އިންޑިޔާގެ ކުރީގެ ރައީސު ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ

އިންޑިޔާގެ ކުރީގެ ރައީސު ޕްރަނާބް މުކަރްޖީ އުމުރުފުޅުން 84 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ސިކުނީގެ އޮޕަރޭޝަނަކަށް ފަހު ފަރުވާހޯއްދަވަމުން ގެންދަނިކޮށެވެ.

މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ނިއުދިއްލީގެ އާމީ ރިސާޗް އެންޑް ރިފަރަލް ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރެވުނީ ހޭފުޅު ނެތިގެން ވެއްޓިވަޑައިގަތުމާ ގުޅިގެންނެވެ. އަދި އެދުވަހު އޭނާގެ ސިކުނޑީގެ އެމަޖެންސީ އޮޕަރޭޝަނެއް ކުރުމަށް ފަހު އުފެދިފައިވާ ގަނޑު ލޭކޮޅެއް ވަނީ ނަގާފައެވެ.  އެޑްމިޓްކުރުމަށް ފަހު ޓެސްކުރި އިރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ސިކުނޑީގެ އޮޕަރޭޝަނަށް ފަހު އޭނާ އޮންނެވީ ކޯމާއެއްގައެވެ. މިއަދު އޭނާ އަވަހާރަވުމާ ގުުޅިގެން ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާ އަވަހާރަވީ ސިކުނޑީގައި އުފެދުނު ގަނޑު ލޭކޮޅު ނެގުމުގެ އޮޕަރޭޝަން ކާމިޔާބުވިނަމަވެސް، އޭނާގެ ފުއްޕާމޭގައި އިންފެކްޝަން އުފެދި ހާލުކޮޅު ގޯސްވެގެން ގޮސް ގުނަވަންތައް ފޭލްވުމުގެ ސަބަބުންނެވެ.

51 އަހަރުގެ ދިގު ސިޔާސީ ޚިދުމަތުގައި 2012 އިން 2017 އަށް އިންޑިޔާގެ ރައީސުކަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ މުހިއްމު ސިޔާސީ މަގާމުތަކެއް ފުރެއްވާފައެވެ. އޭގެތެރޭގައި ޑިފެންސް، ފޮރިން އަދި ފިނޭންސް މިނިސްޓަރުކަން ހިމެނެއެވެ. މީގެ އިތުރަށް އޭނާ ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ.

ޕްރަނާބް މުކަރްޖީއަކީ އިންޑިޔާގެ ސިޔާސީ މައިދާނުގައި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ސިޔާސީ ބޭފުޅަކަށް ވާއިރު، އޭނާއަކީ 2014 އަދި 23019 ގެ އިންތިޚާބުގައި މިހާރުގެ އިދިކޮޅު ކޮންގްރެސް ޕާޓީ އެންމެ ގަދަކޮށް އޮތް ދުވަސްވަރު އެޕާޓީގައި އިސް ދައުރެއް އަދާކުރައްވާފައެެވެ.

އޭނާ ވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރެއްވި އިންދިރާ ގާންދީއާއި، ޕީވީ ނަރަސީމްހާ ރާއޯއާއި މަންމޯހަން ސިންގްގެ ކެބިނެޓުގައި ތަފާތު މިނިސްޓްރީތަކުގެ މިނިސްޓަރުކަން ކުރައްވާފައެވެ.

އިންޑިޔާގައި ދެވޭ އެންމެ މަތީ އިއްޒަތް ބާރަތު ރަތުނާ ޕްރަނާބް މުކަރްޖީއަށް 2019 ވަނަ އަހަރު ވަނީ އެރުވިފައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވުމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓްވީޓެއްގައި އޭނާއަށް ތައުރީފުކުރައްވަަމުން ވިދާޅުފައިވަނީ އޭނާއަކީ ހުރިހާ ސިޔާސީ ފިކުރެއްގެ މެދުގައްޔާއި މުޖުތަމައުގެ ހުރިހާ ގިންތިއެއްގެ މެދުގައި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައެވެ.

މުކަރްޖީ އަވަހާރަވީ އިރު އޭނާގެ ދެ ދަރިކަލުން ދަރި ކަނބަލަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އޭނާ އަނބިކަަނބަލުން ވަނީ 2015 ގައި އަވަހާރަވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.