިލާއަށް ވަނީ އިންތިހާއަށް ފުން ހިތާމައެއް ލިބިފައެވެ. އާފަތިސް ނޫހުގެ އިތުރުން މަރްހޫމް ހުސައިން ވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
އާފާތިސް ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ ހުސައިންގެ ނޫސްވެރިކަން ފެއްޓެވީ އާފަތިސް ނޫހުންކަމަށެވެ. އެއީ ބޭރު ޚަބަރު ލިޔުއްވުމުގައެވެ. ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހި ރާއްޖެ އަޑުގައިވެސް މަސައްކަތްކުރެއްވީ އޭގެ ފަހުން ކަމަށް ޢައްބާސް ވިދާޅުވިއެވެ. ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރައްވަމުން ވެސް އާފަތިހަށް ލިޔުއްވުން ކުރިއަށް ގެންދެވިއެވެ. މަރްޙޫމް ހުސައިން ވަނީ 1980 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އާފަތިހުގެ ބޭރުގެ ޚަބަރުތަކާއި ރިޕޯޓުތައް ލިޔުއްވައިފައެވެ. ޚާއްސަ ގޮތެއްގައި ހުސައިން ފާހަގަ ކުރެވެނީ ބޭރު ޚަބަރުތަކާއި ރިޕޯޓުތައް ވަރަށް ދިރާސާ ކުރައްވައިގެން މީހުންނަށް ދޭހަވާގޮތަށް ވަރަށްސާފުކޮށް ފަސޭހަކަމާއެކު ލިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ރޭޑިއޯ އިން އަޑުއައްސަވައިގެން ބީބީސީ.ގެ ޚަބަރު އެންމެ އަވަހަށް ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގެ ރެކޯޑެއް ވެސް ލިބިވަޑައިގެންފައިވަނީ މަރްޙޫމް ހުސައިންނަށެވެ. ތިރީސް ސިކުންތުން ޚަބަރެއް ތަރުޖަމާކުރައްވާކަމަށް ވެއެއެވެ. އަދި"ބޭރުދުނިޔެއިން ކުޅިވަރު" ގެ ނަމުގައި އާފަތިސް ނޫހުގައި މަރްޙޫމް ހުސައިން، ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް މުޅިން އަލަށް ބޭރުގެ ކުޅިވަރު ޞަފްޙާއެއް ތައާރަފު ކުރައްވައިފައެވެ. މީނޫނަސް އާފަތިސް ކުރިއެރުވުމަށް އޭނާގެ ޚިޔާލުފުޅާއި މަޝްވަރާ އޭރު އިސްކޮށް އުޅުއްވި ބޭފުޅުންނަށް ވަނީ ދެއްވައިފައެވެ.
ޢައްބާސް ވިދާޅުވީ ޙުސައިންނަކީ ވަރަށް ސާފުކޮށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރައްވާ ބޭފުޅެއްކަމަށެވެ. އަދި މައްސަލަތަކުގައި ވަރަށް ހަރުދަނާ ޚިޔާލުފުޅުތަކެއް ދެއްވައިފައިވާ މެމްބަރެއް ކަމަށެވެ.
އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރ ފެއަރީ އަޙްމަދު ޒާހިރު ވިދާޅުވީ އޭނާ އާފަތިހަށް ބޭރު ޚަބަރު ލިޔުއްވަން ފެއްޓެވީ 1986 ގައި ކަމަށެވެ. އޭރުވެސް ހުސައިން އާފަތިހަށްލިޔުއްވާ ކަމަށެވެ. އޭރު ޚަބަރު ލިޔުއްވަން ޖެހެނީ ރޭޑިއޯއިން އަޑު އައްސަވައިގެން ކަމަށްވުމުން މީހުންގެ ނަންތައް ލިޔުއްވުމުގައި ރަނގަޅަށް ސާފު ނުވާފަހަރު ފަހަރު އެކަން ސާފުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަންނަވަނީ ހުސައިންގެ ފަރާތްޕުޅުންކަމަށެވެ. ފެއަރީ ޒާހިރު ވިދާޅުވި ގޮތުގައި ހުސައިންއަކީ އޭނާ މަސައްކަތުގައި ވަރަށް އެހީތެރިވެ ވަޑައިގަތް ބޭފުޅެކެވެ. މީޑިޔާގެ ދާއިރާގައި އޭނާ ހަރަކާތްތެރިވާން ފެށީއްސުރެން އާފަތިސް ނޫހުގެ އިތުރުން ޓީވީ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަށް ބޭރު ޚަބަރު ތަރުޖަމާކޮށްދީ ތަހުލީލު ޕްރޮގްރާމްތަކުގައި މަސައްކަތް ކުރެއްވި އިރުވެސް މަރުހޫމް ހުސައިންއަކީ މަސައްކަތުގެ ބައިވެރިއެކެވެ. ދުވާލުގަޑީ ރަސްމީ ވަޒީފާ އަށްފަހު ރޭގަނޑު ބޭރު ޚަބަރު ލިޔުއްވުމުގައި ވެސް ހުސައިންނާއި ފެއަރީ ޒާހިރު އާފަތިސް ނޫހުގައި މަސައްކަތް ކުރައްވަނީ އެކުގައި އެއްތަނެއްގައި ތިއްބަވައިގެން ކަން ފާހަގަ ކުރެއްވިއެވެ.
"ބޭރު ޚަބަރުގެ ދާއިރާގެ ގިނަ މައުލޫމާތުތަކެއް ހުސައިންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނެވެ. ހުސައިންއަކީ ވަރަށްވެސް ސާދާ ބޭފުޅެކެވެ. ކަމެއްގައި ދެކެވަޑައިގަންނަވާގޮތް ހާމަކުރެއްވުމަށް ފަސްޖެހިވަޑައި ނުގަންނަވައެވެ. ޒާތީ ގޮތްތައް ނުގެންގުޅުއްވާ ބޮޑާކަމެއް ނުހުންނަ ބޭފުޅެކެވެ. އަޅުގަނޑަށް ވަރަށް ކަމުދާ، އަދި ވަރަށް އިޙުތިރާމްކުރެވޭ ޝަޚުސިއްޔަތެކެވެ." އާފަތިސް ނޫހުގެ ކުރީގެ އެޑިޓަރ ފެއަރީ އަޙްމަދު ޒާހިރު ވިދާޅުވިއެވެ.
އާފަތިސް ނޫހުގައި އެކުގައި މަސައްކަތްޕުޅުކުރެއްވުމުގެ އިތުރުން ރަސްމީ ވަޒީފާއެއްގެ ގޮތުން ތަޢުލީމީ ދާއިރާގައިވެސް ފެއަރީ އަޙުމަދު ޒާހިރާއި ހުސައިން މަސައްކަތް ކުރެއްވީ އެކުގައެވެ.
"މިއަދު މިލިބުނު ހިތްދަތި ހިތާމަވެރި ޚަބަރާއެކު އަޅުގަނޑުގެ ހިތް ރޮއްވައިފިއެވެ. ޙުސައިން މުޙައްމަދަކީ އަޅުގަނޑަށް ވަރަށް ޚާއްސަ ބޭފުޅެކެވެ. އޭނާޔަކީ އަޅުގަނޑުގެ ހަޔާތުގައި ވަޒީފާގެ މާހައުލުން އެންމެ ގިނަދުވަސްތަކެއް އެބޭފުޅަކާ އެކު ހޭދަކުރި އެއްބޭފުޅެވެ." ފެއަރީ ޒާހިރު ވިދާޅުވިއެވެ.
އަޅުގަނޑު އާފަތިސް ނޫހަށް ލިޔަން ފެށި އިރުވެސް އެންމެ ދުވަސްވީ އެންމެ ތަޖްރިބާކާރު އެއް ލިޔުންތެރިއަކީ މަރުޙޫމް ޙުސައިން މުޙައްމަދެވެ. ޙުސައިން މުޙައްމަދާއި އެނޫންވެސް ބޭރު ޚަބަރު ލިޔުއްވާ ބެފުޅުން އަޅުގަނޑުމެންނާ ފުރަތަމަ ކޮޅު އެހާ ގިނައިން ދިމައެއް ނުވެއެވެ. ބޭރު ޚަބަރު ލިޔުއްވާ ބޭފުޅުން މަސައްކަތްކުރައްވާނީ އާއްމުގޮތެއްގައި ރޭގަނޑުކަމަށް ވެފައި އެބޭފުޅުން މަސައްކަތްކުރައްވަނީ މާފަންނުގައި ހުންނަ އާފަތިސް ނޫހުގެ މައި އިދާރާގައިކަމަށް ވާތީއެވެ.
އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގައި އޭރު ނުފަށާތީވެ ޚަބަރު ލިޔާނީ ރޮއިޓާސް އިން ފޮނުވާ ޚަބަރުތަކުންނެވެ. އެ އިންތިޒާމް ހަމަޖެހިފައިވަނީ މައި އިދާރާގައެވެ. އަޅުގަނޑު މަސައްކަތްކުރަނީ ނިއުސްރޫމްގައެވެ. ނިއުސްރޫމް ހުންނަނީ ހެންވޭރުގައެވެ. އެހެންކަމުން ފުރަތަމަ ކޮޅު ހުސައިންއާ ދިމާވަނީ ވަރަށް ވެސް މަދުންނެވެ. ނަމަވެސް ފަހުން އިންޓަނެޓް ޚިދުމަތް ލިބި އެއް އިމާރާތެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމުން ހުސައިންއާ ވަރަށް ގިނައިން ދިމާވެއެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނީ ހުސައިން އަކީ ވަކި މީހަކަށް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކާވެސް ގުޅޭ ވަރަށް އެކުވެރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ.
ހުސައިން މަޖިލީސް މެމްބަރަކަށް އުޅުއްވި ދުވަސް ވަރަކީ އަޅުގަނޑު ވެސް މަޖިލީސް ކަވަރުކުރަން މަޖިލީހުގެ އިދާރާގައި އުޅުނު، ނޫސްވެރިއަކަށްވުމުން އާފަތިހުން ދިމާނުވި ނަމަވެސް މަޖިލީހުގެ އިދާރާއިން ހުސައިންއާ ދިމާވެ ވާހަކަ ދެކެވި ގުޅުން ބަދަހި ކުރެވެއެވެ. މަރުޙޫމް ހުސައިންއަކީ ރިތިނަމޫނާއެއް އޭނާ މަސައްކަތް ކުރެއްވި ކޮންމެ ދާއިރާއަކުން ވެސް ދެއްކެވި އޭނާގެ ޒިކުރާ އާވެ އާލާވެ ހުންނާނެ ބޭފުޅެކެވެ.
ޙުސައިން މުޙައްމަދު ވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައިވެސް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އީޑީސީއާއި އެޑިއުކޫޝަން މިނިސްޓްރީގެ އިސް މަގާމުތައް އޭނާ ފުރުވިއެވެ. އޭގެ ތެރޭގައި މިނިސްޓަރުގެ ނާއިބުކަމުގެ މަގާމުވެސް ހިމެނެއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ދާއިރާއަކީވެސް ޙުސައިން މުޙައްމަދު ޚިދުމަތް ކުރެއްވި ދާއިރާއެކެވެ. އެ ދާއިރާ ދޫކޮށްލެއްވި އިރު ހުންނެވީ ޓީވީ މޯލްޑިވްސްގެ އެންމެ އިސް ވެރިޔާގެ މަގާމުގައެވެ. އެއީ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމެވެ.
ޙުސައިން މުޙައްމަދު ވަނީ 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގައި އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން ކުރައްވައިފައެވެ. އަދި 2009 އަހަރުން ފެށިގެން 2014 ވަނަ އަހަރަށް މަތިވެރި ދާއިރާގެ މެންބަރުކަންވެސް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށްޓަކައި އެކުލަވައިލެވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް ޙުސައިން ވަނީ މަސައްކަތް ކުރައްވައިފައެވެ.
މަރުޙޫމް ހުސައިން މުޙައްމަދުގެ ފުރާނަފުޅަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން